މިލާން (މެއި 7) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނުން ފަހަތުން އަރައި އެމްޕޮލީ އަތުން 4-2 އިން މޮޅުވެ ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
މި މޮޅާ އެކު އިންޓަ އެއް ވަނައިގައި އޮތީ 36 މެޗުން 78 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 35 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ވެރޯނާއާ ދެކޮޅަށް މޮޅެއް ހޯދައި އަލުން މިލާނަށް އެއް ވަނަ އަށް އެރޭނެ އެވެ. ތިން ވަަނައިގައި އޮތް ނަޕޯލީ އަށް 35 މެޗުން 70 ޕޮއިންޓް ވަނީ ލިބިފަ އެވެ. ރޭ ޔުވެންޓަސް ކުޅުނު މެޗުން ވަނީ 2-1 އިން ޖެނޯއާ އަތުން ބަލިވެފަ އެވެ. ޔުވެންޓަސް އޮތީ 36 މެޗުން 69 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި އެމްޕޮލީ އަށް ލީޑުނަގައިދިނީ އިންޓަގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ އަންޑްރެއާ ޕިނަމޯންޓީ އެވެ. މިއީ ސީމޯން ޒުރްކޯސްކީގެ ހުރަަހަކުން ޕިނަމޯންޓީ ޖެހި ގޯލެކެވެ. މެޗުގެ 28 ވަނަ މިނިޓްގައި އެމްޕޮލީން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ ރިކާޑޯ ފިއަމޯޒީ މަތިން ނެގި ބޯޅައެއް އިންޓަ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އެމްޕޮލީގެ ކްރިސްޓަން އަސްލާނީ ޖެހި ގޯލެކެވެ.
އިންޓަ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އިންޓަގެ ފުރަތަމަ ގޯލަކީ މެޗުގެ 40 ވަނަ މިނިޓްގައި އެމްޕޮލީގެ ސިމޯނޭ ރޮމަނޯލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފެޑެރީކޯ ޑިމާކޯ ނެގި ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރޮމަނޯލީ ޖެހި ބޯޅަ ވަނީ ބައިކޮޅަށެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އިންޓަގެ ހަކަން ޗަނޮނޮގްލޫ ނެގި ހުރަަހަކުން ލަޓާރޯ މާޓީނޭޒް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި އިންޓަ އަށް އެއްވަރުކޮށްދީފަ އެވެ.
ދެ ވަނަ ހާފް ފެށިގެން ފުލުފުލުގައި އިންޓަ އިން އެޓޭކް ކުރަމުންދިޔައިރު، އެ ޓީމަށް މި ހާފުގައި ގޯލެއް ޖަހައި ނަތީޖާ އަނބުރާލެވުނީ 64 ވަނަ މިނިޓްގަ އެވެ. އިންޓަގެ ނިކޯލޯ ބަރޭލާ ނެގި ހުރަހެއް ދިފާއުކުރަން އެމްޕޮލީ ކުޅުންތެރިއަކު ޖައްސާލި ބޯޅަ މާޓީނޭޒަށް ލިބުމުން އޭނާ ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިންޓަ އިން މާޓީނޭޒްގެ ބަދަލުގައި ބޮސްނިއާގެ ފޯވާޑް އެޑިން ޖެކޯ ކުޅެން އެރުވިއިރު، ލަނޑު ޖަހަން ޖެކޯ އަށް ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުމެއް ނުހިފުނެެވެ. ޖެކޯ ފޮނުވާލި އެއް ބޯޅަ ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ. އިންޓަގެ ހަތަރު ވަނަ ގޯލުގައި ޖެކޯގެ ދައުރު ބޮޑެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ޖެކޯ ނެގި ހުރަަހަކުން އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހީ އަލެކްސިސް ސަންޗޭޒް އެވެ.
ޖެނޯއާ ދަނޑުގައި ރޭ ޔުވެންޓަސް އިން ލީޑުނެގީ 48 ވަނަ މިނިޓްގައި ޕައޮލޯ ޑިބާލާ ޖެހި ގޯލުންނެވެ. މޮއިސް ކީން ދިން ބޯޅައެއް އޭރިއާބޭރުން ކޮންޓްރޯލް ކޮށްލުމަށް ފަހު ޑިބާލާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ލީޑުފުޅާކުރަން ޑިބާލާ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ކީން ފޮނުވާލި ބޯޅަ ޖެނޯއާ ކީޕަރު ސަލްވަޓޯ ސިރިގޫ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 87 ވަނަ މިނިޓްގައި ޖެނޯއާގެ ނަދިއެމް އަމީރީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް އެއްވަރުކޮށްދިނީ ބަދަލަކަށް ކުޅެން އެރި އަލްބާޓް ގުޑްމުންޑްސަން އެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގުޑްމުންޑްސަން ވަނީ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އަލުން ޔުވެންޓަސް އަށް ލީޑުނަގައިދޭން އަލްވާރޯ މޮރާޓާ ހުސްކޮށްލާފައި ކީން އަށް ދިނުމުން، އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ޖެނޯއާ މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޓީމުގެ ކެޕްޓަން، ޑޮމެނީކޯ ކްރިސްސިޓޯ އެވެ. މިއީ ޔުވެންޓަސް އޭރިއާތެރެއިން އެ ޓީމުގެ މަޓިއާ ޑި ޝީލިއޯ ޖެނޯއާގެ ކެލްވިން ޔެބޯއާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.












