އެއްބަނޑު އެއްބަފާ ކޮއްކޮގެ ފަރާތުން ލިބެމުން ދިޔަ ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓް ކުރުމުން މަރަލާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އޭނާގެ ކޮއްކޮގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަވަސް އަމުރެއް ފެމިލީ ކޯޓުން ނެރެދީފި އެވެ.
މި މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅި މީހާގެ ކޮއްކޮގެ ފަރާތުން ގެވެށި އަނިޔާ އަމާޒުވާން ފެށީ، މަންމަގެ ގެއިން މައްސަލަ ހުށަހެޅި ފަރާތަަށް ހިބައިން ލިބުނު ކޮޓަރިއަށް ދިރިއުޅުން ބަދަލު ކުރި ފަހުންނެވެ.
ފެމިލީ ކޯޓަށް އޭނާ ދީފައިވާ ބަޔާނުގައިވާ ގޮތުން، ކޮޓަރީގެ ދޮރުކަނި ކޮންމެ ވެސް ވަރަކަށް ހަލާކޮށްލާފައިވާއިރު، ދޮރުގެ ތަޅުދަނޑި ހަދައިގެން އެކި މީހުނަށް ބަހާފައިވެ އެވެ. ކޮޓަރިއަށް އެކި މީހުން ވަދެ އުޅޭއިރު، އެ މީހުން މެދުވެރިކޮށް ކޮޓަރި ތެރެއަށް ކުޑަކަމު ގޮސްފައިވާ ކަމަށް ވެސް އޭގައިވެ އެވެ.
އެ ގެއަށް ވަންނަ މީހުންގެ ތެރެއިން މީހެއް މެދުވެރިކޮށް ޖިންސީ އަނިޔާ ދޭނެ ކަމުގެ އިންޒާރާއި، ފުރާނައަށް ގެއްލުންވާނެ ވަރުގެ އަނިޔާއެއް ދީފާނެ ކަމާއި، މަރާލާނެ ކަމާއި، މުދަލަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ވެސް އެކި ފަހަރު މަތިން ކޮއްކޮ ދިން ކަމަށް އޭނާ ބަޔާން ދީފައިވެ އެވެ.
"މީހުން ވެސް ފޮނުވާނަން، ޖެއްސުން ވެސް ކުރާނަން، ފުރާޅަށް ގާ ވެސް އުކާނަން، ތަގުން ވެސް ފޮނުވާނަން، މަރާލާނަން، ދިރިއުޅުނަކަ ނުދޭނަން، މި ކޮޓަރީގައި އުޅުނަކަ ނުދޭނަން، ދޭތިން އެކައްޗެއް ހަދާލާނަން، ތަން ފުނޑާލާނަން،" މިފަދަ ބަސްތައް ކޮއްކޮ ބުނެ ހަދާ ކަމަށް ބަޔާނުގައިވެ އެވެ.

މިކަމަށް ރިއާޔަތްކޮށް ފެމިލީ ކޯޓުން ނެރުނު އަމުރުގައިވަނީ، މައްސަލަ ހުށަހެޅި މީހާގެ ކޮއްކޮ އެ ގޭގައި ދިރިއުޅޭ ނުވަތަ އޭނާއަށް ނިސްބަތްވާ ބައި ކުއްޔަށް ދިނުމުގައި އަމަލު ކުރުމަށް އަމުރު ކޮށްފަ އެވެ. އަދި މައްސަލަ ހުށަހެޅި ފަރާތަށް އެއްވެސް ގޯނާއެއް ނުކުރަން ވެސް އަމުރުކޮށްފައިވެ އެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބަޔާން ކުރާ ރައްކާތެރި ކުރުމުގެ އަވަސް އަމުރަކީ، ހަމައެކަނި ދައުވާ ކުރާ ފަރާތުގެ ބަހަށް އެކަނި ބަރޯސާވެ ކޯޓުން ނެރެދޭ އަމުރެކެވެ. މިފަދަ އަމުރެއް ނެރެނީ ހަމައެކަނި ދައުވާ ކުރާ ފަރާތް ކޯޓަށް ހާޒިރުކޮށް އޭނާގެ ބަޔާން އެކަނި ނެގުމަށް ފަހު އެއަށް ރިއާޔަތްކޮށްފަ އެވެ.
މިފަދަ އަމުރެއް ކޯޓުން ނެރެ ދިނުމުގެ ކުރިއަށް، އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑު ކަމަށާއި އެ ކަމުގައި ހިމެނިގެންވާ މައްސަލައިގެ ކުޑަބޮޑު މިނަށާއި އަމުރު ނިސްބަތްވާ ފަރާތުގެ އަމަލުތަކުގެ ނުރައްކާތެރި ކަމާއި ހަރުކަށި ކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.











