އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ހުރިހާ ޑިމާންޑަކަށް ދޫދެވެން ނެތީ ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރާނެތީ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ 24 މީހަކު ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަނެއް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖްމަންޓުން ބުނީ ވިޔަފާރީގެ ނަޒަރަކުން ބަލާއިރު މުވައްޒަފުންގެ ޝަކުވާތައް އެއްކޮށް ފިލުވައިދެވެން ނެތް ކަމަށެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ބުނީ އެއާ ޓްރެފިކް ސާވިސަސްގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ސަބަބުން އެ މީހުންގެ ވަޒީފާގެ ކުރިއެރުމަށް ހުރެސްއެޅިފައިވާ ކަމަށެވެ. އޭގެ ސަބަބުން އެއް މަސައްކަތެއް ކުރާ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ބޮޑުވެފައިވާ ކަމަށް ވެސް އެ ޕެޓިޝަނުގައި ބުންޏެވެ.
އެއާ ޓްރެފިކް ސާވިސަސްގެ ހިންގުމަށް ގެނައި ކަމަށް ބުނާ ބަދަލަކީ ޖޫން 2021 އިން ފެށިގެން އެ ހިދުމަތް ދެ ޔުނިޓަކަށް ބަދަލުކުރުމެވެ. އެއީ މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު (އެމްއޭޓީސީސީ) އާއި ޓަވަރު ޔުނިޓެވެ. ޕެޓިޝަނުގައި ބުނެފައި އޮތީ އެ ބަދަލުގެ ސަބަބުން ޓަވަރު ޔުނިޓުގައި މަސައްކަތްކުރާ މީހުންގެ ވަޒީފާގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ތަމްރީނުތަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުން ކަންބޮޑުވުން ފާޅުކުރި އަނެއް ކަމަކީ އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން އެމްއޭޓީސީސީއަށް ގިނަ ތަމްރީނުތަކެއް ހިމަނާފައި އޮތުމުން ޓަވާ ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރޭޓިން އެލަވަންސުގެ ފަރަގު ބޮޑުވުމެވެ. އެ އުސޫލުގެ ސަބަބުން، އެމްއޭޓީސީސީގައި އަލަށް ފަށާ މުވައްޒަފުންގެ މުސާރަ، ޓަވަރުގައި 10-15 އަހަރާ ދެމެދު މަސައްކަތްކޮށްފައިވާ މީހުންނަށް ވުރެ ބޮޑުވާ ކަމަށް ޕެޓިޝަނުގައި ބުންޏެވެ.

އެކަމަކު ޕެޓިޝަނުގައި ބުނާ ތާރީހުގައި އޮނިގަނޑަށް ބަދަލު ގެނައިކަމާއި ތަމްރީނުތަކާއި ރޭޓިން އެލަވަންސް ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނާ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކުރި އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ ވިދާޅުވީ އެއާ ޓްރެފިކް ސާވިސަސްގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗާ މުޅިން ދެ ޔުނިޓަކަށް ބަދަލުކުރީ މާޗު 3، 2010 ގައި ބޯޑުން ފާސްކުރީ އޮނިގަނޑުގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ، މިހާރުގެ މެނޭޖުމަންޓުން މިދިޔަ އަހަރުގެ ޖޫންގައި ގެނައި ބަދަލަކީ އެ އޮނިގަނޑަށް ފެތޭގޮތަށް އާ ފޯމެޓަކަށް ލުން ކަމަށެވެ.
"މިހާރުގެ މެނޭޖްމަންޓުން ކުރި ކަމަކީ އާ ފޯމެޓަކަށް ސްޓްރަކްޗާ ލީ. ސްޓްރަކްޗާއަކަށް ބަދަލެއް ނުގެންނަން." ތޯހާ ވިދާޅުވި އެވެ.
