ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބަންދު ކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާގެ ބަންދަށް ދެ މަސް ދުވަހުގެ މުއްދަތަކަށް ލުޔެއް ދޭން ނިންމީ ކްރިމިނަލް ކޯޓުން މި މަހުގެ ހަވަނަ ދުވަހުގަ އެވެ. އެއީ ވެސް ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފަ އެވެ.
މި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ބަންދުން ދޫކޮށްލަން ވަނީ ބޭސްފަރުވާ ދިނުމުގައި އިހުމާލުވެ އޭނާއަށް ބޮޑު ގެއްލުމެއް ނޫނީ ފުރާނައަށް ނުރައްކާ ވާނެ ކަމަށް ބެލެވޭ ހާލަތުގައި ކަމަށެވެ.
އެފަދަ ހާލަތެއް ނެތުމުން ސިއްހީ ކޮންމެ ކަމަކަށް ރިއާޔަތްކޮށް ދޫކޮށްލެވޭނެ ކަމަށް ނުދެކޭ ކަމަށް ހައި ކޯޓުން ކުރި އަމުރުގައިވެ އެވެ. އެހެންވެ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ގާނޫނީ އުސޫލާ ހިލާފު ނިންމުމެއް ކަމަށާއި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަމުރު ކުރި އެވެ.
ހައި ކޯޓުން މި ގޮތަށް ނިންމެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި އިސް ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހަސަން ޝަފީއު އެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަތް މީހަކު ހައްޔަރުކުރީ 2019 ގަ އެވެ. މިއިން ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.
މީގެ ތެރޭގައި ހިމެނޭ ޝަހީބަކީ ހަމަ އެ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. އިރާން ބޯޓުން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބެވެ.













