"މޭ ޑޭ" އަކީ މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލުމުގެ ހަރަކާތްތައް މުޅި ދުނިޔޭގައި ހެން ހިންގާ ދުވަހެވެ. ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަހެވެ.
އެކަމަކު މީގެ އަހަރުތަކެއް ކުރިން ޔޫރަޕާއި އެމެރިކާގައި ފާހަގަ ކުރި "މޭ ޑޭ" އަކީ އެކުވެރިކަމާއި އިހްތިރާޒް ރަމްޒުކޮށްދޭ ހަރަކާތެއް ހިންގި ދުވަހެކެވެ. ކޮންމެ ގެއެއް ކައިރީ މާބޮނޑިއެއް ބޭއްވުމުގެ ސަގާފަތެއް ޔޫރަޕްގެ ގައުމުތަކުގައި އަދިވެސް އޮވެ އެވެ.
އެމެރިކާގައި އަދިވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އެއް ދުވަހަކީ ކޮންމެ ސެޕްޓެމްބަރު މަހެއްގެ ފުރަތަމަ ހޯމަ ދުވަހެވެ. އެމެރިކާގައި މަސައްކަތްތެރިންގެ ދުވަހެއް ފުރަތަމަ ފަހަރަށް ބޭއްވީ ސެޕްޓެމްބަރު 5، 1882 ގަ އެވެ. ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަސް ނިސްބަތްވަނީ އެ ކަމަށެވެ.
އޭރުން ފެށިގެން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއި، އެކަށޭނަ އުޖޫރައެއް ދިނުމާއި، މަސައްކަތް ކުރެވޭނެ އެންމެ ގިނަ ވަގުތު ކަނޑައެޅުމާއި، ކުޑަކުދިން ލައްވައި މަސައްކަތް ކުރުން ހުއްޓުވުން ފަދަ ކަންތައްތަކަށް ގޮވާލައި ހިނގާލުންތައް އައީ ބާއްވަމުންނެވެ.
އިންޑަސްޓްރިއަލް ރެވޮލިއުޝަންގެ ޒަމާނުގައި ވަޒީފާ ލިބުމަކީ ވެސް ދަތި ކަމެކެވެ. އަދި އަދާކުރާ ވަޒީފާ އަކީ ވެސް ދައްޗެކެވެ. ދުވާލަކު 12 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މީހުން މަސައްކަތް ކުރި އެވެ. ސިއްހީ އިނާޔަތްތަކާއި، ޕެންޝަންއާއި، ޗުއްޓީ ދުވަސްތަކެއް ވެސް ނުލިބޭ ގޮތަކަށެވެ.

ރަނގަޅު އުޖޫރައެއް ހޯދުމަށާއި، މަސައްކަތް ކުރާ ގަޑިއިރު ކުޑަ ކުރުމަށާއި، ރައްކާތެރި މާހައުލެއް ގާއިމް ކުރުމުގެ ބޭނުމުގައި މަސައްކަތްތެރިން އެއްވެގެން ޔުނިއަންތައް އުފައްދަން ފެށީ އެހެންވެ އެވެ. އެހަރަކާތްތަކާ އެކު، ފުލުހުންނާއި ސިފައިންގެ އެއްބާރުލުން ލިބޭ ކުންފުނިތަކުގެ ވެރިން މެދު އުފެދުނީ ނުތަނަވަސް ކަމެވެ.
ޝިކާގޯ ލޭއޮހުރުވުމަށް ފަހު ހިންގި ބޮޑު އިހްތިޖާޖް
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ މޭ މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅެން ޖެހުނު ގޮތުގެ ވާހަކަ ފެށެނީ ވެސް އިންޑަސްޓްރިއަލް ރެވޮލިއުޝަންގެ ދުވަސްވަރު އެމެރިކާގައި އޭރު ކުރެވުނު އިހްތިޖާޖްތަކުގެ ތެރެއިންނެވެ.
އެމެރިކާގެ ޝިކާގޯގައި މަސައްކަތްތެރިން ނުކުމެ ކުރި އިހުތިޖާޖުގައި ބޮޑު ލޭއޮހުރުވުމަކަށް ބަދަލުވި އެވެ. އެ ހަމަނުޖެހުމުގައި ގިނަ އަދަދެއްގެ ފުލުހުންނާއި، އިހްތިޖާޖްގެ ބައިވެރިން މަރުވެގެން ދިޔަ އެވެ.
ހޭމާކެޓު ޝުކެއާ ކައިރިން ފުލުހުން ހިންގި ރިއޮޓްގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން، އިހުތިޖާޖް ރޭވުމުގައި އިސްކޮށް އުޅުނު ޔުނިއަންގެ ހަތަރު ލީޑަރަކަށް މަރުގެ އަދަބު ވެސް ދިނެވެ.
މި ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުން މަސައްކަތްތެރިންގެ ޔުނިއަންތަކާއި، ސިޔާސީ ގްރޫޕްތައް ވެގެން ހޭމާކެޓު ޝުކެއާ ކައިރިއަށް އެއްވެ ބޮޑު ހިނގާލުމެއް ބޭއްވި އެވެ. އެކެއް މޭ، 1886 ގައި ކުރެވުނު އެ އިހްތިޖާޖަށް ފަހު ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި އެ ދުވަސް 1894 ގައި ކަނޑައެޅެވުނެވެ.
އެހެން ނަމަވެސް އޭރު މަސައްކަތްތެރިން ގޮވާލަމުން ދިޔަ ގިނަ ކަންކަން ހަގީގަތަކަށް ވެގެން އައީ ވެސް އޭގެ މާ ފަހުން 1938 ގަ އެވެ.
އެމެރިކާގެ އޭރުގެ ރައީސް ފްރެންކްލިން ރޫސްވެލްޓް ފުރަތަމަ ފަހަރަށް 8 ގަޑިއިރުގެ މަސައްކަތު ވަގުތާއި ހަފުތާގެ ފަސް ދުވަހު މަސައްކަތް ކުރެވޭ ގޮތަށް ގާނޫނު ތަސްދީގު ކުރެއްވީ އެ އަހަރެވެ.
އަދިވެސް ގިނަ ގައުމުތަކުގައި މަސައްކަތްތެރިންގެ ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އެބަހުއްޓެވެ. މޭ މަހުގެ ފުރަތަމަ ދުވަހު، ދުނިޔޭގެ ގިނަ ގައުމުތަކުގައި މަސައްކަތްތެރިންގެ ހައްގުތަކުގެ އަޑުއުފުލަން އެ ދުވަހު ބޮޑެތި ހިނގާލުންތައް މިހާރުވެސް ބާއްވަ އެވެ.










