ކަލްކަތާ، އިންޑިއާ (މެއި 26) - ރަޖަތު ޕަތީދާރުގެ ސެންޗަރީއާ އެކު 14 ލަނޑުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށް، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގުގެ ފަހު ޕްލޭއޮފުން ރޭ ފުރުސަތު ހޯދައިފި އެވެ.
މާދަމާރޭ ކުޅޭ ފަހު ޕްލޭއޮފް މެޗުގައި ބެންގަލޫރު ބައްދަލުކުރާނީ ފުރަތަަމަ ޕްލޭއޮފްގައި ބަލިވި ރާޖަސްތާން ރޯޔަލްސްއާ އެވެ. ފުރަތަމަ ޕްލޭއޮފްގައި ރާޖަސްތާން ބަލިކޮށް ގުޖުރާތު ޓައިޓަންސް ވަނީ ފުރަތަމަ އައިޕީއެލް ސީޒަނުގައި ވެސް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ފައިނަލް އޮތީ އަންނަ އާދިއްތަ ދުވަހު އެވެ. ފައިނަލުގައި ގުޖުރާތާ ކުޅޭނީ ބެންގަލޫރު ނޫނީ ރާޖަސްތާން އެވެ.
ކަލްކަތާގެ އެޑެން ގާޑެންސް ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި ޓޮސް ދިމާވީ ލަކްނައު އަށެވެ. އެ ޓީމުން ނިންމީ ފީލްޑް ކުރުމަށެވެ.
ކުޅެން އަރައި، ބެންގަލޫރު ޓީމުގެ އޯޕަނިން ޕާޓްނަޝިޕަށް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ބެންގަލޫރުގެ ވިރާތު ކޯލީ އަށް 24 ބޯޅައިން 25 ލަނޑު ހެދުނުއިރު، އެ ޓީމުގެ ކެޕްޓަން، ފަފް ޑޫ ޕްލެސިސް ވަނީ ފުރަތަމަ ބޯޅައިން ލަނޑެއް ވެސް ނުހެދި ނުބައިވެފަ އެވެ. ބެންގަލޫރު މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ރަޖަތު އަށެވެ. އޭނާ ވަނީ ކުޅެން އަރައި ނުބައިނުވެ، 54 ބޯޅައިން 112 ލަނޑު ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރަޖަތު، ވަނީ ހަތަރަކަށް 12 ފަހަރު އަދި ހަޔަކަށް ހަތް ފަހަރު ޖަހައިފަ އެވެ.
ބެންގަލޫރުން ނިންމާލީ 20 އޯވަރު ހަމަވިއިރު، ހަތަރު ކުޅުންތެރިން ނުބައިވެެގެން 207 ލަނޑު ހަމަކޮށްފަ އެވެ.
ޖަވާބުގައި ލަކްނޯ އިން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 193 ލަނޑެވެ. ލަކްނޯ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ޓީމުގެ ކެޕްޓަން، ކޭއެލް ރާހުލް އެވެ. އޭނާ ވަނީ 58 ބޯޅައިން 79 ލަނޑު އެއްކޮށްފަ އެވެ. އެ ޓީމުން ދެން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 45 ލަނޑު ހެދި ދީޕަކް ހޫޑާ އެވެ. ލަކްނޯ އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ، ކްރުނާލް ޕާންޑްޔާ އަށް ލަނޑެއް ވެސް ނުހެދި ފައިބަން ޖެހުމުންނެވެ.
ބެންގަލޫރަކީ އައިޕީއެލްގެ ޗެމްޕިއަންކަން ނުހޯދައި ފައިނަލުގައި އެންމެ ގިނަ ފަހަރު ބަލިވި ޓީމެވެ. ތިން ފަހަރެއްގެ މަތިން އައިޕީއެލް ފައިނަލުން ބެންގަލޫރު ބަލިވިއިރު، މި ފަހަރު އެ ޓީމަށް ޗެމްޕިއަންކަން ހޯދިދާނެ ކަމަށް ޓީމުގެ ތަރި ކޯލީ ވަނީ ބުނެފަ އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއީ ސުޕަ ކިންގްސް ވަނީ ކަޓައިފަ އެވެ. ލީގު ބުރުގައި އެ ޓީމު ނިންމާލީ ނުވަ ވަަނައިގަ އެވެ.