އޭގެ އިތުރުން ފޯމެޓަށް ގެނައި ބަދަލުގެ ސަބަބުން އެމްއޭޓީސީސީގެ މުވައްޒަފުންނަށް ގިނައިން ތަމްރީނުތައް ލިބޭ ވާހަކަ ދޮގުކުރަމުން ތޯހާ ވިދާޅުވީ އެފަދަ ތަފާތު ކުރުންތަކެއް ނުގެންގުޅޭ ކަމަށެވެ. އަދި ކުންފުނިން ތަމްރީނުތައް ދިނުމުގައްޔާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް މުސާރައިގެ އިތުރުން ލިބޭ ރޭޓިން އެލަވަންސް ދިނުމުގައި އަމަލުކުރަނީ ބޯޑުން ފާސްކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެމްއޭޓީސީސީގައި މަސައްކަތްކުރާ ކޮންޓްރޯލަރުންނާއި ޓަވަރުގައި މަސައްކަތްކުރާ ކޮންޓްރޯލަރުންގެ މެދުގައި މުސާރައިގެ ފަރަގެއް އުޅޭ ކަމަށް އެމްއޭސީއެލް އިން އެއްބަސްވި އެވެ.
އެކަން އެހެން އޮންނަ ސަބަބު ސާފުކޮށްދެއްވަމުން ތޯހާ ފާހަގަކުރެއްވީ، އެމްއޭޓީސީސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒިންމާތަކާއި މާލޭ ޓަވަރާއި ރާއްޖޭގައި ދެން ހުރި 16 ޓަވަރުގެ ޒިންމާތައް ތަފާތު ވުމެވެ. އަދި ވިދާޅުވީ، އެމްއޭޓީސީސީއަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކުން ޖައްސާފުރާ ހުރިހާ ބޯޓުތަކާއި މުޅި އެއާސްޕޭސް ބެލެހެއްޓުމުގެ ޒިންމާ އޮންނަ ފަރާތްކަމުން، ޒިންމާ ބޮޑު ވީމަ އެ ފަރަގު އަންނާނެ ކަމަށެވެ.
"ކުޅުދުއްފުށި އެއާޕޯޓުން ބަލަހައްޓާނީ އެ މީހުންގެ އެއާޕޯޓު ވަށައިގެން 10 ވަރަކަށް މޭލު. އެކަމަކު އެމްއޭޓީސީސީން މި ބަލަހައްޓަނީ ހުރިހާ އެއާޕޯޓަކުން ފުރާ ބޯޓުތަކެއްގެ އިތުރަށް، ރާއްޖޭގެ ވަރަށް ބޮޑު އެއާސްޕޭސްއެއް އޮވޭ އިނގޭތޯ. މި ދަންނަވާހެން 500000 ސްކޮއާ ނޯޓިކަލް މޭލު. އެހެންވީމަ ޒިންމާ ވަރަށް ބޮޑު، ޕޭ ވެސް ތަފާތު" ތޯހާ ވިދާޅުވި އެވެ.
މުސާރައިގެ ފަރަގު ހުރި ނަމަވެސް އެމްއޭޓީސީސީ އާއި މާލޭ ޓަވަރުގެ ކޮންޓްރޯލަރުންނަށް ރޭޓިން އެލަވަންސް ދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ތޯހާ ވިދާޅުވި އެވެ. އެކަން ކުރަނީ މާޗު 1، 2016 އިން ފެށިގެން އެ ކުންފުނިން އަމަލުކުރާ ރޭޓިން އެލަވަންސް ޕޮލިސީގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ލިބޭ ރޭޓިން އެލަވަންސަކީ އެއާ ޓްރެފިކް ތަމްރީނުތައް ފުރިހަމަކުރުމުން ލިބޭ ކޮލިފިކޭޝަނަކާ ގުޅިގެން ދޭ އެލަވަންސެކެވެ. އެމްއޭސީއެލްގެ މުވައްޒަފުންނަށް މި ތަމްރީނުތައް ދެނީ ކުންފުނީގެ ހަރަދުގައި ރާއްޖޭން ބޭރަށް ފޮނުވައިގެންނެވެ.
