ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކް އެޕްލިކޭޝަންގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓްގެ ހިދުމަތް ވެސް ލިބޭ ގޮތަށް އެ އެޕްލިކޭޝަނަށް މުހިންމު ބަދަލުތަކެއް ގެނެސް މިއަދު އެކަން ތައާރަފްކޮށްފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސްޔޯ ވިދާޅުވީ ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެން ދިއުމުން ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް އެ ހިދުމަތް ހޯދޭނެ ކަމަށެވެ.
ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޓެޕް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާޗަންޓަކަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލަށް ތައާރަފް ކުރެވުނު މި ހިދުމަތާ އެކު ބީއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އަދި ހަމައެކަނި މޯބައިލް ނަންބަރު މެދުވެރިކޮށް އާއިލާއާއި ރަހުމަތްތެރިންނަށް ފައިސާ ވެސް ފޮނުވޭނެ އެވެ.
"މިފަދަ ހިދުމަތެއް ބޭންކްގެ އެޕް މެދުވެރިކޮށް ދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިން ހިދުމަތެއް ދިނުން،" ސީއީއޯ ޓިމް ވިދާޅުވި އެވެ.
ދެހާސްފަނަރަވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިން ހިދުމަތް ބީއެމްއެލް އިން ތައާރަފް ކޮށްފައި ވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެ ތަނަކު ހުރެގެން ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކްގެ 90 ޕަސެންޓް ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރެ އެވެ.










