މިއީ އަބަދުވެސް ވާގޮތެވެ. ހުއްޓަން ކިތަންމެ ބޭނުންވި ނަމަވެސް ކުޑަ ދުލާއި ކަރުގެ އެންމެ އެތެރެ ފެންނަ ވަރަށް އަނގަ ހުޅުވައިގެން އާފުރެނީ ގިނަފަހަރަށް ނުވެސް އެނގި ހުއްޓަ އެވެ. އެއްބައި ފަހަރަށް ލަދުގަންނަހާ ގިނައިން ވެސް އާފުރޭގޮތްވެ އެވެ. އެކަމަކު މިވަނީ ކިހިނެއް ކަމާ މެދު އެއްވެސް ވަރަކަށް ވިސްނާލެވުނު ހެއްޔެވެ؟
އާފުރުން ނޫނަސް އަހަރެމެންގެ ހަށިގަނޑުން މިކަހަލަ ކުދިކުދި ގޮތްނޭނގޭ މަސައްކަތްތަކެއް ކުރެ އެވެ. ގިނަ ފަހަރަށް 'މަޖާ' ކަންކަމުގެ ގޮތުގައި ކިޔާ ކަންކަމެވެ - ބަނޑުން އެކި ޒާތުގެ އަޑުކިޔުމާއި ވައިލެވޭ ގޮތް ވުމާއި ގިނައިން ފޮޑި ޖެހުން ފަދަ ކަންކަމެވެ.
މި ހިމަނާލަނީ އާފުރުމާއި އޭގެ ފަހަތުގައިވާ ސައިންސެވެ.
އާފުރެނީ ކީއްވެ؟
އާފުރުމާ ގުޅޭގޮތުން އާންމުކޮށް ގަބޫލުކުރާ ވިސްނުމެއް އޮވެ އެވެ - އާފުރޭއިރު ގިނަ އަދަދަކަށް ކާބަންޑައިއޮކްސައިޑް ބޭރުކޮށްދީ، ގިނައިން އޮކްސިޖަން ހަށިގަނޑަށް އެތެރެކޮށްދެ އެވެ. މީގެ ސަބަބުން ނޭވާލުމަށް އެހީވެ އެވެ.
އެހެންނަމަވެސް، މި ތިއަރީއާ ގުޅިފައިވާ އިތުރު ހަގީގަތް ހޯދުމަށް 1980ގެ އަހަރުތަކުގައި ގިނަ ތަހުލީލުތަކެއް ކުރެވުނެވެ. ހުރިހާ ދިރާސާއަކުން ވެސް ހޯދުނީ އާފުރުމުގެ ހަގީގަތަކީ އަދި މައިގަނޑު ބޭނުމަކީ ވެސް އެއީ ނޫންކަމެވެ. އެހެން ކަމަށް ވާނަމަ، އަހަރެމެން އާފުރެނީ ކީއްވެ ހެއްޔެވެ؟

މި ފަހުން ކޮށްފައިވާ ގިނަ އަދަދެއްގެ ދިރާސާ ހޯދުންތަކުން އެނގުނީ، އާފުރުމުގެ ސަބަބުން ސިކުނޑި 'އޯވަހީޓް' ވުމުން ސަލާމަތްކޮށްދީ ސިކުނޑިއަށް ފިނިކޮށްދޭ ކަމެވެ. އޭގެ މިސާލަކީ ލެޕްޓޮޕް ފަދަ ތަކެތީގެ ސިސްޓަމްގެ އެތެރޭގައި އެތަކެތި މާބޮޑަށް އޯވާހީޓްވުމުން ފިނިކޮށްދިނުމަށް ހުންނަ 'އޮޓޯ ފޭން' އެވެ.
ބައެއްފަހަރަށް، އާފުރުމަކީ މީހާ މާ ވަރުބަލިވެފައިވާކަން ނުވަތަ ހަށިގަނޑު އަރާމަކަށް ބޭނުންވާކަން އަންގައިދޭ ސިގްނަލެކެވެ. އެހެންކަމުން މި ހާލަތުގައި އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް މި މެސެޖު ފޮނުވައިދޭ ސިގްނަލެއްގެ ގޮތަށް އާފުރުން މަަސައްކަތްކުރެ އެވެ. އެކަކު އާފުރޭތަން ފެނުމުން އެހެން މީހުންވެސް އާފުރި 'ސިންކް' ވަނީ މި ސަބަބާހެދި ކަމަށް ވެދާނެ އެވެ.
މި ހޯދުންތަކަކީ އަދިވެސް އިތުރަށް ދިރާސާކުރަމުން އަންނަ ހޯދުންތަކެކެވެ. އެހެންވީމަ މިއީ އަދިވެސް ބަހުސްކުރެވިދާނެ މައުލޫއެކެވެ.









