ޕެރިސް (މެއި 9) - ޕީއެސްޖީގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް ވިދާޅުވެއްޖެ އެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޕީއެސްޖީ ކެޓުމުން އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް އެ ޓީމުގެ ކޯޗުކަން ގެއްލޭނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ދާދި ފަހުން ޕީއެސްޖީން ފްރާންސްގެ ޗެމްޕިއަންކަން ހޯދުމުން ޕޮޗެޓީނޯއާ އެކު ޕީއެސްޖީން ކުރިއަށްދާނެ ކަމުގެ އިޝާރާތެއް ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ވަނީ ދީފަ އެވެ.
ފްރާންސްގެ ލެކިއުޕޭ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ލަ ގްރައެޓް ވިދާޅުވީ ރެއާލް މެޑްރިޑްގައި ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައި ޒިދާން ވަނީ އޭނާގެ ފެންވަރު ސާބިތުކޮށްދީފައިވާ ކަމަށެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލަ ގްރައެޓް (ކ) އާއި ޑެޝޯމްޕްސް.-- ފޮޓޯ: އޭއެފްޕީ
މި ފަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ޒިދާން، ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް އަޑުފެތުރިފައިވާއިރު، ލަ ގްރައެޓްގެ ތަފާތު ވިސްނުމެއް އެބައޮތެވެ. ފްރާންސްގެ ކޯޗަކަށް ހުރި ޑިޑީއޭ ޑެޝޯމްޕްސް ގަތަރު ވޯލްޑް ކަޕަށް ފަހު މި އަހަރު ޑިސެމްބަރު މަހު ފްރާންސް ކޯޗުކަން ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ. ލަ ގްރައެޓް ވިދާޅުވީ ފްރާންސް ޓީމުގެ ކޯޗަކަށް ޒިދާން ގެންނަން އަދި މަޝްވަރާއެއް ކުރިއަށްނުގެންދާ ކަމަށެވެ.
"އަހަންނެއް ނުބުނާނަން. ޑިޑިއޭ (ޑެޝޯމްޕްސް) ދާނެއޭ. ޒިދާންއޭ އަންނާނީ. ފަހަރެއްގައި ޒިދާން ހަވާލުވެދާނެ ޕީއެސްޖީގެ ކޯޗުކަމާ ފްރާންސް ޓީމާ ހަވާލުވާން ޓީމެއްގެ ވަޒީފާއާ ހަވަލުނުވެ ހުންނަން އެބަޖެހޭ. މި ވަގުތު އަހަރެމެންގެ ފޯކަސް އަކީ ފްރާންސަށް މި ވޯލްޑް ކަޕް ހޯދައިދޭން ޑިޑިއޭ އަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން،" ލަ ގްރައެޓް ވިދާޅުވި އެވެ.
ފްރާންސްގެ ކޯޗުކަމާ ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ޒިދާން ކަމަށް ޑެޝޯމްޕްސް ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ރެއާލް ކޯޗުކަމުން ވަކިވި ފަހުން ޒިދާން ހުރީ ޓީމަކާ ނުގުޅި އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ޔުވެންޓަސް އިން ވެސް ޒިދާނަށް ހުށަހެޅުން ލިބުނު ނަމަވެސް އޭނާ ވަނީ އެ ޕްރޮޕޯސަލްތަކަށް ނޫނެކޭ ބުނެފަ އެވެ.












