ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ދަރަނިތައް ނިންމައި، ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.
މިދިޔަ މަހު 29 ވަނަ ދުވަހު ވިކްޓަރީގެ އާ ހިންގާ ބޯޑެއް އެކުލަވާލައި، އެ ބޯޑުން ވަނީ މި މަސް ތެރޭ ނިންމަން ވަކި ކަންތައްތަކެއް ޓާގެޓްކޮށްފަ އެވެ. ވިކްޓަރީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި މަސް ތެރޭ ކުރަން ހުރި ކަންކަން ނިންމާފައިވާ ކަމަށެވެ.
ކުޅުންތެރިންގެ މުސާރަ ނުދިނުމާއި އެޑްމިނިސްޓްރޭޓިވް ގިނަ މައްސަލަތަކުގެ ސަބަބުން އެފްއޭއެމުން 2019 ވަނަ އަހަރު ފުޓްބޯޅައިގެ ހަރަކާތްތަކުން ވިކްޓަރީ އޮތީ ސަސްޕެންޑް ކޮށްފަ އެވެ. އެއީ ކްލަބް ލައިސަންސިން ކަންކަން ފުރިހަމަ ކުރަން ދިން މުއްދަތުގައި އެކަންކަން ނުކުރުމުގެ އިތުރުން މެޗުތަކަށް ހާޒިރުނުވެ، ކުޅުންތެރިންނަށް މުސާރަ ވެސް ހަމަޖައްސައިނުދެވޭ މައްސަލައިގަ އެވެ.
ވިކްޓަރީ ގެ ޗެއާޕާސަނަކަށް އެންމެ ފަހުން ހުންނެވި، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވުމުން މި ފަހުން އިންތިހާބު ކާމިޔާބު ކުރައްވައި، ވިކްޓްރީގެ އާ ރައީސް މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ ހުސެއިން އާދަމް (އާދަމްބެ) ވިދާޅުވީ ކްލަބަކީ ދަރަނިތަކަކާ ހެދި ވުޖޫދުން ފޮހެވިގެންދާ ފަދަ ހާލަތަށް ދާން ޖެހޭ ވަރުގެ ކްލަބެއް ނޫން ކަމަށެވެ.
ވިކްޓަރީން މިއަދު ބުނީ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އެފްއޭއެމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ދޭން ޖެހޭ ކުޅުންތެރިންނާ ހަވާލުކުރުމުގެ ޒިންމާ އެފްއޭއެމުން ހަވާލުވެފައިވާ ކަމަށެވެ.
ޖުލައި ހަތަރު ވަނަ ދުވަހު ފަށާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ވިކްޓަރީން ސްކޮޑެއް ތައްޔާރުކޮށްފައިވާއިރު، ކޯޗަކީ ޕަކީރު އަލީ އެވެ. ލަންކާ ގައުމީ ޓީމުގެ ކޯޗަކަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހުރި ޕަކީރު ވަނީ ރާއްޖޭގެ އެކި ޓީމުތަަކަށް ކޯޗުކޮށްދީފަ އެވެ. އޭނާ އެންމެ ފަހުން ހުރީ ބަންގްލަދޭޝްގެ ޕޮލިސް ޓީމުގެ ކޯޗަކަށެވެ. ޕަކީރު އަލީ އަށް އެހީތެރިވުމުގެ ގޮތުން ލަންކާގެ ކީޕަރު ޓްރެއިނަރަކާއި ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން އިރުޝާދުދިން ކޯޗު އިސްމާއިލް އަނިލް ވެސް ހަރަކާތްތެރިވާނެ އެވެ.
ވިކްޓަރީން އެކުލަވާލި ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ހިމެނެނީ 26 ކުޅުންތެރިންނެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހިމެނީ މިސްރު ތިން ކުޅުންތެރިންނާއި ޖޯޑަން ކުޅުންތެރިއެކެވެ.












