ޔޫރަޕާއި އެފްރިކާ ސަރަހައްދުން އާންމުކޮށް ފެންނަ 'ސްޓޯކް' އާއިލާ އަށް ނިސްބަތްވާ ދޫންޏެއް ލ އަތޮޅު ހިތަދޫ އިން ފެނިއްޖެ އެވެ.
އެރަށުން ފެނިފައިވަނީ 'ވައިޓް ސޯޓޯކް' އެކެވެ. އޭޝިއާ ސަރަހައްދުގައި ދިރިނޫޅޭ މިވައްތަރުގެ ދޫނި، ފިނި މޫސުމުގައި ދެކުނު އިންޑިއާ އިން ވަރަށް މަދުން ފެނެ އެވެ. އަދި ލަންކާއިން ވެސް ވަރަށް މަދުން ފެންނަ ކަމަށްވެ އެވެ. ރާއްޖެއިން މި ވައްތަރުގެ ދޫންޏެއް ފެނިގެން ރިކޯޑުކުރި މިއީ ފުރަތަމަ ފަހަރެވެ. ފެނިފައިވަނީ ވެސް އެންމެ ދޫންޏެކެވެ.
މާކަނާއެއްގެ ސިފައާ އެއްގޮތްކަމެއް ހުންނަ ސްޓޯކަކީ މާކަނާ އާއިލާ އަށް ނިސްބަތްވާ ދޫންޏެއް ނޫނެވެ. ސްޓޯކުގެ ހަށިގަނޑާއި އިސްކޮޅު މާކަނާއަށްވުރެ ބޮޑުވެފައި ދިގެވެ. މޫދު މަސް ކައިގެން ދިރިހުންނަ މާކަނާއާ ހިލާފަށް އެއްގަމުގައި ދިރިއުޅޭ ސްޓޯކް ކައިއުޅެނީ ވިހައި އުޅޭ ކުދި ޖަނަވާރެވެ. އަދި ބައެއް ކަހަލަ ސޫތްޕާއި ކުދި ފިޔޮކާއި އެކި ވައްތަރުގެ ދޫނި ވެސް ކައި އުޅެ އެވެ.

ސްޓޯކަކީ މޫދު ނުވަތަ މޫދާއި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ދޫންޏެއް ނޫނެވެ. އާންމުކޮށް ސްޓޯކް އާއިލާގެ ދޫނި ފެންނަނީ ޔޫރަޕްގެ ގައުމުތަކުންނާއި ދެކުނު އެފްރިކާ އާއި މެދު އިރުމަތީ ގައުމުތަކުންނެވެ. ދިރިއުޅެނީ ގަސް ގިނަ ފެހި ހިސާބުތަކުގައެވެ.












