އަލަށް އުފަންވާ ކުދިންނަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމް އަތޮޅުތެރެއަށް ފުޅާކޮށްފި އެވެ.
މީގެކުރިން އެ ކުންފުނިން ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް އާއި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕްގައި އުފަންވާ ކުދިންނަށް ހަދިޔާ ދިނުމަށް ފަށާފަ އެވެ. އަދި، އިއްޔެ ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި މި ޕްރޮގްރާމް ފަށާފަ އެވެ.
އެގޮތުން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އުފަންވި ކުދިންނަށް އެސްޓީއޯގެ ހާއްސަ ހަދިޔާ ޕެކް ވަނީ ހަވާލުކޮށްފަ އެވެ.
ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށް ވެސް ހަދިޔާ ޕެކް ދޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެ އެވެ. މިއީ އެ ކުންފުނީގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އަލަށް އުފަންވާ ކުދިންގެ އާއިލާ އާ ހަވާލުކުރާ މި ހަދިޔާ ޕެކްގައި ތުއްތު ކުއްޖާއަށާއި އޭނާގެ މަންމައަށް ބޭނުންވާނެ ޒަރޫރީ ސާމާނުތައް ހިމެނެ އެވެ.












