ރިޕޯޓުދޫދިނުމާއި ރިޓަޔާވުމުގެ ރީތި އާދަ ނެތް ސިޔާސީ ސަގާފަތެއް!

ދޫދިނުމާއި ރިޓަޔާވުމުގެ ރީތި އާދަ ނެތް ސިޔާސީ ސަގާފަތެއް!

"އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީ އިތުރަށް ހަރުދަނާވެ، އާލާވެ ޑީއާރުޕީ އަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮންނާނީ ޑީއާރުޕީގެ ޒައާމަތުގެ ދަންމަރު އާ ޖީލަކަށް ބަދަލުވެގެން،" ސިޔާސީ ހަޔާތުން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރައްވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވެފައިވޭ.

އިންތިހާބަކާ ދިމާކޮށް މާލޭގެ މަގުމަތީގައި ސިޔާސީ ޕާޓީތަކުގެ ދިދަފަތިތަކާއި ބެނާތައް ދަމާފައި: ސިޔާސީ ހަޔާތުން ރާއްޖޭގައި ރިޓަޔާ ވަނީ މަދު ބޭފުޅަކު -- ފޮޓޯ: އަދަދު ފައިލް
އިންތިހާބަކާ ދިމާކޮށް މާލޭގެ މަގުމަތީގައި ސިޔާސީ ޕާޓީތަކުގެ ދިދަފަތިތަކާއި ބެނާތައް ދަމާފައި: ސިޔާސީ ހަޔާތުން ރާއްޖޭގައި ރިޓަޔާ ވަނީ މަދު ބޭފުޅަކު -- ފޮޓޯ: އަދަދު ފައިލް

"ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް."

އެއީ މީގެ 12 އަހަރު ކުރިން ދިވެހިރާއްޖޭގެ ނޫސްތަކުގެ ބޭރުގަނޑުގައި ފަލަ ސުރުހީން ޖަހަފާއި އޮތް ހަބަރެކެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުރަތަމަ އުފެއްދެވި ޑީއާރުޕީގެ ލީޑާޝިޕުންނާއި ހަރަކާތްތެރި ސިޔާސީ މަސައްކަތްތަކުން ދުރަށް ޖެހިލައްވަން އެމަނިކުފާނު ނިންމެވީ އެވެ. ގާބިލް މީހެއް ކަމުގައި ކަނޑައަޅައި އެކަކު ތާ އަބަދު ބާރުގައި އޮތުމުގެ ވިސްނުމުން ދިވެހިން ދީއްލާލައިލީ އެވެ. އުފެދި އާލާވަމުން ދިޔަ ފިކުރަނީ އާ ލީޑަރުންނަށް، އާ ޖީލުތަކަށް އަބަދުވެސް ސިޔާސީ ބާރުތައް ދޫކޮށްލަމުން ދިއުމެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީ އިތުރަށް ހަރުދަނާވެ، އާލާވެ ޑީއާރުޕީ އަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮންނާނީ ޑީއާރުޕީގެ ޒައާމަތުގެ ދަންމަރު އާ ޖީލަކަށް ބަދަލުވެގެން،" ސިޔާސީ ހަޔާތުން ރިޓަޔާ ކުރެއްވިކަން އިއުލާން ކުރައްވަމުން މައުމޫން އެ ދުވަހު ވިދާޅުވެފައިވެ އެވެ.

