އިންޑިއާ ސަރުކާރުން ރާއްޖެ އަށް ކްރިކެޓް ކުޅެން ބޭނުންކުރާ މަތީ ފެންވަރުގެ ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.
މިއަދުގެ ސަރުކާރު ފެށިގެން އައިއިރު، ރާއްޖޭން ވަނީ އިންޑިއާއާ އެކު އިންޑިއާ-މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީސްގެ ނަމުގައި ހަރަކާތްތަކެއް ބާއްވައިފަ އެވެ. ކްރިކެޓްގެ ނަން މަޝްހޫރު ގައުމެއް ކަމަށްވާ އިންޑިއާ އިން މީގެ ކުރިން ވަނީ 2019 ވަނަ އަހަރުގައި ރާއްޖޭގައި ހާއްސަ މެޗުތަކެއް ވެސް ކުޅެފަ އެވެ. އަދި އެ ނޫން ވެސް ގޮތްގޮތުން އިންޑިއާ ސަރުކާރުން ރާއްޖޭގެ ކްރިކެޓަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރާ ކްރިކެޓް ސާމާނާ ހަވާލުވުމުގެ ގޮތުން ބޭއްވި އިވެންޓް ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގަ އެވެ. މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އަރިހުގައި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް، ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލްގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އަދި ސީނިއާ ގައުމީ ޓީމު ކުޅުންތެރިން ކަމަށްވާ ޔޫސުފް އަޒްޔާން ފަރުހަތާއި ޝަންމާ އަލީ ބައިވެރިވި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރާ ކްރިކެޓް ސާމާނުތައް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
މި އިވެންޓްގައި ވީޑިއޯ ކޯލެއް މެދުވެރިކޮށް، އިންޑިއާގެ ކުޅިވަރާ ބެހޭ ވަޒީރު އަނޫރާގް ތާކުރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ކްރިކެޓަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށާއި އެ ކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަަމަށެވެ. އަދި އުންމީދަކީ ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އިސް ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ދެމި އޮތުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އިއްޔެގެ އިވެންޓަށް ފަހު ވަނީ އިންޑިއާ އާއި ރާއްޖޭގެ އިސް ފަރާތްތަކުގެ މެދުގައި އެކުވެރިކަމުގެ 8 އޯވަރުގެ މެޗެއް ކުޅެފަ އެވެ. މި މެޗުން މޮޅުވީ އިންޑިއާ ޓީމެވެ.
އިންޑިއާ އިން ވަނީ 2019 ވަަނަ އަހަރު، ރާއްޖޭގެ ކްރިކެޓުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އާއި އިންޓަ ސްކޫލް މުބާރާތްތަކަށް ހާއްސަކޮށްގެން 1000 ކުދިންނަށް ޖޯޒީ ހަދިޔާކޮށްފަ އެވެ. އިންޑިއާ އިން ރާއްޖެ އަށް ދޫކުރަން އެއްބަސްވެފައިވާ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ހުޅުމާލޭގައި ކްރެޑިޓް ސްޓޭޑިއަމެއް އެޅުމަށް ނިންމައި، ކުރެހުން ވެސް ވަނީ އާންމުކޮށްފަ އެވެ. އެކަމަކު، އެ މަަސައްކަތް އަދި ކުރިއަށްދާ ގޮތް ވަނީ ނުވެފަ އެވެ.












