ކޮލްކަތާ، އިންޑިއާ (މެއި 25) - ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ގުޖުރާތު ޓައިޓަންސް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ލީގު ބުރުގެ އެއް ވަނަ ހޯދި ގުޖުރާތު ޓީމުން ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ފުރަތަމަ ޕްލޭއޮފްގައި ރާޖަސްތާން ރޯޔަލްސް އަތުން ހަތް ވިކެޓުން މޮޅުވެގެންނެވެ. އަންނަ ހުކުރު ދުވަހު ރާޖަސްތާން ރޯޔަލްސް ފަހު ޕްލޭއޮފްގައި ކުޅޭނީ މިރޭ ލަކްނައު ސުޕަ ޖަޔަންޓްސް އާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ފަހު ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.
ކަލްކަތާގެ އެޑެން ގާޑެންސްގައި ރޭ ކުޅުނު ފުރަތަމަ ޕްލޭއޮފްގައި ޓޮސް ދިމާވީ ގުޖުރާތަށެވެ. އެ ޓީމުން ނިންމީ ފީލްޑް ކުރުމަށެވެ.
ރާޖަސްތާން ޓީމުން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، ހަ ކުޅުންތެރިން ނުބައިވެގެން ހެދީ 188 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 56 ބޯޅަ އިން 89 ލަނޑު އެއްކުރި ޖޯޝް ބަޓްލާ އާއި 26 ބޯޅައިން 47 ލަނޑު ހެދި ސަންޖޫ ސަމްސޮން އެވެ.

ރޭ ތަފާތު ދެއްކި މިލާ (ކ) އާއި ހަރްޑިކްގެ ޕާޓްނަޝިޕް.
އެންމެ ފުރަތަަމަ ބޭއްވި އައިޕީއެލް މުބާރާތުގެ ތަށި 2008 ވަނަ އަހަރު ހޯދި ރާޖަސްތާން ޓީމުން ރޭ ބެޓިން ގައި ތަފާތެއް ދެއްކުނީ ބަޓްލާ އާއި ސަމްސޮންގެ އިތުރުން ދޭވްދަތު ޕަޑިކާލް އަށެވެ. ދެން، އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ބެޓިންގައި 10 ލަނޑު ވެސް އެއް ނުކުރެވުނެވެ.
ގުޖުރާތު ޓީމުން ބެޓިން އަށް އަަރައި ފޯމުގައި ކުޅެލި އެވެ. އެ ގޮތުން އެ ޓީމުގެ ތަރިންނަކީ ހަރްޑިކް ޕާންޑްޔާ އާއި ދެކުނު އެފްރިކާގެ، ޑޭވިޑް މިލާ އެވެ. ގުޖުރާތުން ފުރަތަމަ ކުޅެން އެރި ޝުބްމަން ގިލް އާއި މެތިއު ވޭޑް ވެސް ވަނީ ރަނގަޅު ރޭޓެއްގައި ލަނޑު އެއްކޮށްފަ އެވެ.
ޝުބްމަން އާއި ވޭޑް ކޮންމެ ކުޅުންތެރިއަކު 35 ލަނޑު އެއްކުރިއިރު، ދެން، އެރި ހަރްޑިކް އާއި މިލާ ވަނީ ނުބައިނުވެ، ތަފާތު ރޫހެއްގައި ކުޅެފަ އެވެ. ހަރްޑިކް ވަނީ 27 ބޯޅައިން 40 ލަނޑު އެއްކޮށްފަ އެވެ. އަދި މިލާ ވަނީ 38 ބޯޅައިން 68 ލަނޑު ހަދައިފަ އެވެ. ބާކީ ތިން ބޯޅަ އޮއްވައި، ގުޖުރާތު މޮޅުވެގެން މެޗު ނިމުނުއިރު، އެ ޓީމުން ވަރަށް ބޮޑަށް އުފާފާުކުރި އެވެ. އެއީ އަލަތު މުބާރާތުގައި ވެސް ފައިނަލުން ފުރުސަތު ލިބުމުންނެވެ. ފައިނަލް އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.