Advertisement

ޑީއާރުޕީގެ ޒައާމަތުންނާއި ސިޔާސީ މަސައްކަތުން ދުރަށް ޖެހުނު ކަން އިއުލާން ކުރައްވަމުން މައުމޫން ފާހަގަ ކުރެއްވީ ވެސް އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ސިޔާސީ ވާދަވެރިން ވަކާލާތު ކުރެއްވި އެ ސިޔާސީ ހަމަ އެވެ. އެކަމަކު އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް އަދި އޭރު އެމަނިކުފާނުގެ ވާދަވެރިންގެ ފަރާތުން ވެސް ދެން ފެނުނީ އެ ސިފައެއް ނޫނެވެ. ސިޔާސީ މަންޒަރު ކުރެހިގެން އައީ މުޅިން ތަފާތު ގޮތަކަށެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތަށް ޕާޓީގެ ކޮންޓްރޯލް އަތުން ދޫކޮށްލައިގެން އެމަނިކުފާނަށް ނުހުރެވުނެވެ. ޕާޓީ މުޅިން ބައިބައިވެ ގޮސް ޕީޕީއެމް ނަމުގައި އާ ޕާޓީއެެއް އުފެއްދެވީ އެވެ. އެ ޕާޓީގެ ކޮންޓްރޯލް ވެސް އަމިއްލަފުޅު ކޮއްކޮ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީއްލައިލުމުން އުފެދުނު ސިޔާސީ ކޯޅުމަށް ފަހު ތިންވަނަ ޕާޓީއެއް ވެސް އުފެއްދެވީ އެވެ. މީގެ 17 އަހަރު ކުރިން 2005 ގައި ސިޔާސީ ޕާޓީތައް އުފައްދަން ގާނޫނުން ޖަގާ ލިބި ދިން ފަހުން އުފެއްދި ކޮންމެ ޕާޓީއެއްގައިހެން ހަމަ އެއް ހާލަތެވެ. ލީޑާޝިޕްތަކަށް ބަދަލެއް ނާދެ އެވެ. ވެރިކަން ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި އެއްވެސް ބޭފުޅަކު އަދިވެސް ތިއްބެވީ ދޫދެއްވާ ވިސްނުމެއްގައި ކަމަށް ނުބެލެވެ އެވެ.

އިންތިހާބުން ބަލިވުމަށް ފަހު ދުރަށް ޖެހެން ޖެހޭތަ؟

މީގައި ދުނިޔެ ދުށް ރީތި އެއް މިސާލަކީ ނެލްސަން މަންޑޭލާ އެވެ. ރިޔާސީ އެއް ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މަންޑޭލާ ސިޔާސީ މަސައްކަތުން ދުރަށް ޖެހި ރިޓަޔާވި އެވެ. އެހެން ބައެއް ގައުމުތަކުގައި ވެސް ވެރިކަން ކުރުމުގެ ފުރުސަތަށް ފަހު ދެން ވެރިން ފެންނާނީ އާންމުކޮށް އިޖުތިމާއީ ހިދުމަތްތަކުގަ އެވެ. ރާއްޖޭގައި ވެސް ދެ އިންތިހާބެއްގައި ވާދަކޮށް ނާކާމިޔާބުވުމުން ޑރ. ހަސަން ސައީދު ވެސް ނިންމެވީ ސިޔާސީ ދާއިރާ ދޫކޮށްލެއްވުމަށެވެ. ނަމަވެސް މިއީ ހަމަ މުޅި ދުނިޔޭގައި ވެސް މަދު މިސާލެކެވެ.

އެހެންވެ ވެރިކަން ކުރަން އެއް ފަހަރު ފުރުސަތު ލިބުމަށް ފަހު ދެން ސިޔާސީ މަސައްކަތުން ކޮންމެހެން ރިޓަޔާ ވާން ޖެހޭ ހެއްޔެވެ؟ އަދި އިންތިހާބުތަކުން ކައިރިކައިރިން ފެއިލްވުމުން އާ ލީޑާޝިޕަކަށް ފުރުސަތު ދޭން ފަހަތަށް ޖެހިލަން ޖެހޭ ހެއްޔެވެ؟ ނޫނީ އެ ހިސާބުން ވެސް ރިޓަޔާ ވާން ޖެހޭ ހެއްޔެވެ؟

އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ގަބޫލު ކުރައްވާ ގޮތުގައި ލީޑާޝިޕް އެކި ފަހަރުމަތިން ފެއިލްވެ ދިއުމަށް ފަހު ވެސް ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ދޫކޮށްލެއްވުމަކީ އެ ޕާޓީއަކަށް ވެސް ގެއްލުން ހުރި ކަމެކެވެ. އަދި އާ ބޭފުޅުންނަށް ސިޔާސީ މައިދާނުން ފުރުސަތު ވެސް ގެއްލިގެންދާ ކަމެކެވެ.

