ވެރި ރަށް މާލެއަށް ކަރަންޓު ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ފީޑަރުތައް ނުވަތަ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޓްރާންސްމިޝަން ލައިންތަކަށް މައްސަލައެއް ޖެހި މުޅި ރަށުން އެއްކޮށް ކަރަންޓު ކެނޑިއްޖެ އެވެ.
މާލޭގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ފަތިހު 4:30 ގެ ކުރިންނެވެ. ސްޓެލްކޯއިން ބުނީ އެހެން ދިމާވީ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުން ކުރާ ފީޑަރުތަކަށް ކުއްލިއަކަށް "އާތު ފޯލްޓެއް" ދިމާވެގެން ކަމަށެވެ. އާތު ފޯލްޓެއް ދިމާވުމުން ކަރަންޓު ދިނުމަށް ބޭނުން ކުރާ ނިޒާމު ޝޯޓުސާކަޓުވެ، އެ ޝޯޓުސާކެޓްވި ކަރަންޓު ސިސްޓަމުގެ ތެރެއިން ދާނެ އެވެ.
"ދިމާވި އާތު ފޯލްޓަކާއި ގުޅިގެން މާލެއަށް ކަރަންޓު ފޯރުކޮށްދެމުންދާ ފީޑަރުތަކުގެ ތެރެއިން ނުވަ ފީޑަރެއް ނިވި، އޭގެ ތެރެއިން އެއް ފީޑަރު ފިޔަވާ ހުރިހާ ފީޑަރެއް މިވަގުތު ވަނީ އެނާޖައިޒް ކުރެވި ހިދުމަތްދޭން ފަށާފައި. އެނާޖައިޒް ނުކުރެވިވާ ފީޑަރަށް ދިމާވެފައިވާ މައްސަލަ،" ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ފަތިހު ކަރަންޓު ކެނޑުމަށްފަހު 7:00 ޖަހާކަންހާއިރު އަލުން ކަރަންޓު ލިބުނެވެ. ނަމަވެސް ކުޑަ އިރުކޮޅެއްފަހުން އަނެއްކާ ވެސް މުޅި މާލެއިން އެއްކޮށް ކަރަންޓު ކެނޑުނީ އެވެ. އޭގެ ފަހުން ސްޓެލްކޯއިން ބުނެފައި ވަނީ ފަހުން ކަރަންޓު ދިޔައީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިވަގުތު މުޅިމާލެެއިން ވަނީ ކަރަންޓު ކެނޑިފައި. ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.














