ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަސައްކަތްތަކެއް ކުރާތީވެ، އިންޑިއާގެ ކޮޗިނުން މާލެއަށް މިއަދު ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާބޯޓެއް ގަމަށް ޑައިވާޓްކޮށްފި އެވެ.
މިއަދު 13:39 ގައި އިންޑިއާގެ ކޮޗިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އެ ބޯޓު ޑައިވާޓްކުރަން ޖެހުނީ ރަންވޭ މަތިން ޑެބްރީ ފަދަ ތަކެތި ސާފުކޮށް ކްލިއާ ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީނކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
މަތިންދާބޯޓު ގަމަށް ޑައިވާޓްކޮށްފައިވަނީ ބައި ގަޑިއިރު އެއާޕޯޓަށް ނުޖެއްސި މަތީގައި އޮތުމަށްފަހު ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މޯލްޑިވިއަން އިން ބުނީ އެ މަތިންދާބޯޓަކީ އެއަބަސް މަރުކާގެ މަތިންދާބޯޓެއް ކަމުން، ރަންވޭއަށް ޖައްސަން ބޮޑު ސަރަހައްދެއް ބޭނުންވާ ކަމަށެވެ.
ނަމަވެސް، ރަންވޭގެ ބޮޑު ސަރަހައްދެއް އާންމުކޮށް ބޭނުންނުވާ ޑޮމެސްޓިކް ދަތުރުތަކުގެ އެއްވެސް މަތިންދާބޯޓެއް ޑައިވާޓްނުކުރާ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

ގަމަށް ޑައިވާޓްކުރި އެ ބޯޓު މިހާރު އެ އެއާޕޯޓުން ތެޔޮ އަޅައިގެން އަނެއްކާ ވެސް މާލެއަށް ދަތުރުކުރަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. އަދި, މިހާރު ވެލާނާ އެއާޕޯޓުގެ ރަންވޭ ކްލިއާކޮށްފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ފްލައިޓް ޑައިވާޓްކުރުމުގެ ފަހަތުގައި ވިއްސާރައިގެ ސަބަބުތަކެއް ހުރި ކަމަށެވެ. ނަމަވެސް، އެއާޕޯޓުގެ ރަންވޭ މަސައްކަތްތަކެއް ކުރާކަމެއް ނުވަތަ ނުކުރާކަމެއް، އެމްއޭސީއެލްއިން ކަށަވަރެއް ނުކޮށްދެ އެވެ. ޑައިވާޓްކުރަން ޖެހުނީ އަދި އެންމެ މަތިންދާބޯޓެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ހުރިހާ އެއާލައިންތަކަކުން ވެސް ކުރިމަތިވެދާނެ ކުއްލި ހާލަތަކަށް ބަލައި 30 މިނެޓު އިތުރަށް ދުއްވޭ ވަރަށް ފްލައިޓަށް ތެޔޮ އަޅަން އެމްއޭސީއެލް އިން އަބަދުވެސް އިލްތިމާސްކުރެ އެވެ.