އެ ކުންފުނިން އަމަލުކުރަމުން އަންނަ ރޭޓިން ޕޮލިސީގެ ދަށުން އެމްއޭޓީސީސީ އާއި މާލޭ ޓަވަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކަށް ކޮންމެ ރޭޓިންއަކަށް ލިބޭނީ 220ރ. އެވެ. ގިނަވެގެން ގެންގުޅެވޭނީ ހަތަރު ރޭޓިން އެވެ. އަތޮޅުތެރޭ ޓަވަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެނީ ކޮންމެ ރޭޓިންއަކަށް ދުވާލަކަށް 85ރ. އެވެ.
މައްސަލަ ފެށުނީ އެމްއޭޓީސީސީއަށް ވަޒީފާތަކެއް އިއުލާނުކުރުމުން
އެމްއޭސީއެލްގެ އެއާ ޓްރެފިކް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމީދު ކޮމިޓީގައި ވިދާޅުވި ގޮތުގައި މި މައްސަލަ ފެށުނީ އެމްއޭޓީސީސީއަށް 10 ސްޓާފުން ނަގަން އިއުލާނުކުރި ހިސާބުންނެވެ.
މި އިއުލާނާ ގުޅިގެން މާލޭ ޓަވަރުގައި މަސައްކަތްކުރަމުން ދިޔަ 22 ރޭޓަޑް ކޮންޓްރޯލަރުންގެ ތެރެއިން 10 ކޮންޓްރޯލަރުން އެދުނީ އެ ވަޒީފާތަކަށް އެ މީހުން ނަގައިދިނުމަށެވެ. ޖަވާބުގައި އެމްއޭސީއެލް އިން އެންގީ އެއީ އިންޓާނަލް ޖޮބް ޕޯސްޓިންގެ ދަށުން އެކަކު ދެ މީހަކަށް ކުރެވިދާނެ ކަމެއް ނަމަވެސް، އެއް ފަހަރާ 10 މީހުން ބަދަލުކޮށް ނުދެވޭނެ ކަމަށެވެ.
މި މައްސަލައިގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ނުރުހުންވެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓޭ ހިސާބަށް ކަންތައް ގޯސްވެފައިވާ ކަމަށް މީޑިއާގައި ހަބަރުތައް ވެސް ފެތުރުނެވެ. ކޮންޓްރޯލަރުންގެ ފަރާތުން މަޖިލިހަށް ހުށަހެޅި ޕެޓިޝަންގެ މައްސަލައިގައި މުވައްޒަފުންގެ ބަޔާންތަކެއް ނަގަން އުޅުމުން ވެސް ނުރުހުން ފާޅުކުރި އެވެ.
އެކަމާ ބެހޭ ގޮތުން ހަމީދު ވިދާޅުވީ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން މެނޭޖްމަންޓުން ބައްދަލުކޮށް، ތަޖުރިބާހުރި މުވައްޒަފުންތަކެއް އެއްފަހަރާ ބަދަލުނުކުރެވޭނެ ކަން އަންގާފައިވާ ކަމަށެވެ. މިކަމާ ހިތްހަމަނުޖެހިގެން ދެން އެ މުވައްޒަފުން ދިޔައީ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށެވެ. ދިޔުމުން އެ އޮތޯރިޓީން ވެސް އެ މުވައްޒަފުންނާ ދެއްކީ އެއް ވާހަކަތަކެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
"ރޭޓަޑް ކޮންޓްރޯލަރުން، ލައިސެންސް ތަޖުރިބާހުރި ޓަވަރުގަ ތިބި ކޮންޓްރޯލަރުން ކިހިނެއްތޯ އަނެއް ޔުނިޓަށް އެއްފަހަރާ އަޅުގަނޑުމެން އަނެއް ޔުނިޓަށް ބަދަލުކުރާނީ. އަބަދުވެސް ކުރިޔަށް ގެންދާ ކަމެއް، އިންޓާނަލް ޖޮބް ޕޯސްޓިންގެ ތެރެއިން މީހުން ބަދަލުކުރާނެ ފުރުސަތު ދޭނެ. އެކަމަކު އެއް ފަހަރާ 10 މުވައްޒަފުން ކިހިނެއްތޯ ބަދަލުކުރާނީ." ހަމީދު