އިއްޔެ މެންދުރު ފުވައްމުލަކު ނެރު ކައިރިއަށް ފީނަން ފޭބި ދެ ދިވެހިގެ ތެރެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު "ސައިއްޓޭ" ސައީދު އަދިވެސް ނުފެންނައިރު ފަރުވާއަށް ދ. ކަނޑިންމަ ރިސޯޓަށް ފޮނުވާލި މަހުމޫދު ފާއިޒް ރޭ ޑީކޯ ޗެމްބަރަށްލުމަށް ފަހު މިއަދު ހެނދުނު އެ މެޝިނުން އޭނާ ނަގާފަ އެވެ.
އިއްޔެއާ ހަމައަށް ކަންވީ ގޮތް ސާފުވެފައި ނުވި ނަމަވެސް މިހާރު މަހުމޫދު ވަނީ އިއްޔެ އެ ހާދިސާގައި ކަންހިނގާދިޔަގޮތް ބައެއް މީހުންނަށް ކިޔާދީފަ އެވެ. މަހުމޫދުގެ އާއިލާއަށް ނިސްބަތްވާ ޑައިވަރެއް ކަމަށްވާ އަހުމަދު ރަޝާދު ބުނީ މަހުމޫދު މައްޗަށް އެރުމަށްފަހު ސައީދު 30 މީޓަރަށް މައްޗަށް ނެގުނު ކަމަށް ބުނި ކަމަށެވެ.
"އެ އިންސިޑެންޓް ދިމާވެފަ އިންނަނީ 33 މީޓަރު އަޑިން. ސައީދު އަޑިޔަށް ދާން ފެށިޔަސް އޭރު މަހުމޫދަށް ގެޓެއް ނުވޭ އަޑިއަށް މި ދަނީ އަމިއްލައަށް ކަމެއް ނޫނީ ކަމެއް ވެގެން ކަމެއް. މާފަހުން އަސްލު މި އެނގެނީ ސައީދު އަމިއްލައަށް ދަނީ ނޫންކަން،" މަހުމޫދުގެ އާއިލާ މެމްބަރު އަހުމަދު ކިޔައިދިނެވެ.

މަހުމޫދާއި ސައީދު ޑައިވް ކުރުމަށް ފޭބި ސަރަހައްދު--
"އޭނައަށްވެސް ނޭންގުން ކިހިނެތް ކަމެއް. ވެދާނެ އެގަޑީގަ ހާސްވެފަ ހުރީމަ ކަމަށް ވެސް."

"78 މީޓަރަށް މަހުމޫދު ގޮއްސަ ހުރި ސައީދު ނަގަން. އެހިސާބުން އޭނައަށް ސައީދު އަތުވަނީ. ދެން ނަގައިގެން މައްޗަށް ގެނެވުނު ކަމަށް މަހުމޫދު ބުނީ 30 ވަރަކަށް މީޓަރަށް. އެ ފަހުން ދޫވީ. އެހިސާބުން ދެން މަހުމޫދު މި ޖެހެނީ އޮޔަގަނޑެއްގައި. އަޅުގަނޑުމެން ކިޔަނީ ކަރަންޓު، އޭގަ. އެއީ ވޮޝިން މެޝިންގަ ޖެހޭ ގޮތަށް ޖެހޭ ކަރަންޓެއް ހަމަ،"
އެ ހިސާބުން މަހުމޫދަށް ސައީދު ގެއްލުނީ ކަމަށް އޭނާ ބުންޏެވެ.
އެ ރަށުގެ ޑައިވް ސްކޫލުތަކުން ގުޅިގެން ސައީދު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، 78 މީޓަރު އަޑި އަށް ހޯދޭނެ ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެއީ އެހާ އަޑި ހޯދޭނެ އާލާތަތައް ރާއްޖޭގައި ނުގެންގުޅޭތީ އާއި ރާއްޖޭގައި ކުރަނީ ހަމައެކަނި ރެކްރިއޭޝަނަލް ޑައިވް ކަމަށްވާތީ އެވެ.
ރެކްރިއޭޝަނަލް ޑައިވްގައި އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށެވެ. އެއަށްވުރެ އަޑިއަށް ގޮސް ޑައިވް ކުރުމަކީ މަނާ ކަމެކެވެ.

ސައީދު ހޯދުމަށް ހަރަކާތެރިވާ ޑައިވަރުންތަކެއް ޑައިވް ކުރުމަށް ތައްޔާރުވަނީ--
ސައީދު ހޯދުމުގައި ވެސް ހަރަކާތެރިވަމުން އަންނަ އަހުމަދު ބުނީ އިއްޔެ އެ ސަރަހައްދުގެ 72 މީޓަރު ފުން ސަރަހައްދެއް ބަލާފައިވާނެ ކަމަށާއި އިއްޔެ އޮއިވަރާ މިއަދުގެ އޮއިވަރު ވަރަށް ތަފާތު ކަމަށެވެ. މިއަދު އެ ސަރަހައްދުގެ އަޑި ކިލަނބު ކަމުން ރަނގަޅަށް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
އެ ރަށުން ވާހަކަ ދައްކާލި ބައެއް ޑައިވަރުން ބުނި ގޮތުގައި އެ ސަރަހައްދަކީ ރަށާ ގާތްގަނޑަކަށް 200 މީޓަރުގެ ދުރުމިނުގެ ހިސާބެއް ކަމަށެވެ. ފުން މިން ނޭންގޭ އެ ސަރަހައްދަކީ އާންމުކޮށް ޑައިވް ކުރާ މީހުން ގޮސް އުޅޭ ސަރަހައްދެކެވެ.
"އެމްއެންޑީއެފްގެ ކޯސްޓުގާޑް ޓީމެއް އިއްޔެ ވެސް އުޅުނު ސާޗިންގަ. މިއަދުވެސް އެބަ އުޅޭ ކޯސްޓުގާޑް ރެސްކިއު ޓީމެއް. އެކަމަކު މި ރަށު ޑައިވަރުން ސާޗް މި ކުރަނީ އަޑިން،" އެ ރަށުން ވާހަކަ ދައްކާލި އެހެން ޑައިވަރަކު ބުންޏެވެ.
އެމްއެންޑީއެފުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް މިހާރު ވަނީ ބަލާފަ އެވެ. ސައީދު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ދެ ހާބާ ކްރާފްޓް ބޭނުން ކުރަމުން އަންނައިރު ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.













