ނިއުދިއްލީ، އިންޑިއާ (މެއި 21) - އިންޑިއާގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރަން މީގެ ތިން ދުވަސް ކުރިންކުރި އަމުރު ތަންފީޒުކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމު ފުރަމުން އައި ޕްރަޕުލް ޕަޓޭލް ވިދާޅުވެއްޖެ އެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަން ތިން ދައުރުކުރެއްވި، ޕްރަފުލްގެ އެންމެ ފަހުގެ ދައުރުގެ މުއްދަތު 2020 ޑިސެމްބަރަށް ހަމަވާނެ އެވެ. މީގެ ދޮޅު މަސް ކުރިން، އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިތުރަށް ފަސް ނުކޮށް އިންޑިއާ ފުޓްބޯޅައިގެ އިންތިހާބުވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭނެ ކަމަށެވެ. އަދި މި ވަގުތު އިންޑިއާ ފުޓްބޯޅައިގެ އިސް ވެެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެމްބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.
ސަރުކާރުން އެދޭ ގޮތަށް، އިންޑިއާ ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ތިން މެމްބަރުންގެ ނޯމަލައިޒް ކޮމިޓީއެއްގެ ދަށަށް އެ ފެޑެރޭޝަން ހިންގުން ބަދަލުކުރަން އަންގައިފަ އެވެ.
ސުޕްރީމް ކޯޓުން އައްޔަންކުރި، ތިން މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ރިޓަޔަކޮށްފައިވާ ޖަޖް، އަނިލް އާރް ދޭވް، ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު އެސްވައި ކުރޭޝީ އަދި އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ބާސްކަރު ގަންގޫލީ އެވެ. ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ، ޕްރަފުލް ޕަޓޭލްގެ ލީޑަޝިޕް އަތުން ބާރުތައް ނަގައި، މި ތިން މެމްބަރުންގެ ކޮމީޓީއާ ހަވާލުކުރުމަށެވެ. އަދި ވީ އެންމެ އަވަހަށް އިންޑިއާ ގާނޫނުގައިވާ ގޮތުގެ މަތިން، ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބު ބޭއްވުމަށް ވެސް ވަނީ އަންގައިފަ އެވެ. އިންތިހާބު ބޭއްވެން އޮތީ، 2017 އިން ފެށިގެން އިންޑިއާ ސުޕްރީމް ކޯޓުގައި އޮތް، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އަސާސީ ގަވާއިދާ ބެހޭ މައްސަލައިގައި ގޮތެއް ނިންމިގެންނެވެ.
ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ޕްރަފުލްގެ ލީޑަޝިޕުން އަމަލުކުރަން ނިންމާފައިވާއިރު، އެ ގޮތަށް ނިންމީ ފީފާ އާއި އޭއެފްސީ އަށް ވެސް މައުލޫމާތު ދިނުމަށް ފަހު އެވެ. ޕްރަފުލް، އިންޑިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އާންމުުކުރެއްވި ސިޓީގައި ވިދާޅުވީ ކޮމިޓީގެ މެމްބަރުންނަށް މަރުހަބާ ކިޔާކަމަށާއި އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން އިންތިހާބަކަށް ގެންދާއިރު، އެ ގައުމުގެ ނެޝަނަލް ސްޕޯޓްސް ކޯޑާއި އޭއެފްސީ އަދި ފީފާގެ އަސާސީ ގަވާއިދުގެ ތެރެއިން ކަންކަން ގެންދިއުމަށެވެ.
"އިންޑިއާ ފުޓްބޯޅަ ކުރިއަށް ގެންދަން ކުރަން ޖެހޭ ކޮންމެ މަސައްކަތެއްގައި ވެސް އަހަރެންގެ އެއްބާރުލުން ލިބޭނެ. ފުޓްބޯޅަ އަށް ހިދުމަތްކުރަން މި ލިބުނު ފުރުސަތުތަކަށް އަބަދުވެސް ޝުކުރުވެރިވާނަން،" ފީފާ ކައުންސިލް މެމްބަރުކަން ކުރައްވަމުން އަންނަ ޕްރަފުލް ވިދާޅުވި އެވެ.
