ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގެ ފައިނަލުގައި މީރާ އާއި ކަސްޓަމްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ދެ ޓީމު ވެސް ފައިނަލުން ފުރުސަތު ހޯދީ މެޗަކުން ބަލިނުވެ، ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ.
ކަސްޓަމްސް ވަނީ ގްރޫޕްގެ ފަހު މެޗުގައި އިއްޔެ ހަވީރު މުލިއާގޭ ރެކްރިއޭޝަން ކްލަބް އަތުން 78 ލަނޑުން މޮޅުވެފަ އެވެ. މި މެޗުގައި ޓޮސް ދިމާވުމުން ކަސްޓަމްސް އިން ނިންމީ ބެޓް ކުރާށެވެ. އެ ގޮތުން އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން، 161 ލަނޑު ހެދި އެެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ، 20 ބޯޅަ އަށް 65 ލަނޑު އެއްކުރި މަހުމޫދު ރިޔާޒް އެވެ. އޭނާ ވަނީ ނުވަ ފަހަރު ހަޔަަކަށް އަދި ދެ ފަހަރު ހަތަރަކަށް ޖަހައިފަ އެވެ.
ޖަވާބުގައި މުލިއާގެ ޓީމަށް ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 83 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ބޯޅައިން 29 ލަނޑު ހެދި އިބްރާހިމް ހުސެއިން އެވެ.
ގްރޫޕް އޭގެ އެއް ވަނަ މީރާ އިން ހޯދީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަަނަ އަށް ދިޔަ ދިވެހި ސިފައިންގެ ކްލަބަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ ހޯދި އިމިގްރޭޝަން އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެމްއެމްއޭ އިން ހަތަރު ވަނަ ހޯދީ ދެ ޕޮއިންޓާ އެކު އެވެ. ފުލަށް ދިޔަ މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން ވަނީ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.
ގްރޫޕް ބީގެ އެއް ވަނަ ހޯދި ކަސްޓަމްސް ނިންމާލީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޔޫތު މިނިސްޓްރީ ހަމައެކަނި ބަލިވީ ކަސްޓަމްސް އަތުންނެވެ. ޔޫތު މިނިސްޓްރީ އަށް ލިބުނީ ހަ ޕޮއިންޓެވެ. ތިން ވަނަ މަގާމު ހޯދި ޕޮލިސް ކްލަބް އަށް ހަތަރު ޕޮއިންޓް ލިބުނެވެ. މުލިއާގޭ ރެކްރިއޭޝަން ކްލަބުން ވަނީ އެއް މެޗުން މޮޅުވެ، ދެ ޕޮއިންޓް ހޯދައި، ހަތަރު ވަނަ މަގާމުގައި ނިންމައިފަ އެވެ. މި ގްރޫޕްގެ އެންމެ ފުލަށް ދިޔައީ ހަތަރު މެޗުން ވެސް ބަލިވި ރައީސް އޮފީސް ޓީމެވެ.
އޮފީސް މުބާރާތުގެ ފައިނަލްގައި، މީރާ އާއި ކަސްޓަމްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ.











