މާލޭގެ މަގުމަތިން އަންހެނަކު ހިފަހައްޓައި، އޭނާ ގަދަކަމުން ގޯޅިއަކަަށް ވެއްދި މައްސަލާގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ ތެރެއިން އެކަކު އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދުއާއި ހދ. ވައިކަރަދޫ، ވިނަރެސް އާދަމް ވިޝާންގެ މައްޗަށެވެ.
އޭގެ ތެރެއިން ހުކުމް ކުރީ ވިޝާންގެ މައްޗަށެވެ. އަލީ ރަޝީދުގެ ޝަރީއަތް އަދިވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު، އެ އަންހެން މީހާ މާލޭގެ މާފަންނު ސަރަހައްދު މަގަކުން ހިނގަމުން ދަނިކޮށް ދެ މީހަކު ގޮސް އޭނާގެ ފަޔާއި އަތުގައި ހިފައި ބިން މައްޗަށް ވައްޓާލި އެވެ. އެއަށް ފަހު އޭނާގެ ފަޔާއި އަތުގައި ހިފަހައްޓައިގެން އެ ސަރަހައްދު ގޯޅިއަަކަށް ގަދަކަމުން ވައްދާފައިވާ ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލާގައި އާދަމް ވިޝާންގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދައުވާ އާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާ އުފުލާފައިވެ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ފުރަތަމަ އިންކާރު ކުރިއިރު، ފަހުން ވަނީ ދައުވާއަށް އިއުތިރާފްވެފަ އެވެ.

އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް އިއްވީ 27 ދުވަހަށް ޖަލަށް ލުމަށެވެ. ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއަށް އިއްވީ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ. އެއީ ޖުމުލަ ހަތަރު މަހާއި 15 ދުވަހެވެ.
އެކަމަކު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ތިން މަހާއި 13 ދުވަހެވެ.
އެ މައްސަލާގެ އެ ދެ މީހުން ފުރަތަމަ ހައްޔަރުކުރީ ރޭޕްކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އެކަމަކު ފަހުން ނިންމީ ރޭޕްކުރަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަންހެން މީހާ ސަލާމަތްކުރީ އެ ސަރަހައްދު މިސްކިތުން ނުކުތް ބަޔަކު ގޮސްގެންނެވެ.












