މެޑްރިޑް (އޭޕްރީލް 30) - އެސްޕަންޔޯލް އަތުން ފަސޭހަކަމާ އެކު 4-0 އިން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގައި އެ ޓީމަށް ބާކީ ހަަތަރު މެޗު އޮއްވައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ރެއާލުން ސްޕެއިނުގެ ޗެމްޕިއަންކަން ހޯދި 35 ވަނަ ފަހަރެވެ. ރެއާލަކީ ސްޕެނިޝް ލީގު އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރީ ބާސެލޯނާ އެވެ. ބާސެލޯނާ އިން 26 ފަހަރަށް ސްޕެނިޝް ލީގުގެ ތަށި އުފުލާލި އެވެ.
ރެއާލަށް ވަނީ 34 މެޗުން 81 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ ރޭ ކަޑިޒްއާ 1-1 އިން އެއްވަރުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް ވަނީ 34 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 33 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 33 މެޗުން ވަނީ 61 ޕޮއިންޓް ލިބިފަ އެވެ.

ރެއާލްގެ ފުރަތަމަ ގޯލުތައް ޖެހީ ރޮޑްރީގޯ އުފާފާޅުކުރަނީ.
ރެއާލްގެ އެމްބަސަޑަރެއްގެ ރޯލުގައި ހުރި ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް މިރޭގެ މެޗު ބަލަން ހާޒިރުވެ، އެކި ހަރަކާތްތަކުގައި ބައިވެރިވި އެެވެ. މިރޭގެ މެޗަށް ނުކުތްއިރު ވެސް ރެއާލަށް ބަލިނުވެ ފަރުޖައްސާލައިގެން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ރެއާލުން ވަނީ އެސްޕަންޔޯލް ކައިިރީގައި މޮޅަށް ކުޅެ ތަފާތު ދައްކައިފަ އެވެ.
ރެއާލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ މާސެލޯ ދިން ބޯޅައަކުން ރޮޑްރީގޯ ޖެހި ގޯލުންނެވެ. ރޮޑްރީގޯ ޖެހި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ދެ ވަނަ ގޯލު ޖެހީ ވެސް ރޮޑްރީގޯ އެވެ. މިއީ އެސްޕަންޔޯލްގެ ސާޖީ ގޯމޭޒް ހެދި ގޯހެއްގެ ފައިދާނަގައި ރޮޑްރީގޯ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ރެއާލުން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ، އެޑުއާޑޯ ކަމަވިންގާ ދިން ބޯޅައަކުން މާކޯ އަސެންސިއޯ ޖެހި ގޯލެކެވެ. ރެއާލުން ވަނީ މެޗުގެ ފަހު 30 އަކަށް މިނިޓަށް ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫސް ކުޅެން އަރުވައިފަ އެވެ.
ރެއާލްގެ ފަހު ގޯލު ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއް ދަމަހައްޓަމުން އަންނަ ބެންޒެމާ އެވެ. މެޗުގެ 81 ވަަނަ މިނިޓްގައި ބެންޒެމާ ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ބެންޒެމާ ޖެހި ގޯލެކެވެ.

ރެއާލްގެ ޓްރޮފީ ޕެރޭޑްގެ ތެރެއިން ކޯޗު އަންޗެލޮޓީ (ކ) އާއި ޓީމުގެ ތަރި ބެންޒެމާ.-- ފޮޓޯ: އޭއެފްޕީ
މިއީ ކުރިން އިޓާލިއަން ލީގާއި ފްރެެންޗް ލީގު، ޖަރުމަނު ލީގު އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ކާމިޔާބު ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗިން ކެރިއަރުގައި ސްޕެނިޝް ލީގު ލިބުނު ފުރަތަމަ ފަހަރެވެ. އަންޗެލޮޓީ އަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަަމަ ކޯޗެވެ.
މީގެ ކުރިން ރެއާލާ ހަވާލުވެހުރިއިރު، އަންޗެލޮޓީ އަށް ސްޕެނިޝް ލީގު ކާމިޔާބެއް ނުކުރެވުނެވެ. އެކަމަކު، އެ ފަހަރު އޭނާ ވަނީ ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރެއާލުން މި ހަފްތާގައި އަމިއްލަ ދަނޑުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ކުޅޭނެ އެވެ. ސިޓީ ވަނީ މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅުނު ލެގުން 4-3 އިން މޮޅުވެފަ އެވެ.