"ވެރިކަން ކުރައްވާފައިވާ އިންތިހާބަކުން ފެއިލްވުމުން ދެން އެންމެ ރަނގަޅު ގޮތަކަށް އޮންނާނީ ވެސް ފަހަތަށް ޖެހިލުން، އެކަމަކު މި ސޯޅަ ސަތާރަ އަހަރު ތެރޭ އެއް ބަޔަކު ޕާޓީތަކުގެ ކޮންޓްރޯލްގައި މި ތިބެނީ، ޒުވާން ޖީލަށް ޕާޓީތަކުގެ ލީޑާޝިޕް ދޫކޮށްލަން ޖެހޭ،" ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގައި ވެސް އުޅުއްވުމަށް ފަހު، އެމްއެންޕީ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައިގެން އުޅުއްވާ ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވެސް ވިދާޅުވަނީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ނިޒާމު އޮންނަ ގޮތުން ބޭފުޅަކު ވެރިކަމަށް ކުރިމަތިލައްވަން ބޭނުންވާ ނަމަ އޮތް ހަމައެކަނި އިހްތިޔާރަކީ އެ ބޭފުޅެއްގެ އަމިއްލަ ޕާޓީއެއް އުފެއްދެވުން ކަމަށެވެ. އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ލީޑާޝިޕްގައި ހުންނަވާތާ އެތައް ދުވަހެއް ވެއްޖެ ކަމުގަ އެވެ.

"ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް މަތި އޮންނަނީ ބެދިފައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޝައުގުވެރިކަން ހުންނަވާ ބޭފުޅަކަށް އަޅުގަނޑަކަށް ހިޔެއް ނުވޭ އިތުރު ގޮތެއް އޮތް ހެނެއް. އޭނާގެ ލީޑާޝިޕްގައި ސިޔާސީ ޕާޓީއެއް ހެދުން ނޫން ގޮތެއް ނެތް،" ޖުމްހޫރީ ޕާޓީން ނާޒިމް ފަދަ ބޭފުޅުން ވަކިވި ވަކިވުމަށް އިޝާރާތް ކުރައްވައި އަލީ ހުސައިން ވިދާޅުވި އެވެ.

އިންތިހާބުތަކުގައި ވާދަކުރައްވާ ނާކާމިޔާބީތަކާ ކުރިމަތިލެއްވި އުމަރު ނަސީރު ވިދާޅުވި ގޮތުގައި ވެރިކަން ކުރަން ފުރުސަތު ލިބެން ދެން އެ ގޮތަށް ނުކުންނެވުމަކީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ވެރިކަން ކުރަން ފުރުސަތު ލިބުމަށް ފަހު ދެން ރައްޔިތުން ބަލައިނުގަތުމުން އެ މީހަކު ފަހަތަށް ޖެހިލަން ޖެހޭ ކަމަށް އުމަރު ވެސް ގަބޫލު ކުރައްވަ އެވެ.

"އައިޑިއާއެއް ހިފައިގެން އައިސް އެ ފަތުރަން ޕޮލީޓިޝަނުން މި ތިބެނީ، އެ ކާމިޔާބުވަން ދެކަށް މަސައްކަތް ކުރާނެ، އެއީ މައްސަލައެއް ނޫން، އެކަމަކު ހިޔާލު ބަލައިގަނެ އެ ތަންފީޒު ކުރަން ރައްޔިތުން ފުރުސަތު ދީފައި، އެ ކަން ނުކުރެވުމުން، ދެވަނަ ފަހަރު ރައްޔިތުން ވެސް ނޫނެކޭ ބުނުމުން، ދެން ޖެހޭނެ އާ ބަޔަކަށް އެ ކަން ކުރަން ފުރުސަތު ދޭން ފަހަތަށް ޖެހިލަން،" އުމަރު ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ގަބޫލު ކުރައްވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިޔާސީ މަސައްކަތުން ރިޓަޔާވަނީ އުމުރު ދުވަހުގެ ދިގު ހިދުމަތަކަށް ފަހު ކަމަށެވެ. އެހާ ދުވަސްވީ އަދި ތަޖުރިބާތައް ގިނަ ސިޔާސީ ލީޑަރަކު ރާއްޖޭގައި ނެތް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެހެންވެ އަދި ރިޓަޔާ ވާން ޖެހޭ އަދި ފުރުސަތު ދޫކޮށްލަން ޖެހޭ ވަރު ލީޑަރަކު ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"އޯވާލައިފްޓައިމް ކެރިއާއަކަށް ފަހު ރިޓަޔާވުން އެންމެ ރަނގަޅު ވާނީ، މާ އަވަހަށް ރިޓަޔާވެފައި ގެއަށް ވަނުން ވެސް އެއީ އެހާ ރަނގަޅު ނަތީޖާތަކެއް ގައުމަށް ފެންނާނެ ކަމެއް ނޫން،" ދިޔާނާ ވިދާޅުވި އެވެ.

