ޓޮޓެންހަމް ހަތަރަކަށް، ލީގުގެ ރޭހުގައި މެންޗެސްޓާ ސިޓީ އަށް ފައިދާ ނުނެގުނު

May 15, 2022, 3:24 PM
ސިޓީގެ މާރޭޒް ފޮނުވާލާ ޕެނަލްޓީ ވެސްޓް ހޭމްގެ ކީޕަރު ފަބިއާންސްކީ މަތަކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ މާރޭޒް ފޮނުވާލާ ޕެނަލްޓީ ވެސްޓް ހޭމްގެ ކީޕަރު ފަބިއާންސްކީ މަތަކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ އަތުން 1-0 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ހަތަރު ވަނަ އަށް ޖެހިލިއިރު، ވެސްޓް ހޭމް ޔުނައިޓެޑާ 2-2 އިން އެއްވަރުވެ، މެންޗެސްޓާ ސިޓީން ލީގުގެ ރޭހުގައި ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 37 މެޗުން 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 36 މެޗުން 86 ޕޮއިންޓާ އެކު އެވެ. އަންގާރަ ދުވަހުގެރޭ ސައުތެމްޓަން ދަނޑުގައި މޮޅުވެގެން ސިޓީއާ އެއް ޕޮއިންޓާ ގާތަށް ލިވަޕޫލަށް ޖެހިލެވޭނެ އެވެ. އޭރުން އަންނަ ހަފްތާ ބަންދުގައި ކުޅޭ ޕްރިމިއާ ލީގުގެ ފަހު މެޗުތަކުގައި ދެ ޓީމަށް ވެސް ލީގު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. ސިޓީ ކުޅޭނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ އެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ވުލްވްސްއާ ބައްދަލުކުރާނެ އެވެ. ސިޓީ މޮޅުވެއްޖެނަމަ ފަސް ސީޒަނުގެ ތެރެއިން ހަތަރު ފަހަރަށް އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

ލީގުގެ ތިން ވަނައިގައި ޗެލްސީ އޮތީ 36 މެޗުން 70 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 37 މެޗުން 68 ޕޮއިންޓް ލިބިފަ އެެވެ. އާސެނަލް ފަސް ވަނައިގައި އޮތީ 36 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމަށް ބާކީ އޮތީ ރަށުންބޭރުގައި ނޮރިޗް ސިޓީއާ ކުޅޭ މެޗެވެ. އާސެނަލަށް އޮތީ ނިއުކާސަލް ޔުނައިޓެޑް ދަނޑުގައި ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި އެވަޓަންއާ ބައްދަލުކުރާ މެޗެވެ.

ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ބާންލީ އަތުން ޓޮޓެންހަމް މޮޅުވީ ޕެނަލްޓީ އަކުން ހެރީ ކޭން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓޮޓެންހަމަށް މި ޕެނަލްޓީ ދިނީ އެ ޓީމުގެ ކުރިއަށް ކުޅޭ އެޝްލީ ބާންސް އަތުގައި ބޯޅަ ޖެހުމުންނެވެ. ބާންސް އަތުގައި ބޯޅަ ޖެހުމުން ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ބާންލީގެ ކޮލިންސް (ވ) ކައިރިން ޓޮޓެންހަމްގެ ކޭން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމުން ލަންޑަން ސްޓޭޑިއަމްގައި މިރޭ ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގަ އެވެ. ދެ ގޯލު ވެސް ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ޖެރޮޑް ބޮވެން އެވެ. ޕަބްލޯ ފޯނާލްސް ދިން ބޯޅައަކުން މެޗުގެ 24 ވަނަ މިނިޓްގައި ބޮވެން ފުރަތަމަ ގޯލު ޖެހީ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ކައިރިން ނައްޓައިފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި މިކޭލް އެންޓޯނިއޯ ދިން ބޯޅަ ބޮވެން ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ.

ދެ ވަނަ ހާފްގައި ކުޅެން ނުކުމެ، ސިޓީ އަށް ހަތަރު މިނިޓް ތެރޭ ގޯލެއް ޖަހައިދިނީ ޖެކް ގްރީލިޝް އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ގްރީލިޝް ޖެހި ބޯޅަ ގޯލަށް ވަނީ ވެސްޓް ހޭމްގެ ކްރެއިގް ޑޯސަން ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން ވެސްޓް ހޭމަށް އަލުން ދެ ގޯލުގެ ލީޑެއް ނަަގަން ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ބޮވެން އޭރިއާތެރެއިން ޖެހި ބޯޅައެއް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ސިޓީގެ ކެޕްޓަން ފެނާންޑީނިއޯ ފަހަތަށް ދިން ބޯޅައެއް ހޯދައި، ވެސްޓް ހޭމްގެ އެންޓޯނިއޯ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ސިޓީން އެއްވަރުކުރީ މެޗުގެ 69 ވަނަ މިނިޓްގައި ވެސްޓް ހޭމްގެ ވްލަޑިމީރް ސޫފާލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ ރިޔާދު މާރޭޒް ނެގި ހިލޭ ޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސޫފާލް ބޮލުން ބައިކޮޅަށް ވަން ގޯލެކެވެ. ވެސްޓް ހޭމަށް އަލުން ލީޑުނަގައިދޭން ބޮވެން ޖެހި ބޯޅައެއް ސިޓީގެ އައިމެރިކް ލަޕޯޓް ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މި މެޗުން ސިޓީ އަށް މޮޅުވާން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 86 ވަނަ މިނިޓްގައި މާރޭޒް ފޮނުވާލި ޕެނަލްޓީ ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. މިއީ ސިޓީގެ ގަބްރިއެލް ޖީސޫސް އަށް ވެސްޓް ހޭމްގެ ޑޯސަން ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލަސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ލީޑްސް ޔުނައިޓެޑުން ފަހު ވަގުތު ބްރައިޓަންއާ 1-1 އިން އެއްވަރުވެ، ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު އާ ކުރިއިރު، ވަޓްފޯޑް އަތުން ފަހަތުން އަރައި ލެސްޓާ ސިޓީ ވަނީ 5-1 އިން މޮޅުވެފަ އެވެ. ރެލިގޭޝަން ޒޯނުގައި އޮރް ނޮރިޗުން ވަނީ ވުލްވްސްއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox