މެޑްރިޑް (މެއި 3) - ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ކޯޗިން އިން ރިޓަޔާކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ރެއާލްގެ ކޯޗު އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މި ސީޒަނުގައި ރެއާލާ ހަވާލުވި އަންޗެލޮޓީ ވަނީ އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފަ އެވެ. މި ތަށްޓާ އެކު އަންޗެލޮޓީ އަށް ވަނީ ފުޓްބޯޅައިގެ ޝަރަފްވެރި ރެކޯޑެއް ގާއިމްކުރެވިފަ އެވެ.
އަންޗެލޮޓީ އަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތަށި ހޯދި ހަމައެކަނި ކޯޗެވެ. އަންޗެލޮޓީ ވަނީ އޭސީ މިލާނަށް އިޓާލިއަން ލީގު، ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގު، ޕީއެސްޖީ އަށް ފްރެންޗް ލީގު، ބަޔާން މިއުނިކަށް ޖަރުމަނު ބުންޑަސްލީގާގެ އިތުރުން ރެއާލަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފަ އެވެ. ދިހަ ކްލަބަށް ކޯޗުކޮށްދިންއިރު، މުޅި ކޯޗިން ކެރިއަރުގައި ޖުމްލަ 21 ތަށި އުފުލާލި އެވެ.
ރެއާލަކީ އަންޗެލޮޓީގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދޭ ހަމައެކަނި ޓީމެވެ. އުމުރުން 62 އަހަރުގެ އަންޗެލޮޓީ ބުނީ ރެއާލްގެ އެއްބަސްވުން ހަމަވުމަށް ފަހު ކޯޗިން ހުއްޓާލުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
"އެކަމަކު ރެއާލުން އަހަރެން 10 އަހަރު ވަންދެން ބަހައްޓައިފިއްޔާ، އަދި އިތުރު 10 އަހަރު ކޯޗުކަން ކުރަން މިހުރީ ތައްޔާރަށް،" އަންޗެލޮޓީ ބުންޏެވެ.
މި ސީޒަނުގައި އެވަޓަން ދޫކޮށްލައި، ރެއާލާ އެކު އަންޗެލޮޓީ ކޮންޓްރެކްޓް ހެދީ 2024 ވަނަ އަހަރާ ހަމައަށެވެ. އަންޗެލޮޓީ ކޯޗިން ކެރިއަރު ފެށީ އިޓަލީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 1992 ވަނަ އަހަރު އެވެ.
ތިން އަހަރު އިޓަލީގެ އިސް ކޯޗިން ސްޓާފަކަށް ހުރި އަންޗެލޮޓީ، 2026 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ފެނިދާނެތޯ އެހުމުން އެ އަށް އަންޗެލޮޓީ ސީދާ ޖަވާބެއް ނުދިނެވެ.
"ކާފަދަރިންނާ އެކު ވަގުތުތަކެއް ހޭދަކޮށް އަރާމްކުރަން ބޭނުން. އަހަރެންގެ އަންހެނުންނަށް ވެސް ވަގުތު ދޭން ބޭނުން. މީގެ ކުރިން އެ ގޮތަށް ދޫކޮށްލެވިފައި ހުރި ގިނަ ކަންތައްތަކެއް ކުރަން ބޭނުން،" އަންޗެލޮޓީ ބުންޏެވެ. "ގައުމީ ޓީމަކުން ވެސް ފެނިދާނެ. އެކަމަކު، އެއީ މި ވަގުތަށް ބަލާއިރު ވިސްނުމެއް ނޫން،"
މި ފަހަރުގެ ސްޕެނިޝް ލީގު ހޯދުމަށް ފަހު އަންޗެލޮޓީގެ ފޯކަސް އަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ކޯޗިން ކެރިއަރުގައި ހަތަރު ފަހަރަށް ޔޫރަޕްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ އެ ޝަރަފްވެރި ތަށި ކާމިޔާބު ކުރުމެވެ. މީގެ ކުރިން އަންޗެލޮޓީ ވަނީ 2003 އާއި 2007 ވަަނަ އަހަރު އޭސީ މިލާނަށް އަދި 2014 ވަނަ އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަންޗެލޮޓީގެ ރެއާލް ވަނީ މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީ ދަނޑުގައި 4-3 އިން ބަލިވެފަ އެވެ. މާދަމާރޭ ރެއާލް ދަނޑުގައި ނަތީޖާ ނެރެގެން ނޫން ގޮތަކަށް، މި މަހު 28 ގައި ޕެރިހުގައި ކުޅޭ ފައިނަލުން ރެއާލަށް ފުރުސަތު ނުލިބޭނެ އެވެ.