ވިދާޅުވި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަރުން އެދުނު އަނެއް ކަމަކީ ރޭޓިން ތަމްރީނުތައް ދޭނެ ކަމުގެ ޔަގީންކަމެވެ. މިކަން ރާވާފައި އޮތް ކަމަށް ކުންފުނީގެ މެނޭޖްމަންޓުން ބުނުމުން އެ މުވައްޒަފުން އެދުނީ ޓްރެއިނިން ދޭނެ ތާވަލެއް ސޮއިކޮށްފަ ދޭން ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރީއެޝުއަރަންސް މިދެނީ ޓްރެއިނިންއަކީ ކުރިޔަށް ދާނެ އެއްޗެކޭ. މިހާރު ކަންބޮޑުވުންތަކަކީ ތިމަންނަމެންނަށް ހަތަރު ރޭޓިން ކޮން އިރަކުތޯ ހަމަވާނީ. އެ ޓްރެއިނިންއަކީ ކޮމިޓަޑް ކަމެކޭ. ބުނީމަ ބުނަނީ ސޮއިކޮށްފައި ދޭށޭ މިވެނި ދުވަހަކު މިވެނި ޓްރެއިނިންއެއް ދޭނެ ކަމަށް. ކިހިނެއްތޯ އެކަންތައް އަޅުގަނޑުމެން ކުރާނީ؟" ހަމީދު ވިދާޅުވި އެވެ.
ކޮމިޓީގައި އެމްއޭސީއެލްގެ މެނޭޖްމަންޓުން ފާހަގަކުރި ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ކޮލިފިކޭޝަން ތަމްރީނުތަކަކީ ބޮޑު ހަރަދު ހިނގާ ކަމެކެވެ. އެހެން ނަމަވެސް ކުންފުނިން ވީވަރަކުން އެކަމަށް ހަރަދުކޮށްގެން މުވައްޒަފުންނަށް ތަމްރީނުތައް ދެމުންދާ ކަަމަށް ބުންޏެވެ. އަދި، އޭގެ ތެރޭގައި ޒަރޫރީ ތަމްރީނުތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ވެސް ތަމްރީނުތަކުގައި ވެސް ބައިވެރިކުރާ ކަމަށް ބުންޏެވެ.
ކުންފުނިން އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން މިގޮތަށް ތަމްރީނުތަކަށް ފޮނުވުމުގައި އިސްކަން ދެނީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށެވެ. މިހެންކަމުން އަލަށް ވަންނަ ކުދިންނަށް ރޭޓިން ތަމްރީނުތައް ފުރިހަމަކޮށްގެން ބޮޑު އެލަވަންސެއް ލިބިދާނެ ކަމަށް އެ ބުނާ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ވެސް މެނޭޖްމަންޓުން ބުންޏެވެ.
އެންމެ ބޭނުންވާ ގޮތަށް ޓްރެއިނިންއެއް ނުދެވޭ
މިކަމާ ގުޅިގެން އެމްއޭސީއެލްގެ ޓެލެންޓް އެކުއިޒިޝަން އެންޑް އެމްޕްލޯޔީ ރިލޭޝަންސް ނަޒްރާ އަބްދުﷲ ވިދާޅުވީ ޓްރެއިނިން ބަޖެޓު ލިބުނު ވަރަކުން މުވައްޒަފުންނަށް ތަމްރީނުތައް ދޭ ކަމަށެވެ. ނަމަވެސް އެކަން އެންމެ އެދެވޭ ގޮތުގައި ނުކުރެވޭ ކަމަށާއި ޓްރެއިނިން ބަޖެޓުން އިސްކަން ދެނީ ކުންފުންޏަށް އެންމެ ބޭނުން ޖެހިފައިވާ ތަރުތީބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"(ތަމްރީނު ފުރުސަތުތަކެއް) ފްރިކުއެންޓުކޮށް ނުދެވޭ، މިލިއަންސް ސްޕެންޑްކުރަން ޖެހޭ ކޮންމެ ރޭޓިން ޓްރެއިން ކުރަން. ޓްރެއިނިން ބަޖެޓެއް އައިމަ ޕްރަޔޯރިޓައިޒް ކުރަމޭ ކޮން ދިމާލަކަށްތޯ އެ ރިކުއާމަންޓް އިންނަނީ. އެ ބޭސިސްގައި ޓްރެއިނިން މިދެނީ." ނަޒްރާ ވިދާޅުވި އެވެ.