ފެހި ގާނޫނު އަސާސީއަށް ފަހު ދެ ދައުރު ފުރިހަމަ ކުރެއްވި ލީޑަރަކު ވެސް ނެތެވެ. ފުރަތަމަ އިންތިހާބީ ރައީސް މުހައްމަދު ނަޝީދު އިންތިހާބުން ފެއިލްވީ އެންމެ ފަހަރަކު އެވެ. ދެވަނަ އިންތިހާބީ ރައީސް އަބްދުﷲ ޔާމީން ވެސް ފެއިލްވީ އެންމެ ފަހަރަކު އެވެ. އެހެންވެ އަދި އެއް ފަހަރު ނުކުންނަން އެ ބޭފުޅުން ބޭނުންފުޅުނަމަ އެއީ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެކެވެ.

"އެއް ފަހަރު އިންތިހާބުގައި ނާކާމިޔާބު ވުމަކީ އަނެއް ފަހަރު ވެސް އިންތިހާބު ނާކާމިޔާބު ވާން ޖެހޭ ސަބަބެއް ނޫން، އެއް ފަހަރު ކާމިޔާބުވެފައި އަނެއް ފަހަރު ނާކާމިޔާބުވެފައި ދެން އަލުން ކާމިޔާބު ކޮށްފައި ވެސް ވޭ، ލީޑަރަކަށް ތާއީދު އޮތް ނަމަ އެ ފުރުސަތު އެބަ ލިބިދޭ،" ދިޔާނާ ވިދާޅުވި އެވެ.

އެލަވަންސް ލިބެން ވާނީ ރިޓަޔާވާ ވެރިންނަށް؟

ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ނުވަތަ ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅުން ދައުލަތުން އިނާޔަތް ދިނުމަކީ ކޮންމެ ޑިމޮކްރެޓިކް ދައުލަތެއްގައި އޮންނަ ކަމެކެވެ. އެ ދައުލަތެއްގެ މާލީ ކެރިފޯރުންތެރިކަން އެ ކަމުގައި އޮންނަ މިންވަރަކުންނެވެ.

މަހުން މަހަށް ދެވޭ މުސާރައަކާއި ދަތުރުފަތުރުގެ ހަރަދުތަކަކާއި، އިޖުމާއީ އަދި އެ ނޫން ބޭނުންތަކަށް ވެސް އޮފީސް ހިންގަށް ބޭނުންވާ ހަރަދުތަކާއި ސިއްހީ ހިދުމަތުގެ އިންޝުއަރެންސްއާއި، ސެކިއުރިޓީ ހިދުމަތް ވެސް ގިނަ ގައުމުތަކުގައި ދެއެވެ.

އެކަމަކު ބައެއް ގައުމުތަކުގައި އަމަލު ކުރާ އުސޫލެއް އޮވެ އެވެ. އެއީ ވެރިކަމަށް ފަހު ވެސް ދައުލަތުގެ އެހެން މަގާމެއް ފުރުވާ ދުވަސްވަރެއްގައި މަހުން މަހަށް ދެވޭ މުސާރަ ނުދިނުމެވެ. ނުވަތަ އެހެން އިނާޔަތްތައް ވެސް ނުދޭން އޮވެ އެވެ.

ނާޒިމް ގަބޫލު ކުރައްވާ ގޮތުގައި ކުރީގެ ރައީސުންނަށް ދެވޭ އިނާޔަތްތަކަކީ ވެރިކަމަށް ފަހު ރިޓަޔާވެ ޝަރަފުވެރި ދިރިއުޅުމެއް އުޅުމަށް ޓަކައި ދެވޭ އިނާޔަތެކެވެ. ވެރިކަމަށް ފަހު ވެސް ސިޔާސީ މަސައްކަތް ކުރާނަމަ އެއިން ބައެއް އިނާޔަތްތައް ހައްގު ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.

