މެޑްރިޑް (މެއި 21) - ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަހު މެޗުން ރޭ ރެއާލް ބެޓިސްއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ރެއާލުން މި ފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު، ބެޓިސް އިން ވަނީ ސްޕެނިޝް ކޮޕަ ޑެލް ރޭ ކާމިޔާބުކޮށްފަ އެވެ. ދެ ޓީމުގެ ކާމިޔާބީގެ އަގުވަޒަންކުރުމަށް މެޗު ފެށުމުގެ ކުރިން އެއް ޓީމު އަނެއް ޓީމަށް ވަނީ ގޯޑް އޮފް އޮނާއެއް ދީފަ އެވެ.
މެޗު ފަށައިގެން ފުރަތަމަ 10 މިނިޓް ތެރޭ ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ ޖެހި ބޯޅައެއް ބެޓިސްގެ ޑިފެންޑަރު މާކް ބާޓްރާ ވަނީ ބްލޮކްކޮށްފަ އެވެ. އަދި ޓޯނީ ކްރޫސް ޖެހި ރީބައުންސް ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ލޫކަ މޮޑްރިޗް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ބެޓިސްގެ ކީޕަރު ރުއީ ސިލްވާ އަތަށެވެ. އަދި ކަަސެމީރޯ ޖެހި .ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ދެ ވަނަ ހާފުގައި ބެންޒެމާ ޖެހި ވޮލީ ކީޕަރު ރުއީ ސިލްވާ އަތުގައި ޖެހިފައި ނުކުތް ވަގުތު ރޮޑްރީގޯ ބޯޅަ ފޮނުވާލި ނަމަވެސް ގޯލާ ސީދާނުވި އެވެ. ބެޓިސް އިން މެޗުގައި ގޯލާ ސީދާކޮށް ޖެހި ފުރަތަމަ ހަމަލާ ފެނުނީ 58 ވަނަ މިނިޓްގަ އެވެ. އެ ގޮތުން އަންދްރޭސް ގުއަޑާޑޯ ޖެހި ބޯޅަ އަމާޒުވީ ރެއާލް ކީޕަރު ތިބައު ކޯޓުއާ އަތަށެެވެ.
ރެއާލްގެ އެޑުއާޑޯ ކަމަވިންގާ ޖެހި ބޯޅައެއް ވެސް ކީޕަރު ރުއީ ސިލްވާ މަތަކުރިއިރު، މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި ބެޓިސް މޮޅުކޮށްދޭން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ވަކީން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި މެޗުގެ ފަހު ހާފުގައި ރެއާލުން ވަނީ މާސެލޯ ކުޅެން އަރުވައިފަ އެވެ. މިއީ މާސެލޯ ރެއާލް ޖޯޒީގައި އެ ޓީމު ދަނޑުގައި ކުޅުނު ފަހު މެޗެވެ. ރެއާލަށް ދެން މި ސީޒަނުގައި ބާކީ އޮތީ 28 ވަނަ ދުވަހުގެރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލެވެ.












