މާދަމާ ބާއްވާ "ބީއެމްއެލް ވައު ކިޑްސް ރަން" ގައި ބައިވެރިވެ ދުވެލުމުގެ ފުރުސަތު އަދިވެސް ނުގެއްލެ އެވެ. ބޭނުންވާ ނަމަ އަވަހަށް ރަޖިސްޓްރީކޮށްލާށެވެ.
ބީއެމްއެލްއާ ގުޅިގެން މި ދުވުން އިންތިޒާމުކުރާ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ކޯ ފައުންޑަރު ހުސެއިން ޒިނާން ވިދާޅުވީ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވެސް އެބަ އޮތް ކަމަށާއި، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ނުވަތަ ޓީއެފްޖީ އަށް އައިސް ރެޖިސްޓަ ވެވޭނެ ކަމަށެވެ.
މިހާރު ޓީއެފްޖީ ހިންގަނީ މއ. ފްރީ ޕާކް އެވެ.
ޓީއެފްޖީއަށް ގޮސް ރަޖިސްޓްރީ ވެވޭނީ ދުވުމުގެ ކިޓާ ހަވާލުވުމަށް ކަނޑައަޅާފައިވާ ވަގުތުތަކު އެވެ. އެއީ، މިއަދު ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު ފަހު 3:00 އިން 6:00 އަށެވެ.
ހަތަރު އުމުރުފުރާ އަކަށް ބަހާލައިގެން އެއް ކިލޯމީޓަރުން ފެށިގެން ހަތަރު ކިލޯމީޓަރުގެ ދިގުމިނަށް ކުރިއަށް ގެންދާ މި ދުވުން ފަށާނީ، މާދަމާ ހެނދުނު 6:10 ގަ އެވެ.

ކެޓަގަރީތަކާއި ވަގުތު
- ހެނދުނު 6:10 - ހަތަރު ކިލޯމީޓަރުގެ ދުވުން (10-12 އަހަރު ކުދިން)
- ހެނދުނު 6:30 - ތިން ކިލޯމީޓަރުގެ ދުވުން (8-10 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
- ހެނދުނު 6:50 - ދެ ކިލޯމީޓަރުގެ ދުވުން (6-8 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
- ހެނދުނު 7:10 - އެއް ކިލޯމީޓަރުގެ ދުވުން (4-6 އަހަރުގެ އުމުރުފުރާ، ބެލެނިވެރިންނާއެކު)
ހަތަރު ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން 199ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. އެހެން ކެޓަގަރީތަކުގައި ބައިވެރިވާން ދައްކަން ޖެހެނީ 299 ރ. އެވެ. ދުވުމުގައި އޮންލައިންކޮށް ރަޖިސްޓްރީކުރެވެވި ފައިސާ ވެސް ދައްކާލެވެ އެވެ.
މިދިޔަ އަހަރުގެ ދުވުމުގައި ކުޑަކުދިންނާއެކު 900 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ޒިނާން ވިދާޅުވީ މި އަހަރު ދުވުމުގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށާއި، އުއްމީދަނީ ކުޑަކުދިންނާއި ބެލެނިވެރިންނާއެކު ޖުމުލަ 1،200 މީހުން ދުވާނެ ކަމަށެވެ.
ޓީއެފްޖީ 2022 ރަނިން ކަލަންޑަރު
- މޭ 13: ބީއެމްއެލް ވައު ކިޑްސް
- ޖޫން 3: އެމްވީރަން
- ސެޕްޓެމްބަރު 2: ބޮޑު ފަހެއް
- ޑިސެމްބަރު 9: ދަ މޯލްޑިވްސް ލޯންގް ރަން











