ލަންޑަން (މެއި 13) - އިނގިރޭސި ޕްރިިމިއާ ލީގުގައި މިރޭ މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އާސެނަލް 3-0 އިން ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާސް މި ފަހަރު ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އުންމީދު އާކޮށްފި އެވެ.
މިރޭ ޓޮޓެންހަމް އަތުން މޮޅުވެގެން ބާކީ ދެ މެޗު އޮއްވައި ގަދަ ހަތަރެއް ޔަގީންކުރުމުގެ ފުރުސަތު އާސެނަލަށް އޮތެވެ. އެކަމަކު، މިރޭ ބަލިވުމުން އަމިއްލަ އަތުގައި ކޮންޓްރޯލް އޮތް ނަމަވެސް އާސެނަލަށް ވަނީ ބާކީ ދެ މެޗަށް ނުކުންނައިރު، ޕްރެޝަރު ބޮޑުވެފަ އެވެ. ގަދަ ހަތަރެއް ހޯދަން އާސެނަލުން ދެން އޮތް ދެ މެޗުގައި މޮޅުވާން ޖެހޭނެ އެެވެ. އެހެން ނޫނީ ޖެހޭނީ ޓޮޓެންހަމްގެ މެޗުތަކުގެ ނަތީޖާ އަށް ބަލާށެވެ.
އާސެނަލް ހަތަރު ވަނައިގައި އޮތީ 36 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ 36 މެޗުން 65 ޕޮއިންޓެވެ.
ޓޮޓެންހަމަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި ބާންލީއާ ކުޅޭ މެޗާއި ރަށުންބޭރުގައި ނޮރިޗް ސިޓީއާ ބައްދަލުކުރާ މެޗެވެ. އާސެނަލަށް ދެން އޮތީ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި އެވަޓަންއާ ބައްދަލުކުރާ މެޗެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ޓޮޓެންހަމް އިން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، އެ ޓީމުން ލީޑުނެގީ 22 ވަނަ މިނިޓްގައި ހެރީ ކޭން ވައްދާލި ޕެނަލްޓީންނެވެ. މިއީ ޓޮޓެންހަމްގެ ސޮން ހެއުން މިން އަށް އާސެނަލްގެ ސެޑްރިކް ސޮއާރޭސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އާސެނަލަށް މައްސަލަ ދިމާވީ މެޗުގެ 33 ވަަނަ މިނިޓްގައި އެ ޓީމުގެ ރޮބް ހޯލްޑިން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ހޯލްޑިން ދެ ރީނދޫ ކާޑު ހޯދީ ވެސް ސޮން އަށް ފައުލު ކޮށްގެންނެވެ. އާސެނަލްގެ ކުޅުންތެރިއަކު މަދުވިތާ މާގިނައިރެއް ނުވެ، ޓޮޓެންހަމް އިން ލީޑުފުޅާކުރި އެވެ. މިއީ ކޯނަރެއްގައި ރޮޑްރީގޯ ބެންޓަންކޫރް ބޮލުން ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށް ކޭން ބޮލުން ގޯލަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ.
ކުޅުންތެރިއަކު މަދުކޮށް ވެސް އާސެނަލުން ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ޓޮޓެންހަމް އޭރިއާތެރެއިން އާސެނަލްގެ އެޑީ އެންކެޓިއޭ ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ މަަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖެހީ ސޮން އެވެ. މިއީ އާސެނަލް ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވި އޮތް ބޯޅައެއް އޭރިއާތެރެއިން ލިބުމުން ސޮން ޖެހި ގޯލެކެވެ. ސޮން ވަނީ ލީގުގައި 21 ގޯލު ޖަހައިފަ އެވެ.
ލީގުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔަކަށް ދޭ ރަން ބޫޓަށް ވާދަކުރާ ލިސްޓުގައި ސޮން ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލްގެ މުހައްމަދު ސަލާހަށް ވުރެ އެއް ގޯލު މަދުން ޖަހައިގެންނެވެ.
ސޮން އަށް އިތުރު ގޯލެއް ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. ޓޮޓެންހަމްގެ ފުލްބެކް، އެމަސަން ރޯޔާލް ޖެހި ބޯޅައެއް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް މަތަކުރިއިރު، ކޭން ހެޓްރިކް ފުރިހަމަ ކުރަން އޭރިއާ ބޭރުން ޖެހި ބޯޅަ ހުއްޓުވީ ވެސް ކީޕަރު ރަމްސްޑޭލް އެވެ.
ދެ ވަނަ ހާފްގައި އާސެނަލްގެ އެންމެ ރަނގަޅު ހަމަލާ ފޮނުވާލީ މެޗުގެ 80 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އޭރިއާރޮނގުމަތިން އޮޑެގާޑް ޖެހި ބޯޅަ އަމާޒުވީ ކީޕަރު ލޮރީސް އަތަށެވެ.
މިއީ އެންޓޯނިއޯ ކޮންޓޭ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ނޯތު ލަންޑަން ޑާބީ އެވެ. ޓޮޓެންހަމް ވަނީ އެންމެ ފަހުން އާސެނަލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު އަށް މެޗުގައި ވެސް ބަލިނުވެ، ނިންމާލައިފަ އެވެ. ހަ މެޗުން މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.












