އދ.، އެމެރިކާ (މޭ 17) - އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓް ކުރުން މަނާ ކުރި ނިންމުން އުވާލުމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަ އެންމެ އިސް ޑިޕްލޮމެޓް ގޮވާލައްވައިފި އެވެ.
"ކާބޯތަކެތީގެ އެކްސްޕޯޓާ ގުޅޭ ފިޔަވަޅުތައް ނޭޅުމަށް ގައުމުތަކަށް އަޅުގަނޑުމެން ބާރު އަޅަނީ، އެފަދަ ފިޔަވަޅުތަކާ ހެދި ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމުގެ މައްސަލަ ބޮޑުވެދާނެތީ،" ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވި އެވެ.
އިންޑިއާއަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ގައުމެކެވެ.
"އެހެން ގައުމުތަކުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާ އިރު، އެ ވާހަކަތައް އިންޑިއާއަށް އަޑު އިވޭނެ. އެހެންވީމަ އަޅުގަނޑުމެންގެ އުއްމީދަކީ އިންޑިއާއިން ނިންމުން ބަދަލު ކުރުން،" ތޯމަސް ގްރީންފީލްޑް ވިދާޅުވި އެވެ.
އާދަޔާ ހިލާފަށް ހޫނު ގަދަވެ، އުފެއްދުންތެރިކަން ދަށްވެފައި ވާތީ، ސަރުކާރުގެ ހުއްދަ ނެތި ގޮދަން ފުށް އެކްސްޕޯޓް ކުރުން އިންޑިއާއިން މަނާ ކުރީ ހޮނިހިރު ދުވަހު އެވެ.
އިންޑިއާއަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނައިން ގޮދަން ފުށް އުފައްދާ ގައުމެވެ. އެ ގައުމުން ބުނީ އުފެއްދުންތެރިކަން ދަށްވުމާއި ޔޫކްރެއިން ހަނގުރާމައާ ހެދި ދުނިޔޭގެ މާކެޓުގައި އަގު އުފުލުން ފަދަ ކަންކަމާ ހެދި، ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.










