ގައުމެއްގެ މުސްތަގުބަލު ބިނާ ވާނީ އެ ގައުމެއްގެ ޒުވާނުންގެ މައިބަދައިގައި ވަރު ހުރި މިންވަރަކުން ކަމަށް ވިދާޅުވެ ކަންކަމުގައި އިސް ނެގުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޒުވާނުންނަށް ގޮވާލައްވައިފި އެވެ.
ޔޫތު ލީޑާސް ނެޓްވޯކު އުފައްދައި ލީޑަރުން ބިނާ ކުރުމަށް އަމާޒުކޮށް ހޯމް މިނިސްޓްރީން އަންނަނީ ހާއްސަ ފޯރަމްތަކެއް ބާއްވަމުންނެވެ. އެ ފޯރަމްތައް ހިންގަނީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ށ. މިލަންދޫގައި ކުރިއަށްދާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ރޭ ވިދާޅުވި އެވެ.
"މުސްތަގުބަލު ބިނާ ވާނީ އެ ގައުމެއްގެ ޒުވާނުންގެ މައިބަދައިގައި ވަރު ހުރި މިންވަރަކުން. ޒުވާން ޖީލަކީ ހަށިގަނޑު ހެޔޮ، އިލްމީ ގާބިލު ކަމާއި، ފަންނާއި ހުނަރުވެރިކަން ހުރި، މަސައްކަތްތެރިކަމާއި މުރާލިކަން ހުރި، ރިވެތި އަހުލާގާއި ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއް ނަމަ، އެ ގައުމު ދާނީ ފަތު އަޑު ކިޔާފައި ބާރަށް ކުރިއަށް،" ޒުވާނުންނަށް ނަސޭހަތްތެރިވަމުން އިމްރާން ވިދާޅުވި އެވެ.
ނަމަވެސް، އެފަދަ ސިފަތައް އެ ގައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެ ނަމަ އެ ގައުމެއްގެ މުސްތަގުބަލާ މެދު ހިތާމަކުރަން ޖެހޭނެ ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.
"ތާރީހު ކިޔައިފިނަމަ ރާއްޖެއަށް ދިމާވި ކޮންމެ ބޮޑު ދަތި އުނދަގުލެއްގައި، ކޮންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލައިގެން ނުކުމެފައި ހުންނާނީ ޒުވާން ހިތްވަރުގަދަ ބަތަލުން،" ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމުގައި ކުރީގެ ބަތޮލުން އަދާކުރެއްވި ދައުރަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވި އެވެ.

އެފަދަ ޒުވާނަކަށް ވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށް ވެސް އޮތް ކަމަށާއި ރަށްރަށުގައި ކުރަން ޖެހޭ ކަންކަމުގައި ޒުވާނުން އިސްނަގައިގެން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިމްރާން ވިދާޅުވި އެވެ.
""ބައެއްގެ މެދުގައި އިލްމްވެރިކަން ފެތުރި އާއްމުވެއްޖެނަމަ ޖާހިލު ކަމާއި ނޭންގުންތެރިކަން ނެތިވެ އިންދިރާސް ވެދާނެ. ތަނަވަސް ކަމާއި ތިޔާގިކަން އާއްމުވެއްޖެނަމަ ފަގީރުކަމާއި ތަދުމަޑުކަން ފިލައިގެން ހިނގައި ދާނެ. ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެނަމަ އެބައެއްގެ މެދުން ކަންނެއްކަމާއި, ފިނޑިކަން ނެތިވެ ހިނގައިދާނެ. ބައެއްގެ މެދުގައި ޝަރީއަތާއި ގާނޫނަށް ތަބާވުން އަށަގެންފިކަމަށް ވާނަމަ އެބައެއްގެ މެދުން އަނިޔާވެރިކަމާއި, ކުށްކުރުމާއި, ޖަރީމާތަކުން ނެތިވެ ސަލާމަތްވާނެ،" އެ ޖަލްސާއަށް ހާޒިރުވެ ތިބި ޒުވާނުންނާ މުހާތަބު ކުރައްވައި އިމްރާން ވިދާޅުވި އެވެ.
ޔޫތް ލީޑާސް ނެޓްވޯކަކީ ހޯމް މިނިސްޓްރީ ތެރޭގައި އޮންނަ ކޮލެޖް ޔުނިވާސިޓީގެ ދަރިވަރުން ތަމްސީލުކުރާ ނެޓްވޯކެކެވެ. ށ. މިލަންދޫގައި ބޭއްވި ފޯރަމްގައި އެ އަތޮޅުގެ 13 ރަށަކުން ޒުވާނުން ބައިވެރިވި އެވެ.