ބަޖެޓު ތާށިކަމާހުރެ މުވައްޒަފުން އެންމެ އެދޭ ގޮތަށް ތަމްރީނުތައް ނުދެވުނު ނަމަވެސް ކުންފުނީގައި ގިނަ ދުވަސްވެފައިވާ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ވިޔަފާރި ނަޒަރަކުން ބަލާއިރު މުވައްޒަފުންގެ ޝަކުވާތައް އެއްކޮށް ފިލުވައިދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ވިޔަފާރިއަށް އަސަރުނުކުރާނެ ފަދަ ގޮތަކަށް މުވައްޒަފުންގެ ޑިމާންޑުތަކަށް ހައްލު ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޖީއެމް، ހިއުމަން ރިސޯސަސް ގުރެއިޝާ އިސްމާއިލް ވިދާޅުވީ މުސާރަތަކާ ގުޅިގެން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއާ ޓްރެފިކް ސާވިސަސް އެމްއޭސީއެލްގެ ދަށުގައި އޮތުމެވެ.
މިހެންވުމުން މުސާރަތައް ކަނޑައެޅުމާއި އެެހެނިހެން ކަންކަމުގައި ކުންފުނިން ގެންގުޅޭ އުސޫލުތައް ހިފަހައްޓަން ޖެހެ އެވެ. ގުރެއިޝާ ވިދާޅުވީ މި ސަބަބާ ހުރެ އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ކުންފުނީގެ ސްޓްރަކްޗާތަކާއި ޕޮލިސީތަކުގެ ބޭރުން ވަކި އޮނިގަނޑެއް ގެންގުޅެވެން ނޯންނަ ކަމަށެވެ.
"މި ހުރިހާ އެއްޗެއްގެ ތެރޭގައި އެބޭފުޅުން ވެސް އަޅުގަނޑުމެން މިގެންގުޅެނީ. މިހާރު އަޅުގަނޑުމެންގެ ޑިސްކަޝަންސްއަކީ އެ ސްޓްރަކްޗާ ތެރެއިން ކިހިނެއްހޭ ވަކިކުރަނީ. އެ ސްޓްރަކްޗާގަ އޮއްވާ އަޅުގަނޑުމެންނަށް ނުދެވޭނެ ދެއްތޯ މާ ބޮޑަކަށް ބޭރަށް." ގުރެއިޝާ ވިދާޅުވި އެވެ.
ގުރެއިޝާ އިތުރަށް ވިދާޅުވީ ހަގީގީ މައްސަލައަކީ މުސާރަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ ޓަވަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިމާންޑަކީ އެމްއޭޓީސީސީގެ ހުރިހާ ވަޒީފާތަކެއް އެ މީހުންނަށް ދިނުމެވެ. އަދި، ކުންފުނީގެ ވިޔަފާރިއަށް ވިސްނާއިރު، މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމެއް މާލޭ ޓަވަރުގައި ތިބި ހުރިހާ ކުދިން މިކޮޅަށް (އެމްއޭޓީސީސީ އަށް) ޝިފްޓުކުރުމަކީ. އެބޭފުޅުން އެ ޑިމާންޑު ކުރައްވަނީ އެގޮތަށް. ތިމަންނަމެންނޭ އެތަނަށް ނަގަންވާނީ" ގުރެއިޝާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްއޭޓީސީސީން ހުޅުވާލި 10 ފުރުސަތުގެ ތެރެއިން ފަސް ފުރުސަތު ޓަވަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރަށް އެމްއޭސީއެލްގެ ބޯޑުން ވަނީ ނިންމާފަ އެވެ.