"އޮފީސް ހިންގަން ދޭ ފައިސާއިން އެބަ ސިޔާސީ މަސައްކަތްތަކަށް އެބަ ހޭދަކުރޭ، އެ ބޭފުޅުންނަށް ދެވޭ ބޮޑު އެޑްވާންޓޭޖެއް، އަޅުގަނޑުމެންނަކަށް ނެތް އެ އެޑްވާންޓޭޖެއް، އެހެންވީތީ ވެސް އިންސާފުވެރި ގޮތަކަށް ނުވޭ، ރިޓަޔާ ނުވެ އެ ގޮތަށް ސިޔާސީ މަސައްކަތް ކުރާނަމަ އެ އިނާޔަތް ހައްގެއް ނޫން،" ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް ދިޔާނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި ޝަރަފުވެރި ދިރިއުޅުމެއް އުޅުމަށް ޓަކައި ދައުލަތުން އިނާޔަތް ދޭން ވާނެ އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅުންނަކީ ވަކި އިއްޒަތެއްގައި އެ ބޭފުޅުން ދެމެހެއްޓުމަކީ އަޅުގަނޑުމެން ފަހުރުގައި އޮންނަން ޖެހޭ ކަމެއް، ސިޔާސީ ގޮތުން އަދި އެކްޓިވް ވިޔަސް އެއީ އަދި ތަފާތު ހައިިސިއްޔަތަކުން އަޅުގަނޑުމެން އަރުވާ ބެނެފިޓްސްތަކެއް،" ދިޔާނާ ވިދާޅުވި އެވެ.

އުމަރު ނަސީރު ވެސް ގަބޫލު ކުރައްވާ ގޮތުގައި ސިޔާސީ މަސައްކަތުގައި ހުއްޓަސް އަދި ނެތަސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން ވެރިކަން ކުރެއްވި ބޭފުޅުންނަށް އިނާޔާތްތަކާއި ރައްކާތެރިކަން ދެވެން ވާނެ އެވެ. ނަމަވެސް ރާއްޖޭގައި އެ ކަން ކުރާ ގޮތަކަށް އުމަރު ވެސް ތާއީދެއް ނުކުރައްވަ އެވެ.

"އޮފީސް ހިންގުމުގެ ހަރަދު ރާއްޖޭގައި ކޮންމެހެން ދޭކަށް އަޅުގަނޑަކަށް ވެސް ނުފެނޭ، ސިޔާސީ މަސައްކަތުގައި ހަރަކާތްތެރި ނުވިއަސް އަޅުގަނޑަކަށް ނުފެނޭ އެއީ ކޮންމެހެން ދޭން ޖެހޭ އިނާޔަތެއް ކަމަކަށް،" އުމަރު ވިދާޅުވި އެވެ.

އާ ޖީލަކަށް ލީޑާޝިޕްތައް ބަދަލުވާނެތަ؟

މުޅި ސިޔާސީ މަސްހަރަށް ވަށައިގެން ބެލުމުން ފެންނަ ކަމަކީ ގިނަ ލީޑަރުން ދޫދެއްވަން ބޭނުން ނުވާ ކަމެވެ. ރައީސް ނަޝީދު އަދިވެސް މަސައްކަތް ކުރައްވަނީ ޒަމާންތަކެއް ވަން ދެކަށް އެމަނިކުފާނު ކޮންޓްރޯލް ކުރެއްވި ޕާޓީގެ ކޮންޓްރޯލް އެއް ގޮތުން ނޫނީ އަނެއް ގޮތުން ވެސް ދެމެހެއްޓޭތޯ އެވެ. ވެރިކަން ވެސް އެއް ގޮތުން ނޫނީ އަނެއް ގޮތުން ވެސް ލިބޭތޯ އެވެ. ރައީސް މައުމޫން ވެސް އަދިވެސް ޕާޓީ އުފައްދަވައިގެން މަސައްކަތް ކުރައްވަނީ އެވެ. ރައީސް ޔާމީން ވެސް ހުންނެވީ "ބާޒުތަކަކަށް" ޕާޓީގެ ކޮންޓްރޯލް ދޫކޮށްލައްވާ ހިތަކުން ނޫނެވެ. ތިންވަނަ ރިޔާސީ ދައުރާ ހަމައަށް ގާތްގަނޑަކަށް ހަމަ އެއް ލީޑަރުންތަކެކެވެ.

އެހެންވިޔަސް ޑިމޮކްރެޓިކް އުސޫލުތަކުން ރާއްޖޭގައި ސިޔާސީ މަސައްކަތް ހިނގަން ފެށިތާވީ ކުރު ތާރީހެކެވެ. އެހެންވެ ތާ އަބަދު އެއް ވެރިންތަކެއް މި ފެންނަ ސަގާފަތުން ދީލަލައި އާ ލީޑާޝިޕަކަށް ދެވޭނެ ކަމަށް ވެސް ބެލެވެ އެވެ. ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވާން އެ ކަމުގައި ޖެހެ އެވެ.

