ޔުނައިޓެޑަށް ގަދަ ހަތަރެއް ގެއްލިއްޖެ، ލިވަޕޫލަށް ޓޮޓެންހަމް އަތުން ޕޮއިންޓެއް

May 7, 2022, 9:10 PM
ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ސޮން އާއި ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ސޮން އާއި ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަތުން 4-0 އިން ލަދުވެތި ގޮތަކަށް ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް ގަދަ ހަތަރެއް ގެއްލުނުއިރު، ޓޮޓެންހަމް ހޮޓްސްޕާސްއާ 1-1 އިން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހި ލީގު ހޯދުމުގެ ރޭހުގައި ލިވަޕޫލަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ އެވެ.

ލިވަޕޫލް ހޯދި ޕޮއިންޓާ އެކު ވަނީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 34 މެޗުން 83 ޕޮއިންޓް ލިބިފަ އެވެ. އެއް ގޯލުގެ ތަފާތުން ލިވަޕޫލް ކުރީގައި އޮތްއިރު، މާދަމާރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެގެން ސިޓީ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއްނެގޭނެ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 35 މެޗުން 67 ޕޮއިންޓް ލިބިފަ އެެވެ. ހަތަރެއްގައި އޮތް އާސެނަލަށް 34 މެޗުން 63 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް 35 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ހަ ވަަނައިގައި އޮތީ 37 މެޗުން 58 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑަށް ބާކީ އެއް މެޗު އޮތްއިރު، އެ މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ގަދަ ހަތަރަކަށް ވަދެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ. މިއީ ޔުނައިޓެޑުން ފާއިތުވި 30 އަހަރު އެންމެ މަދުން ޕޮއިންޓް ހޯދާ ސީޒަނެވެ.

ބްރައިޓަންގެ ސައިސޭޑޯ (ކ) އާއި ބިސޫމާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ބްރައިޓަން ދަނޑުގައި މިރޭ އެ ޓީމަށް ލީޑުނަގައިިދިނީ މޮއިސެސް ސައިސޭޑޯ އޭރިއާބޭރުން ތިރިތިރިން ޖެހި ގޯލަކުންނެވެ. ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖަހަން ބްރައިޓަން އަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ. އެކަމަކު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ބްރައިޓަން އަށް ލީޑުފުޅާކޮށްދިނީ މާކް ކުކުރޭލާ އެެވެ.

މެޗުގެ 57 ވަަނަ މިނިޓްގައި ޔުނައިޓެޑްގެ އޭރިއާތެރެއިން ޕަސްކާލް ގްރޮސް ވަނީ ބްރައިޓަންގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ޑެނީ ވެލްބެކް ކުރި އެޓޭކެއްގައި ބްރައިޓަންގެ ހަތަރު ވަނަ ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ. މި ގޯލު ޖަހަން ޓްރޮސާޑް ބޯޅަ ގޯލަށް ވައްދާލީ އަތުން ކަމަށް އެޕީލްކުރުމުން ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.

ޔުނައިޓެޑުން ގޯލެއް ޖަހަން ރަނގަޅު ތިން ހަމަލާ ފޮނުވާލި އެވެ. ބަދަލަކަށް ކުޅެން އެރި އެޑިންސަން ކަވާނީ އާއި ހެރީ މެގުއާ ބޮލުން ފޮނުވާލި ބޯޅަތަކާއި އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި ޝޮޓް ބްރައިޓަންގެ ސްޕެއިން ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ދަނޑުގައި މިރޭ ޓޮޓެންހަމް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ބޮލުން ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު، ޓޮޓެންހަމްގެ ޕިއޭ އެމީލް ހޮއިބިއާ އޭރިއާބޭރުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ޓޮޓެންހަމުން މެޗުގެ 56 ވަނަ މިނިޓްގައި ލީޑުނެގީ ސޮން ހެއުން މިން ޖެހި ގޯލުންނެވެ. މިއީ ލީގުގައި ސޮން ޖެހި 20 ވަނަ ގޯލެވެ.

ނަތީޖާ ހަމަހަމަކުރަން ލިވަޕޫލުން ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ނަސީބުގެ އެހީއާ އެކުގަ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ރޮޑްރީގޯ ބެންޓަކޫރު ފައިގައި ޖެހިފަ އެވެ.

މެޗުގެ ފަހު ކޮޅުގައި ޓޮޓެންހަމަށް އަލުން ލީޑުނަގަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، އިތުރު ވަގުތުގެ ފަހު ކޮޅުގައި ޑިއާޒް ގޯލަށް ޖަހަން އުޅުނު ބޯޅައެއް ޓޮޓެންހަމްގެ ފުލްބެކް، އެމަަސަން ރޯޔާލް ވަނީ ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox