އާސިފް، 32، މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓުގަ އެވެ. އޯލެވެލް ނިންމުމަށްފަހު، އުމުރުން 17 އަހަރުގައި ރިސޯޓަށް އައި ފަހުން، ގައުމުގެ އަނެއް ބިތުގައި އޮންނަ އޭނާގެ އުފަން ރަށަށް ދަނީ، ގިނަވެގެން އަހަރަކު އެއް ފަހަރެވެ. މާލެ އަންނަނީ ވެސް އަހަރަކު އެއް ބުރަށް، ޗުއްޓީއެއް ނަގައިގެނެވެ.
އެކަމަކު، ކޮންމެ ދުވަހަކު ވެސް މަސައްކަތް ނިންމުމަށްފަހު، ރިސޯޓުގެ މާހައުލު ދޫކޮށް އެމީހަކު ދިރިއުޅޭ ތަނަކަށް، ނުވަތަ ދަތުރުކުރަން ބޭނުންވާ ތަނަކަށް ދިއުމުގެ ހައްގު ގާނޫނުން އާސިފަށް ލިބެ އެވެ. ނަމަވެސް ހަގީގަތުގައި އު ފުރުސަތު އޮތީ ތަނަވަސްކޮށްދީފައެއް ނޫނެވެ.
"ރިސޯޓަކީ ހަމަ ރިސޯޓު. އަހަރުމެންގެ ތަނެއް ނޫން. އެތަނުގައި އުޅެންޖެހޭނީ އެމީހުން ބުނި ގޮތަކަށް. އޮންނަ އުސޫލަކުން. ޑިއުޓީ ނިންމާފަ އެކޮމޮޑޭޝަނަށް ދިޔަސް އެތަނުގެ ގަވާއިދުތަކަށް ބޯލަނބަންޖެހޭ. އަމިއްލަ ގޯތީގަ އުޅޭ ގޮތަކަށް ނޫޅެވޭނެ. އެ މިނިވަންކަން އަސްލު، އަހަރެން ޕާސަނަލީ ބޭނުންވަނީ. އެކަމަކު ގާނޫނުގައި ލިޔުނަސް ކޮންމެ ރަށަށް ނުވަތަ މިތާ ކައިރި ރަށަކަށް ވެސް އަސްލު ނުދެވޭނެ. ރިއަލިސްޓިކެއް ނޫން އެކަންތައް،" އާސިފް، ދެކުނުގެ ރަށަކަށް ނިސްބަތްވާ އާސިފް ބުންޏެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، އެ މީހުންގެ މަސައްކަތުގެ ވަގުތު ނިމުމުން ރަށަށް ދިއުން ނުވަތަ "ނައިޓަށް ދިއުން" ގާނޫނަށް އިތުރު ކުރީ މިދިޔަ ސެޕްޓެމްބަރު 6، 2020 ގައި ރައްޔިތުންގެ މަޖިލީހުގައި އޮތް ޖަލްސާގަ އެވެ.
އެ ދުވަހު، ވަޒީފާއާ ބެހޭ ގާނޫނަށް މުހިންމު އަދި ބޮޑެތި ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހުން ގެނަ އެވެ. ނައިޓަށް ދިއުމުގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަގުފަހިކޮށްދިނީ ވެސް އެ ދުވަހުގެ ޖަލްސާއިން ގާނޫނަށް ގެނައި އިސްލާހުތަކުންނެވެ. އޭގެ އިތުރުން ވެސް، ވަޒީފާއާ ބެހޭ ގާނޫނަށް އެ ދުވަހު މުހިންމު ބަދަލުތަކެއް ގެނަ އެވެ.
އެ އިސްލާހުތަކަށް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި ބަލައިލަނީ އެ ދުވަހު ގެނައި އިސްލާހުތަކުން މަސައްކަތްތެރިންނަށް އައި ބަދަލުގެ މައްޗަށެވެ.
އެންމެ ކުޑަ އުޖޫރަ
މަސައްކަތް ކުރާ މީހާއަށް ލިބެން ޖެހޭނެ އެންމެ ކުޑަ އުޖޫރައެއް މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގައި ދޫކުރަން ފެށީ މި ގައުމުގެ ތާރީހުގައި އަލަށެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން މި ދިޔައީ އެކަން ކުރުމަށް ގާނޫނުގައި ލިޔެފައި އޮންނަތާ އެތައް އަހަރެއް ފާއިތުވެދިޔަ ފަހުންނެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ރޭޓަކީ، ކުދި ފަންތީގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ގަޑިއިރަކަށް 21.63ރ. އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް މަދުވެގެން ގަޑިއިރަކަށް 33.65ރ. އަދި ބޮޑެތި ވިޔަފާރިތަކުގެ މުވައްޒަފުންނަށް މަދުވެގެން ގަޑިއިރަކަށް 38.46ރ. އެވެ.
އެ މިންގަނޑުތަކުގެ ދަށުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަދުވެގެން 8،000ރ. ދޭންޖެހޭނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.
އެންމެ ކުޑަ އުޖޫރަ މުވައްޒަފުންނަށް ދެމުން އަންނަތާ މިހާރު ހަ މަސް ފާއިތުވީ އެވެ. އެހެންވީމަ މިހާރު އުފެދޭ ސުވާލަކީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިގެން ހަ މަސް ދުވަސް ފާއިތުވެ ދިޔައިރު އޭގެ ފައިދާއެއް ފެނިއްޖެ ހެއްޔެވެ؟
"މިނިމަމް ވޭޖް ތަންފީޒު ކުރުމަކީ ހެޔޮ ބަދަލެއް ކަމަށް ގަބޫލު ކުރަން. އެކަމަކު ތަންފީޒުވެގެން މި އައީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ މިންގަނޑަކަށް ވެސް ނޫން. އެކަމަކު މިނިމަމް ވޭޖަކީ ހަގީގަތުގައި އައިއެލްއޯއިން ގެންގުޅޭ މިންގަނޑެއް،" މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ ފާތިމަތު ޒިމްނާ ވިދާޅުވި އެވެ.
ޒިމްނާ ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑުން ނިންމި ނިންމުމާ ހިލާފަށް އެ އަދަދުތައް ތިރިކޮށް ސަރުކާރުން ކުޑަ އުޖޫރަ ފާސް ކުރުން "ބަލައެއް ނުގަނެވޭނެ" ކަމަށެވެ.
"ބޯޑުން ނިންމި ނިންމުމަށް، ފަހު ވަގުތު ވަރަށް ބޮޑު ބަދަލުތަކެއް އައިސްގެން ފާސް ކުރީ. އެކަން ބަލައެއް ނުގަނެވޭނެ. މިސާލަކަށް ޕަބްލިކް ސެކްޓާ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖް މި ދެނީ އެލަވަންސެއް ގޮތަށް. އިކޮނޮމިކް އިންޑިކޭޓާސް ބަލާފަ މިނިމަމް ވޭޖް ބޯޑުން ކަނޑައެޅީ. ދެން އޭގެ ފަހުން ސަރުކާރުން އަދަދުތަކަށް ބަދަލުގެނައީ ކޮން ގޮތަކުން ވިސްނާފަކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ޒިމްނާ ފާހަގަ ކުރެއްވި އަނެއް މައްސަލައަކީ، އެންމެ ކުޑަ އުޖޫރަ ދެމުން ގެންދޭތޯ ބަލައި، މޮނީޓާ ކުރާނެ ވަކި ބަޔަކު ގާނޫނުގައި ކަނޑައަޅާފައި ނެތުމެވެ. އެހެންކަމުން އެ ޒިންމާ ނަގާނެ ބަޔަކު ސާފުވެފައި ނެތުމަކީ ކުރިމަގުގައި މައްސަލަ ނިކުންނާނެ ކަމެއް ކަމަށް ޒިމްނާ ދެކެ އެވެ.
ރިޑަންޑަންސީ
ރިޑަންޑަންސީ، ނުވަތަ ކުންފުނީގެ މަސައްކަތަށް ގެންނަ ބަދަލެއްގެ ސަބަބުން އެ މީހާ އަދާކުރާ ވަޒީފާ އުވިގެންދާ ހާލަތްތަކުގައި ވަޒީފާއިން ވަކި ކުރުމުގެ ހައްގު ގާނޫނުގައި ހިމެނީ ވެސް ސެޕްޓެމްބަރު، 2020 ގައި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގަ އެވެ.