ޕްރަފުލް ވިދާޅުވީ އޭނާގެ ލީޑަޝިޕްގައި އިންޑިއާ ފުޓްބޯޅަ އަށް މުހިންމު ގިނަ ބަދަލުތަކެއް ގެނެވި، ބައިނަލްއަގުވާމީ ލެވަލްގައި އިންޑިއާ އަކީ ނަން ހިނގާ ގައުމަކަށް ހެދުނީ ވަރަށް މަސައްކަތުން ކަމަށެވެ. އެ ގޮތުން އިންޑިއާގެ ސުޕަ ލީގާއި އައި ލީގުގެ ތެރެއިން ސަރަހައްދީ މުބާރާތްތަކުގެ ތެރެއަށް ކޮލިފައިވެވޭ އޮނިގަނޑެއް ހަދައިދިނުމާ އިންޑިއާ ފީފާ ރޭންކިންގެ ގަދަ 100 ގައުމުގެ ތެރެއަށް ގެންގޮސްދިނުމަކީ ޕްރަފުލްގެ ދައުރުތަކުގައި ހާސިލްކުރެވިފައިވާ މުހިންމު ކަންކަމެެވެ. އަދި އަންހެން ފުޓްބޯޅައިގައި އިންޑިއާ އަކީ ދުނިޔޭގެ ލެވަލްގައި ބޮޑު ގައުމަކަށް ހަދަން އެ ގައުމުގައި ވަރުގަދަ އަންހެން ފުޓްބޯޅަ ލީގެއް ކުރިއަށްގެންދިއުމަކީ ބޮޑު މަސައްކަތެއްގެ ގޮތުގައި ޕްރަފުލް ދެކިލައްވަ އެވެ.
ޕްރަފުލް އަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަރިސް ބޭފުޅެކެވެ. އެ ކަމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް 2017 ވަނަ އަހަރު ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު އިންޑިއާ އަށް ދިނުމެވެ. އަދި މި އަހަރު ފީފާގެ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ވެސް ދީފައި އޮތީ އިންޑިއާ އަށެެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްގެންދަން ފެށުމުން އެންމެ ފުރަތަމަ ޕްރަފުލް ވަނީ އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ދުވަސްވަރު، ޕްރަފުލްގެ ގާނޫނީ ވަކީލާ ހަވާލާދީ އިންޑިއާގެ އެކި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދައުރު ހަމަވިތާ 14 މަސްވީއިރު ވެސް އިންޑިއާގެ ސަރުކާރުން ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބަށް ވީ ގޮތެއް ނުބަލައި، ކުއްލިއަކަށް ސުޕްރީމް ކޯޓު މެދުވެރިކޮށް ޕްރަފުލް މަގާމުން ދުރުކުރަން އުޅެނީ މީގެ ވަކި ބައެއްގެ "އަމިއްލަ މަސްލަހަތު" އޮތުމުން ކަމަށް ބެލެވޭ ކަމަށެވެ.
ސުޕްރީމް ކޯޓުން މައްސަަލަ ބަލާތީ ފުރަތަމަ ނުރުހުންވި ނަމަވެސް އެ ކޯޓުން އަމުރުކުރުމުން އެ އަށް ބޯލަނބަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން އަށް މަޖުބޫރުވީ އެވެ.
އިންޑިއާގެ ކުޅިވަރު ކޯޑުގައިވާ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސްގެ މަގާމުގައި އެކަކަށް ތިން ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ އެވެ. އިންޑިއާގެ ކުޅިވަރާބެހޭ އިސް ފަރާތްތަކުގެ އެއްބާރުލުމާ އެކު އެކުލަވާލި ސްޕޯޓްސް ކޯޑަށް 2011 ވަނަ އަހަރު ފެށިގެން އަންނަނީ އަމަަލުކުރަމުންނެވެ.












