ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ކޯސްޓްގާޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މުހިންމު އާލަތްތަކެއް ހަދިޔާކޮށްފި އެވެ.
އެ އެހީގެ ދަށުން ކޯސްޓްގާޑަށް ދެ ރިބް އާ، ކޯސްޓްގާޑް އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއާނަސް އަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާ ކުރަން ހުޅުމާލޭ ކޯސްޓްގާޑް ސަރަހައްދުގައި ބޭއްވުނު މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ޔޫއެންއޯޑީސީ ޕްރޮގްރާމް ކޯޑިނޭޓާ އަދި ޖަޕާންގެ އެމްބެސެޑަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖަޕާން ސަރުކާރު އަދި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ކޯސްޓްގާޑަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަ އެހީތަކެއް ވަނީ ފޯރުކޮށް ދީފަ އެވެ.
މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާ ކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ގިނަ ވަސީލަތްތަކެއް ފޯރުކޮށްދީފައިވެ އެވެ. އަދި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ހަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސާޗް އެންޑް ސީޒާ ޓްރެއިނިންގް ފަދަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިފަރާތްތަކުން ދެމުންދާ އެހީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ކޯސްޓްގާޑްގެ ގާބިލިއްޔަތުކަން އިތުރަށް ވަރުގަދަވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ހަނދާނީ ފިލާ ވަނީ ބަދަލުކުރެވިފަ އެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރިބް ދުއްވާލުމުގެ ޑެމޯންސްޓްރޭޝަން އަކުންނެވެ.












