މެންޗެސްޓާ (މެއި 23) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާ ނެގި ރިސްކެއްގެ ގޮތުގައި ނުދެކޭ ކަމަށް އެ ޓީމާ ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ޔުނައިޓެޑާ ހަވާލުވި ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅުނު ފަހު މެޗުގައި ކްރިސްޓަލް ޕެލަަސް އަތުން 1-0 އިން ބަލިވި މެޗު ބަލަން ޓެން ހާގް ވަނީ ކްރިސްޓަލް ޕެލަސް ދަނޑަށް ގޮސްފަ އެވެ. އެ މެޗަށް ފަހު ސްކައި ސްޕޯޓްސް އިން ޓެން ހާގާ ސުވާލުކުރަން އުޅުމުން އެ އަށް ޖަވާބެއް ނުދިނެވެ. އެއީ ޔުނައިޓެޑުން ރަސްމީކޮށް އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ޓެން ހާގް މީޑިއާ އަށް ތައާރަފް ނުކުރާތީ އެވެ.
ޔުނައިޓެޑުން މިއަދު ވަނީ ޓެން ހާގަކީ އެ ޓީމުގެ އާ ކޯޗުކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ފާއިތުވި ފަަސް އަހަރު ޔުނައިޓެޑަށް ތަށްޓެއް ލިބިފައިނުވާއިރު، އަމުދުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށްވެސް އެ ޓީމު ކޮލިފައިނުވެ އެވެ. އެންމެ ފަހުން ޔުނައިޓެޑަށް ކޯޗުކޮށްދިން އޮލެ ގުނަ ސޯލްޝެއާ އާއި ރަލްފް ރަންގްނިކް މަގާމުގައި ދުވަސްތައް ހޭދަކުރީ ޕްރެޝަރުތަކާ ކުރިމަތިލަމުންނެވެ. މި ފަދަ ދަނޑިވަޅެއްގައި ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަކީ ރިސްކެއް ނޫންތޯ އެހުމުން ޓެން ހާގް އެކަމަށް އެއްބަހެއްނުވި އެވެ.
"އަހަންނެއް ނުދެކެން މިއީ ރިސްކެއް ކަމަކަށް، އަހަންނަށް އެބަ ފެނޭ މި ކްލަބްގައި މުއްސަނދި ތާރީހެއް އޮތްތަން، އެކުގައި މަސައްކަތް ކޮށްގެން ކާމިޔާބު މުސްތަގުބަލެއް ހޯދޭނެ،" ޓެން ހާގް ބުންޏެވެ.
ޔުނައިޓެޑް މި ސީޒަން ނިންމާލީ 58 ޕޮއިންޓާ އެކު އެވެ. މިއީ 1990 ވަނަ އަހަރަށް ފަހު ޔުނައިޓެޑުން ލީގުގައި އެންމެ މަދުން ޕޮއިންޓް ހޯދި ސީޒަނެވެ. އަދި ޔުނައިޓެޑުން މި ފަހަރު ލީގުގައި ގޯލު ޖެހި އަދަދަށް އެ ޓީމު ކޮޅަށް ވަނީ ގޯލު ވަދެފަ އެވެ. ޔުނައިޓެޑަށް ފައިދާ ގޯލެއް ނެތި ލީގު ސީޒަނެއް ނިންމާލަން ޖެހިފައި މިވަނީ 32 އަހަރު ތެރޭ ފުރަތަމަ ފަހަރަށެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް: ޔުނައިޓެޑްގެ ހާލަތު ބަދަލުކުރެވޭނެ ކަމަށް ޓެން ހާގް ބުނެފައިވޭ.
ޓެން ހާގް ބުނީ ޔުނައިޓެޑްގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުމަށް ވުރެ އެކަންކަން ހައްލުކުރަން ކުރަން ހުރި މަސައްކަތަށް ފޯކަސް ކުރަން ބޭނުންވާ ކަމަށެވެ.
"ބޮޑެތި ޓާގެޓްތަކެއް އެބަހުރި، އެކަމަކު، އެކަންކަން ފުރިހަމަކޮށް އަމާޒަށް ވާސިލްވާން ލިބިފައި އޮތީ ކުރު މުއްދަތެއް،" ޓެން ހާގް ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ފަހަރު ހޯދާފައިވާ ޔުނައިޓެޑުން އެންމެ ފަހުން ތަށީގައި އަތްލީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމަށް ލީގު ތަށްޓައް މަދު ސީޒަނެއްގައި ވާދަކުރެވުނުއިރު، މިދިޔަ ފަހެއް ނޫނީ ހަ ވަރަކަށް އަަހަރު ލީގުގެ ރޭހުގެ ކުރީގައި އޮތީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި ޗެލްސީ އެވެ.
ޓެން ހާގް ބުނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އެކަމަކު، އެ ކޯޗުން ޓީމުތަކުގައި ކުރާ ކާމިޔާބު މަސައްކަތްތައް އަބަދު ދެމި އޮތުމަކީ ފުޓްބޯޅައިގައި ނުވާނެ ކަމެއް ކަމަށް ޓެން ހާގް ދެކެ އެވެ.
"އެ މީހުންނާ (ކްލޮޕާއި ގާޑިއޯލާ) ވާދަކުރަން ބޭނުން، އަހަންނަށް ޔަގީން ދެން ތިބި ޓީމުތަކުން ވެސް އެކަން ކުރަން ބޭނުންވާނެ،" ގާޑިއޯލާ ބަޔާން މިއުނިކްގެ ކޯޗަކަށް ހުރިއިރު، ބަޔާންގެ ޔޫތު ޓީމާ ހަވާލުވެހުރި ޓެން ހާގް ބުންޏެވެ.
ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން ރޮނާލްޑޯ އަލުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުުރުސަތު އެބައޮތެވެ.
ޓެން ހާގް، އެންމެ ފަހުން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އަޔަކްސްއާ ހަވާލުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އަޔަކްސްއާ އެކު ޓެން ހާގް ވަނީ ނެދަލެންޑްސްގެ ލީގު ތިން ފަހަރު، ކަޕް ދެ ފަހަރު އަދި ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.












