ބައެއް ކުންފުނިތަކުގައި ނަމުގަ އާއި ޝަހުސު އޮޅުވާލައިގެން ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓު ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުން އަންނާތީ ސަމާލުވާން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.
އެގޮތުން، ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓު ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބީއެމްްއެލުން ބުންޏެވެ.
"އެ ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް. އަދި މީގެ އިތުރުން ބޭންކާއި އަދި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންގއާ ގުޅޭ މައުލޫމާތު ހޯދައި އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން ހުށަހަޅާފައިވޭ." ބީއެމްއެލުން ބުންޏެވެ.
މިފަދަ ހާލަތްތަކުގައި ބައެއް މީހުން އޯޓީޕީ ހިއްސާ ކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުންޏެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މީހުންގެ ފައިސާ މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވުމަށް ބޭންކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަދި، ނުދަންނަ މީހުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިންގް އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރުމަށްވެސް ބީއެމްއެލުން ވަނީ އެދިފަ އެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ދަނީ އެކި ގޮަތްގޮަތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ.
ބީއެމްއެލުން ވަނީ ކޯލުތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭ މީހަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި، މި ދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް ބޭންކުން އިލްތިމާސްކުރެ އެވެ.












