ކްރިކެޓް ވެޓަރަންސް ކުޅުންތެރިން ހިމެނޭ ޓީމަކުން ޏ. ފުވައްމުލަކުގައި މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި މަހު 26-29 އަށް ފުވައްމުލަކު ކުޅެން ހަމަޖެހިފައިވަނީ ޓީ20 މެޗުތަކެކެވެ. މިއީ އަހަރަކު އެއް ފަހަރަކު ކަހަލަ ގޮތަކަށް ކްރިކެޓްގެ ވެޓަރަންސް ކުޅުންތެރިން ފުވައްމުލަކަށް ކުރާ ދަތުރެކެވެ.
މި ދަތުރުގައި 26 ކްރިކެޓް ތަރިން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ލެވަލްގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންނާއި ކުރިން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ވެސް ހިމެނެ އެވެ.
އެ ގޮތުން ކުރީގެ ކްރިކެޓް ކެޕްޓަން، މޫސާ ކަލީމާއި އަހުމަދު ކަލީމް، ފަރުހަތު ޖަލީލް، އިބްރާހިމް ހުސެއިން، އަހުމަދު ޝާހިދު، ނީޝާމް ނާސިރު އަދި އިސްމާއިލް ނިހާދު އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ފުވައްމުލަަކަކީ ކްރިކެޓް ބޯޑުން ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރިއަށްގެންދާ ރަށެކެވެ. ވެޓެރަންސް ކުޅުންތެރިންގެ މި ދަތުރުގައި ކްރިކެޓް ޑިވެލޮޕްމަންޓާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ގްރާސް ރޫޓު ލެވަލުން ފެށިގެން ސީނިއާ ކްރިކެޓާ ހަމައަށް ގިނަ ޕްރޮގްރާމްތަކެއް ފުވައްމުލަކުގައި ކުރިއަށް ދެ އެވެ. އޭގެ ތެރޭގައި ކްރިކެޓް ބޯޑުން އިންތިޒާމްކުރާ މުބާރާތްތައް ވެސް ހިމެނެ އެވެ.












