މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުގެ މާލީ ހިސާބުން ދައްކައިފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު ލިބުނު ހިންގުމުގެ ފައިދާއަކީ، މިދިޔަ ކުއާޓަރާ އަޅާ ބަލާއިރު 10 ޕަސަންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، 14 ޕަސަންޓުގެ ކުރިއެރުމެކެވެ.
ޓެކުހަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ބޭންކަށް ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 18 ޕަސަންޓުގެ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 55 ޕަސަންޓުގެ އިތުރުވުމެކެވެ.
ބޭންކުން ބުނި ގޮތުގައި، މި ނަތީޖާ ހާސިލްވީ، ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޝަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުންނެވެ.
ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފަ އެވެ. ނިމިގެންދިޔަ ކުއާޓަރުގައި ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފަ އެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހަތަރު ރަށެއްގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ތައާރަފްކޮށް، ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައް ވެސް ހިންގާފައިވެ އެވެ.
ބީއެމްއެލްއިން ހޯދި ފައިދާއާ ގުޅޭ ގޮތުން ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތަސް ބޭންކުގެ ވިޔަފާރި ދަނީ ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ހޯދުމުގެ ނަތީޖާއެއް ދަމަހައްޓަމުން ކަމަށެވެ.
"ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތް ކުރަމުން ދާނަން،" ސީއީއޯ ވިދާޅުވި އެވެ.
ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 35 ބްރާންޗެއް ހުރެ އެވެ. 81 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 139 އޭޓީއެމްގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނެ އެވެ.