އެ އިސްލާހުގެ ސަބަބުން، މިސާލަކަށް، ޑިޕާޓްމަންޓެއް އުވާލައި އެތަނުގެ ބައެއް މުވައްޒަފުން ވަކި ކުރެވިދާނެ އެވެ. އެމްޓީޔޫސީގެ ޒިމްނާ ދެކޭ ގޮތުގައި އެއީ މުވައްޒަފުންގެ ހައްގުތަކަށް ބަލާއިރު އެންމެ ރަނގަޅު އިސްލާހެއް ނޫނެވެ.
"އޯގަނައިޒޭޝަނަކަށް ވަރަށް ފަސޭހަވާނެ ދޯ މަގާމެއް އުވާލާފައި، ހަމަ އެ މަގާމުތަކުގެ ޒިންމާތަކާއެކު އެހެން ނަމެއްގައި މަގާމެއް އުފެއްދުން. މިހާރު ވެސް އޭގެ ބައިވަރު ކޭސް ޓްރައިބިއުނަލްގައި އެބަ އޮތް މި އިސްލާހު ފާސް ކުރި ފަހުން ވެސް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިއީ ހަގީގަތުގައި ކުރިން ވެސް ގާނޫނުން މަސައްކަތް ދޭ ފަރާތްތަކަށް އޮންނަ ބާރެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
"އިސްލާހުގައި ހިމަނާފައި އޮތީ ހަމައެކަނި މާލީ ގޮތުން ކުންފުންޏަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ވިޔަފާރި ހުއްޓާލުމުން [މުވައްޒަފަކު ރިޑަންޑެންޓު ކުރެވޭނެ ވާހަކަ]. މިހާރު ހަގީގަތުގައި ހަނިކޮށްފަ އެ އޮތީ. ދެން ތަފާތަކީ ނޯޓިސް މުއްދަތު. ކުރީގެ އެކަން އެހާ ސާފެއް ނޫން. އެހެން ނަމަވެސް މިހާރު ވަކި މުއްދަތަކަށް ހިދުމަތް ކުރާ ނަމަ ވަކި މިންވަރެއްގެ ނޯޓިސްއެއް ކަނޑައެޅުނީ [ރިޑަންޑެންޓް ކުރާ މުވައްޒަފަށް]،" ވަޒީފާއާ ގާނޫނާ ގުޅޭ ގޮތުން ފޮތެއް ލިޔުއްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ވަކީލު އިސްމާއިލް ވިޝާމް ވިދާޅުވި އެވެ.
ސަލާމުގެ ދުވަސްތައް ކުޑަކުރުން
ވަޒީފާއާ ބެހޭ ގާނޫނުގައި ކުރިން ބުނެފައި އޮތް ގޮތުން ކޮންމެ މުވައްޒަފަކަށް ވެސް އަހަރަކު 30 ދުވަހު އޮފީހަށް ސަލާމް ބުނެވޭނެ އެވެ. ނަމަވެސް ފަހުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 15 ދުވަހަށް ވުރެ ސަލާމް އިތުރުވާ ނަމަ މެޑިކަލް ސެޓްފިކެޓެއް ބޭނުންވެ އެވެ.
"މި އިސްލާހު ގެނައީ ހަގީގަތުގައި މުވައްޒަފުން ގަސްތުގައި ސަލާމް ބުނާ ކަމަށް ތުހުމަތުކޮށްގެން. އެކަމަކު އެގޮތަށް ޝައްކު ކުރެވޭ ނަމަ އެ މުވައްޒަފެއްގެ އެޕްރައިސަލެއް ހެދިދާނެ. މީހާގެ ޕާފޯމެންސް ބެލިދާނެ. އަސްލު ކްރޮނިކް ބައްޔެއް ހުންނަ މީހަކަށް ވެސް މިޒަމާނުގައި ވަރަށް އުނދަގޫ މެޑިކަލް ސެޓްފިކެޓެއް ހޯދަން،" ޒިމްނާ ވިދާޅުވި އެވެ.
ޓްރެއިނިން، ސާވިސް ޗާޖު، އެޑްވާންސް ސެލެރީ، އެޗްއާރް މެނޭޖަރު
ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ދިވެހި މުވައްޒަފުންނަށް ޓްރެއިނިން ދިނުމާއި ސާވިސް ޗާޖު 10 ޕަސެންޓުގައި ހިފެހެއްޓުން ހިމެނެ އެވެ. އަދި ޗުއްޓީއަށް ދާ ނަމަ އެޑްވާންސަށް އެއް މަހުގެ މުސާރަ ހަމަޖައްސައިދޭން ޖެހުމާއި އެޗްއާރް މެނޭޖަރަކަށް ދިވެއްސަކު ބެހެއްޓުން ވެސް ފަހުން ގެނައި އިސްލާހުތަކުން ގާނޫނުން މަޖުބޫރު ކުރެ އެވެ.
