އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމުން ޕްރެކްޓިސްތައް ރޭ ފަށައިފި އެވެ.
ގައުމީ ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. މާޒިޔާ އިން މި ވަގުތު ތިބީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން، އިންޑިއާގެ ކަލްކަތާގަ އެވެ. މާޒިޔާ ކުޅުންތެރިން ގައުމީ ޓީމާ އެންމެ އަވަހަށް ވެސް ގުޅޭނީ މި މަހު 25 ވަނަ ދުވަހު އެވެ. އެއީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ އެންމެ ފަހު މެޗު އޮތީ މި މަހު 24 ވަނަ ދުވަހު ކަމަށްވާތީ އެވެ.
ގަލޮޅު ދަނޑުގައި ރޭ ޕްރެކްޓިސްތައް ފެށިއިރު، ގައުމީ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ މި ފަހަރު ސްކޮޑުން އާ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި އީގަލްސްގެ ފަހަތަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުމެއިދު ހުސެއިން އާއި ޒައިން ޒަފަރު، ކްލަބް ވެލެންސިއާގެ ފުލްބެކް، އަހުމަދު ސިޒާން (ސިއްޕެ) ހިމެނެ އެެވެ. އަދި އީގަލްސް ޓީމުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅަށް ކުޅުނު ކީޕަރު، ހަސަން އަލީފް އިބްރާހިމް ވެސް ވަނީ ޕްރެކްޓިސް ކުރަމުން އަންނަ ފަސް ކީޕަރުންގެ ތެރޭގައި ހިމެނިފަ އެވެ.
އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ކުޅުންތެރިންނަށް ބަލާއިރު، ކްލަބް ވެލެންސިއާގެ ކެޕްޓަން، އަލީ ފާސިރު (ސެންޓޭ) އާއި ޔުނައިޓެޑް ވިކްޓަރީގެ ވިންގް، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ހިމެނެ އެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ކޯޗު މޮރިއޭރޯ އަށް ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ. ކޮލިފައިންގައި ރާއްޖެ އޮތީ އުޒްބެކިސްތާނާއި ތައިލެންޑް އަދި ސްރީ ލަންކާ އެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒްކޮށް އުޒްބެކިސްތާންގަ އެވެ. ރާއްޖޭން އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ހުށަހެޅި ނަމަވެސް އެ ފުރުސަތު ދިން ހަ ގައުމުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. ކޮލިފައިން ހޯސްޓް ކުރުމުގެ ފުރުސަތު އޭއެފްސީން ދިނީ އުޒްބެކިސްތާން، މެލޭޝިއާ، ކުވެއިތު، މޮންގޯލިއާ، ކިރްގިސްތާން އަދި އިންޑިއާ އަށެވެ.
ކޮލިފައިންގައި ރާއްޖޭން ކުޅޭ މެޗުތައް އޮތީ ފުރަތަަމަ ޖޫން އަށް ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށް ކުޅުމަށް ފަހު 11 ވަނަ ދުވަހު އުޒްބެކިސްތާނާ ބައްދަލުކުރުމަށް ފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 14 ވަނަ ދުވަހު ލަންކާއާ ގުޅޭގޮތަށެވެ.
ކޮލިފައިންއާ ދިމާކޮށް، ސްރީ ލަންކާ އިން ވަނީ އާ ކޯޗެއް ހަމަޖައްސައިފަ އެވެ. ގަތަރުގެ އެސްޕަޔާ ފައުންޑޭޝަންގެ އެހީގައި ތިން އަހަރުގެ ޕްރޮގްރާމެއްގެ ތެރެއިން ސްރީ ލަންކާ ގައުމީ ޓީމުގެ ކޯޗަކަށް ގެނައީ ކުރިން މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ކޮށް، ކޯޗިންގައި ވޭލްސް ލީގުގައި މަސައްކަތްކުރި އެންޑީ މޮރިސަން އެވެ.
އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ.
ޗައިނާ އިން ވަނީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން އެ ގައުމުގައި އަންނަ އަހަރު އޭޝިއަން ކަޕް ނުބޭއްވޭނެކަން އަންގައިފަ އެވެ. އޭޝިއަން ކަޕް ހޯސްޓްކުރާނެ ގައުމެއް އަދި ނިންމާފައިނުވާއިރު، ގަތަރުން މުބާރާތް ހޯސްޓްކުރަން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.












