މުމްބާއީ، އިންޑިއާ (އޭޕްރިލް 25) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކުޅުނު އަށް ވަނަ މެޗުން ވެސް މުމްބާއީ އިންޑިއަންސް ބަލިވުމުން ހައިރާންވާ ކަމަށާއި، މިހާރު އެ ޓީމަށް ޕްލޭއޮފް ބުރުގެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް ކެޕްޓަން ރޯހިތު ޝަރުމާ ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓު ލީގުގައި އޮތް އެންމެ އަގުބޮޑު ޓީމު މުމްބާއީ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެސް މެ އެވެ. މުމްބާއީ އިން މިހާތަނަށް ފަސް ފަހަރު އައިޕީއެލް ކާމިޔާބު ކޮށްފައިވާއިރު، މި ސީޒަނަށް އެންމެ ވަރުގަދަ އެއް ސްކޮޑު އޮތް ޓީމަކީވެސް އެއީ އެވެ. އެ ގޮތުން މި ސީޒަންގެ ނީލަމުގައި އެންމެ އަގުބޮޑުކޮށް ވިކުނު އިޝާން ކިޝަން ގަތީ ވެސް މުމްބާއީ އިންނެވެ.
އެހެން ނަމަވެސް އައިޕީއެލްގެ މި ސީޒަނަކީ މުމްބާއީ އިންޑިއަންސްގެ ސަޕޯޓަރުން ހަނދާން ނައްތާލަން ބޭނުންވާނެ ކަހަލަ ސީޒަނެކެވެ. އެ ޓީމު މިހާތަނަށް ކުޅުނު އަށް މެޗުން ބަލިވެފައިވާއިރު، ގިނަ މެޗުތަކުން ބަލިވީވެސް ބޮޑު ތަފާތަކުންނެވެ. އަދި މިއީ އެ ޓީމުގެ ތާރީހުގައި ވެސް މިހާ ދަށް ނަތީޖާތަކެއް ނެރުނު ފުރަތަމަ ފަހަރެވެ. އައިޕީއެލްގެ މީގެ ކުރީގެ 14 މުބާރާތުގެ ތެރެއިން އެ ޓީމު ލީގު ބުރުން ކެޓީ އެންމެ ފަސް ފަހަރެވެ.
އެންމެ ފަހުން ލީގު ބުރުގައި މުމްބާއީ އިންޑިއަންސް ބަލިވީ މުބާރާތުގައި އަލަށް ވާދަކުރާ ލަކްނޯ ސުޕަ ޖަޔަންޓްސް އާއި ވާދަކޮށް 36 ލަނޑުންނެވެ. މި ދެ ޓީމް ލީގު ބުރުގައި މީގެ ކުރިން ކުޅުނު މެޗު ލަކްނޯ އިން ކާމިޔާބުކުރީ 18 ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ އިނިންގްސްގައި ކުޅެން އެރީ ލަކްނޯ އެވެ. އެޓީމުން ވިހި އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން 168 ލަނޑު ހެދި އެވެ. ކެޕްޓަން ކޭ އެލް ރާހުލް މި އިނިންގްސްގައި ނުބައި ނުވެ 103 ލަނޑު ހެދި އެވެ. މި ދެ ޓީމްގެ ލީގު ބުރުގައި މީގެ ކުރިން ކުޅުނު މެޗުގައިވެސް ރާހުލް ނުބައިނުވެ 103 ލަނޑު ހެދި އެވެ. މީގެ ކުރިން އެއް ޓީމެއް ކޮޅަށް އެއް ސީޒަނެއްގެ ދެ މެޗެއްގައި ސެންޗަރީ ހެދި ހަމައެކަނި ކުޅުންތެރިޔަކީ ވިރާތް ކޯލީ އެވެ. ކޯލީ މީ ރެކޯޑު ހެދީ 2016 ވަނަ އަހަރު ގުޖުރާތާއި ދެކޮޅަށެވެ.
މުމްބާއީ އުކުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމުގެ ބެޓްސްމަނުންނަށް މާ އެދެވޭ ކުޅުމެއް މި މެޗުގައި ވެސް ނުދެއްކުނެވެ. އެންމެ އަގުބޮޑު ކުޅުންތެރިޔާ އިޝާން އަށް ހެދުނީ އަށް ލަނޑެވެ. ކެޕްޓަން ރޯހިތު އަށް ހެދުނީ 39 ލަނޑެވެ. އުންމީދީ ބެޓްސްމަން ސޫރްޔާކުމާރު ޔާދަވް އަށް ހެދުނީ ހަތް ލަނޑެވެ. ސަޕޯޓަރުންގެ ފޭވަރިޓް، ވެސްޓް އިންޑީސްގެ ކެއިރެން ޕޮލާޑަށް ހެދުނީ 19 ލަނޑެވެ. ލަކްނޯގެ އުކުންތެރިންގެ މޮޅު ކުޅުމުގެ ސަބަބުން މުމްބާއީ އަށް 20 އޯވަރުގައި 8 ކުޅުންތެރިން ހެދުނީ 132 ލަނޑެވެ.
މި މެޗަށްފަހު ކެޕްޓަން ރޯހިތު ޝަރުމާ ވަނީ ޓީމްގެ ބެޓްސްމަނުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި މުބާރާތުގެ ޕްލޭ އޮފް ބުރުގެ ދޮރު މުމްބާއީ ޓީމަށް ބަންދުވެފައިވާ ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެހެންކަމުން ދެން ވިސްނުން ހުރީ ޓީމުގައި ތިބި ފުރުސަތު ނުލިބޭ ޒުވާން ކުޅުންތެރިންނަށް މެޗުތައް ކުޅުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް ރޯހިތު ބުންޏެވެ.
ރޯހިތު ބުނީ ޖެހިޖެހިގެން އަށް މެޗުން ބަލިވުމަކީ ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށެވެ.
މުމްބާއީ އަތުން މޮޅުވެ ލަކްނޯ މިހާރު ވަނީ ލީގު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމުން ވަނީ ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ 10 ޕޮއިންޓް ހަމަކޮށްފަ އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ ޕަންޖާބު ކިންގްސް އާއި އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަ ކިންގްސް އެވެ. ޕްލޭ އޮފް ބުރުން ޖާގަ ހޯދަން ބަލާއިރު މިއީ ޗެންނާއީ އަށް މުހިންމު މެޗެކެވެ. އެ ޓީމް މިހާރު އޮތީ ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ، ތާވަލްގެ ފުލުން ދެ ވަނައިގަ އެވެ.