"ސާވިސް ޗާޖަށް ވަރަށް ރަނގަޅު ބަދަލެއް. ޓްރާންސްޕޭރަންސީ ވެސް އިތުރުވާނެ ސާވިސް ޗާޖަށް ލިބޭ މިންވަރު ހާމަ ކުރަންޖެހެންޏާ،" އެމްޓީޔޫސީގެ ޒިމްނާ ވިދާޅުވި އެވެ.
ހަމަ އެގޮތަށް މުވައްޒަފުން ތަމްރީނު ކުރުމަށް ލާޒިމް ކުރުމަކީ ވެސް ވަރަށް ރަނގަޅު އިސްލާހެއް ކަމަށް ގާނޫނީ ވަކީލު ވިޝާމް ދެކެ އެވެ.
"ކުރިން ވަރަށް ގިނައިން ދައްކާ ވާހަކަައެއް ދިވެހި މުވައްޒަފުންނަށް ކުރިއެރުން ނުލިބެނީ ރަނގަޅަށް ތަމްރީނުވެފައި ނެތީމައޭ. ގާނޫނުން އެކަމަށް ހައްލެއް މި ގެންނަނީ. މިހާރު މުވައްޒަފުންނަށް ތަމްރީނު ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް،" ވިޝާމް ވިދާޅުވި އެވެ.
ޗުއްޓީއަށް ދާ މުވައްޒަފު ބޭނުންވާ ނަމަ އެޑްވާންސް މުސާރައެއް ހަމަޖައްސައިދޭން ޖެހުމަކީ ކުރިމަގަށް ވިސްނާއިރު ރަނގަޅު އިސްލާހެއް ކަމަށް ވެސް ވިޝާމް ވިދާޅުވި އެވެ. އަދި އެއީ އެންމެ ކުޑަ އުޖޫރައެކޭ އެއްގޮތަށް ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި އުސޫލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނު މިހާރު ބުނާ ގޮތުން ހިއުމަން ރިސޯސާސް މެނޭޖަރަކަށް ކޮންމެ ތަނެއްގައި ވެސް ހުންނަންޖެހޭނީ ދިވެއްސެކެވެ. މީގެ ސަބަބުން މެނޭޖްމަންޓާއި މުވައްޒަފުންނާ ދެމެދު އޮތް ގުޅުން ރަނގަޅުވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.
އަދިވެސް މުހިންމު އިސްލާހުތަކެއް ބޭނުންވޭ
ސެޕްޓެމްބަރު، 2020، ގައި ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި ހުރިހާ އިސްލާހުތަކާމެދު އެންމެ ހިތްހަމައެއް ނުޖެ އެވެ. އަދިވެސް އިސްލާހު ކުރަންޖެހޭ ބައިވަރު ކަންކަން ހުރިކަން ތަޖުރިބާކާރުން ވެސް ދެކެ އެވެ. އެންމެ ބޮޑު އެއް ކަމަކީ، އެންމެ ކުޑަ އުޖޫރައިގައި ބިދޭސީ މުވައްޒަފުން ވެސް ހިމެނުމެވެ.
"ބިދޭސީ މުވައްޒަފުން އެންމެ ކުޑަ އުޖޫރައިން އިސްތިސްނާ ކުރުމަކީ ކަންބޮޑުވުމެއް. އެކަށީގެންވާ މުސާރައެއް ލިބުމަކީ ބިދޭސީން ވެސް ހިމެނޭ ގޮތަށް އެންމެނަށް ލިބެންޖެހޭ ހައްގެއް. އެހެންވީމަ، އަދިވެސް އަޅުގަނޑުމެން އެދެނީ ބިދޭސީންނަށް ވެސް ކުޑަ އުޖޫރަ ކަނޑައެޅުން،" ޒިމްނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، މަސައްކަތްތެރިންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރާނެ ގާނޫނެއް ނެތުމަކީ ވެސް ތަޖުރިބާކާރުންގެ ބޮޑު ކަންބޮޑުވުމެކެވެ.