އެމްޑީޕީން މިސާލު ދައްކަވާ ދިޔާނާ ވެސް ވިދާޅުވީ އެންމެ ބޮޑު ސިޔާސީ ޕާޓީގައި އަހަރުތަކަކަށް އޮތް ލީޑާޝިޕް ބަދަލުވެ އާ ލީޑާޝިޕަކަށް އެ ޕާޓީގެ އާންމު މެންބަރުން ވެސް ފުރުސަތު ދިން މަންޒަރު އެންމެ ފަހުން ފެނުނީ ކަމަށެވެ. އެހެންކަމުން ތަސައްރުފު ފުދެމުން އަންނަ ކަން ފާހަގަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން ޑިމޮކްރެޓިކް ޕްރެކްޓިކްސްއަށް މެޗުއާ ވަމުންދާ ކަން އެބަ ފެނޭ، ދުވަހަކަށް ފަހު ދުވަހެއް، އަހަރަކަށް ފަހު އަހަރެއް، އަޅުގަނޑަށް ފެންނަނީ މި އެވޯލްވަމުން ދާނެ،" ދިޔާނާ ވިދާޅުވި އެވެ.

ނަމަވެސް އުމަރު ގަބޫލު ކުރައްވާ ގޮތުގައި އެ ފުރުސަތު ޕާޓީތަކުން ހޯދަން ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ މިހާރަށް ވުރެ ރަނގަޅު ވާން ޖެހެ އެވެ. އެތެރޭގެ އިންތިހާބުތައް މިނިވަން ވާން ޖެހެ އެވެ. އަމިއްލަ ލީޑާޝިޕުން ބާއްވާހާ ހިނދަކު ފެންނާނީ އެއް ލީޑާޝިޕެއް ކަމުގައި އޭނާ ގަބޫލު ކުރައްވަ އެވެ.

"މިނިވަން އިލެކްޝަންސް ކޮމިޝަނަކުން އިންތިހާބެއް ބޭއްވީމާ ރައީސް މައުމޫން ވެސް ނުހޮވުނު، މިހާރު ޕާޓީތަކުގެ އޭރުގެ ލީޑާޝިޕުން އިންތިޒާމުކޮށްގެން ބާއްވާހާ ހިނދަކު އެ ލީޑާޝިޕެއް އޮންނާނީ، އެމްޑީޕީން ވެސް ރައީސް ސޯލިހް ކޮންޓްރޯލް ނެގީ، ދެން ރައީސް ސޯލިހްއާއި އެމަނިކުފާނު ބޭނުންވާހާ ބަޔަކު ނަގާނީ، ނަޝީދަށް ޖެހުނު ދަތުރެއް ރައީސް ތަޖުރިބާކުރަން ޖެހޭހާ ހިނދަކު،" އުމަރު ވިދާޅުވި އެވެ.

އެހެންވިޔަސް އުމަރު ވެސް ގަބޫލު ކުރައްވާ ގޮތުގައި އަމިއްލައަށް ފެޔަށް ޖެހުނު ލީޑަރުން ފިޔަވައި ދެން އެހެން އެއްވެސް ލީޑަރަކަށް އަލުން އަނބުރާ ވެރިކަމަށް އައުމަކީ ދުނިޔޭގައި މަދުން ނޫނީ ވެފައި އޮތް ކަމެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް ވެރިކަމަށް ފަހު އިންތިހާބުން ފެއިލްވި ވެރިން ދެވަނަ ފަހަރަށް ވެރިކަމަށް އަދި އައިސްފައި ނެތް ކަން ފާހަގަ ކުރެއްވި އެވެ.

މަޑުމަޑުން އާ ޖީލަކަށް ސިޔާސީ ލީޑާޝިޕް އެނބުރެމުން އެނބުރެމުން އަންނާނެ ކަމަށް ބެލެވެ އެވެ. އެ ކަން އެހެން ހިނގާން ވެސް ވާނެ އެވެ. ގާނޫނު އަސާސީގައި ވެރިއަކަށް ވެރިކަން ކުރެވޭނީ ގިނަވެގެން އެންމެ ދެ ދައުރަށް ކަމަށް ލިޔުނީ ވެސް ތާ އަބަދު އެއް ވެރިން ބާރުތަކުގައި ދެމިތިބެ ހުދުމުހުތާރު ވެރިކަމެއް ކުރަން ޖާގަ ދިނުމުގެ ވިސްނުމުން ދުރަށް ދާން ވެގެންނެވެ. އެކަމަށް ޓަކައި ވެސް ދޫދިނުމުގެ ރީތި އާދަ އެބަ ބޭނުންވެ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox