ލ. ކައްދޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭއިން ކަހާލައި ހާދިސާއެއް ހިނގައިފި އެވެ.
މިރޭގެ 19:45 ގައި ޖައްސަން އުޅެނިކޮށް ހިނގި މި ހާދިސާގައި އެ ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް މޯލްޑިވިއަނުން ވަނީ "އަދަދު" އަށް ބުނެފަ އެވެ.
ފްލައިޓު ކައިރީގައި ކައްދޫ އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ވެހިކަލްތައް ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.
އޭގެ އިތުރުން، ފްލައިޓަށާއި ރަންވޭއަށް ވެސް ގެއްލުމެއް ވެފައިނުވާ ކަމަށް ފްލައިޓުގެ ކެޕްޓަނާ ހަވާލާދީ އެ އެއާލައިނުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ ފްލައިޓުން ދަތުރުކުރުމަށް ކައްދޫ އެއާޕޯޓުގައި ތިބި ފަސިންޖަރުން ގެނައުމަށް މާލެއިން ފްލައިޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން "އަދަދު" އަށް ބުންޏެވެ.

އަދި، މިރޭ 21:45 ގައި އެ ފްލައިޓު ނައްޓާލާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަނުން އަންނަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.
ކައްދޫ އެއާޕޯޓަކީ އެމްއެންޑީއެފްގެ އިސްކަންދަރު ވައިގެ މަރުކަޒު ގާއިމުކޮށްފައިވާ އެއާޕޯޓެވެ. އެހެންކަމުން މިފަދަ ހާދިސާއަކަށް އެންމެ ފުރިހަމައަށް ރާއްޖޭގައި ތައްޔާރުވެފައި އޮންނާނެ އެއް އެއާޕޯޓަކީ ކައްދޫ އެއާޕޯޓެވެ.











