ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓްބޯޅަ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައި އޮތް، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ ކްލަބުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް ދޭން ޖެހޭ ފައިސާ ދައްކަން އެންމެ ފަހުން ދިން މުއްދަތުގައި ވެސް އެކަން ކޮށްފައިނުވާތީ ފީފާ އިން އެ ޓީމާ މެދު އަނެއްކާ ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
އެފްއޭއެމާއި ފީފާ އިން ނިއު ސަސްޕެންޑްކުރީ 2019 ވަނަ އަހަރު ޖެނުއަރީ މަހުގަ އެެވެ.
ނިއު އަށް 2017 ވަނަ އަހަރު ކޯޗުކޮށްދިން ޓަވަރޭޒް، އެ އަހަރު ޖޫން މަހު މަގާމުން ވަކިކުރީ އުސޫލާ ހިލާފަށް ކަމަށް ބުނެ، އޭނާ ފީފާ އަށް މައްސަލަ ގެންދިޔަ އެވެ. ފީފާ އިން އެ މައްސަލައިގައި އެންމެ ފުރަތަމަ 2017 ވަނަ އަހަރު، ސެޕްޓެމްބަރު ހަތަރެއްގައި ނިއު އަށް އެންގީ 30 ދުވަހުގެ ތެރޭގައި ޓަވަރޭޒަށް ދޭން ޖެހޭ ފައިސާ ދިނުމަށެވެ. އެ މުއްދަތުގައި އެކަން ކޮށްފައިނުވެ އެވެ.
އޭގެ ފަހުން ފީފާ އިން ވަނީ މިދިޔަ މަހު ފަހުކޮޅުގައި ޓަވަރޭޒްގެ މުސާރަ ދޭން ހަ ދުވަހުގެ މުހުލަތެއް ދީފަ އެވެ. މި ފަހަރު ވެސް ނިއު އިން ފީފާގެ އެންގުމަށް އިޖާބަދީފައިނުވާތީ އެ ފެޑެރޭޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިއު އަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.
ނިއު އަށް އެންމެ ފުރަތަމަ ފީފާއިން އެޅި ފިޔަވަޅުތަކަކީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތް ހެދުމުގެ އިތުރުން، ޓަވަރޭސްގެ މުސާރަ އާއި ޖޫރިމަނާތައް ދައްކަން އެންގުމެވެ. ފީފާ އިން ނިއު އަށް އެންގި ފައިސާގެ ތަފްސީލަށް ބަލާއިރު، މުސާރައިގެ ގޮތުގައި ދޭން ޖެހޭ 4000 އެމެރިކާ ޑޮލަރު (61،680 ރުފިޔާ) އާއި ނިއު އިން ހަދާފައިވާ ކޮންޓްރެކްޓާއި ހިލާފުވެފައިވާތީވެ ބަދަލެއްގެ ގޮތުން ދޭން ޖެހޭ 20،000 އެމެރިކާ ޑޮލަރު (308،400 ރުފިޔާ) އަދި ފީފާ އަށް ދޭން ޖެހޭ 8000 ސްވިސް ފްރެންކްސް (124087 ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި 5000 ސްވިސް ފްރެންކް (77,557 ރުފިޔާ) އެވެ. މިއީ ޖުމްލަ އެއްކޮށް ބަލާއިރު، 571،724 ރުފިޔާ އެވެ. މި އަދަދުތައް ކުރިއަށް އޮތްތަނުގައި އިތުރުވާނެކަން ފީފާ އިން ވަނީ އަންގައިފަ އެވެ. އެއީ އެ ފައިސާ ނުދައްކައި އިތުރުވާ ކޮންމެ ދުވަހަކަށް ބެލުމަށް ފަހު އެވެ.
ފީފާ އިން ބުރާސްފަތި ދުވަހު ނިންމާފައިވަނީ ނިއު އަށް އިތުރު 30 ދުވަހުގެ މުހުލަތެއް ދިނުމަށެވެ. މި މުއްދަތުގެ ތެރޭގައި ނިއު އިން ޓަވަރޭސްގެ މުސާރަ އާއި އެހެެނިހެން ފައިސާ ނުދައްކައިފިނަމަ ދެ ފިޔަވަޅެއް ނިއު އަށް އަޅާނެކަން ފީފާ އިން ވަނީ އަންގައިފަ އެވެ. އެ ގޮތުން ނިއު އިން ދީފައިވާ މުއްދަތުގައި އެކަން ނުކޮށްފިނަމަ އެ ޓީމުގެ ހަ ޕޮއިންޓް އުނިކުރަން ފީފާ އިން ވަނީ ނިންމައިފަ އެވެ. ޕޮއިންޓް އުނިކުރުމަށް ފަހު ވެސް ނިއު އިން ޓަވަރޭސް އަށް ދޭން ޖެހޭ ފައިސާ ނުދައްކައިފިނަމަ އެ ޓީމު ދަށް ޑިވިޝަނަށް ރެލިގޭޓްކޮށްލާނެ ކަމަށް ފީފާ އިން ވަނީ އަންގައިފަ އެވެ.
ނިއު އިން އެންމެ ފަހުން އިންތިހާބުކުރި ބޯޑުގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އެހެންކަމުން، ފީފާގެ މި އެންގުންތަކަށް އެ ކްލަބުން އަމަލުކުރާނެ ރަސްމީ ހައިސިއްޔަތެއް އޮތް ލީޑަޝިޕެއް ނެތެވެ.
ޓަވަރޭޒަށް މުސާރަ ދޭން ފީފާ އިން ނިއު އަށް އަަނެއްކާ ވެސް މުހުލަތެއް ދީފައި މިވަނީ، ނިއުގެ ސަޕޯޓަރުންނާއި އެންމެ ފަހުން އޮތް ނިއުގެ ބޯޑު މެމްބަރުންތަކެއް އިސްވެ، ރޭޑިއަންޓް ނަމުގައި ކްލަބެއް ވުޖޫދުކޮށް މަސައްކަތް ފަށައިގެން އުޅޭ ދަނޑިވަޅެއްގަ އެވެ. ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާގެ ގޮތުގައި އޭއެފްސީން ވަނީ ނިންމައިފަ އެވެ. ނިއު ރޭޑިއަންޓްގެ ސްޕޯޓިން ސަކްސެސާއެއްގެ ގޮތުގައި ރޭޑިއަންޓަށް ކުރިއަށް ދެވޭނީ ނިއުގެ ދަރަންޏާ ހަވާލުވެގެން ކަމަށް އޭއެފްސީން ވަނީ ބުނެފަ އެވެ.











