މިއުނިކް (އޭޕްރީލް 25) - ބަޔާން މިއުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޯޯސްކީ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމާ މެދު ސުވާލު އުފެދިފައިވާއިރު، އެކަމާ ގުޅޭގޮތުން ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފި އެވެ.
ޖަރުމަނު ލީގުގައި މި ހަފްތާގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މޮޅުވެ، ބަޔާނުން ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. މި މެޗުގައި ލަނޑު ޖަހައި، ލެވަންޑޯސްކީ ވަނީ މި ސީޒަންގެ ލީގުގައި 33 ލަނޑު ހަމަކޮށްފަ އެވެ.
ބަޔާންއާ އެކު ލެވަންޑޯސްކީ ހަދާފައިވާ ކޮންޓުރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ.
ބާސެލޯނާ އިން ލެވަންޑޯސްކީ އަށް ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. ޑޯޓްމަންޑް މެޗަށް ފަހު އޭނާގެ މުސްތަގުބަލާ މެދު ނޫސްވެރިން ސުވާލުކުރުމުން ލެވަންޑޯސްކީ ބުނީ ކުރިމަގާ ގުޅޭ މަޝްވަރާތައް އަބަދުވެސް ކުރެވޭ ކަމަށެވެ.
"ވަރަށް އަވަހަށް ވަކި ގޮތެއް ނިމޭނެ. އަހަންނަށް އެނގޭ ކަމަކީ ބަޔާންއާ އެކު ބައްދަލުވުމެއް އޮތްކަން،" ލެވަންޑޯސްކީ ބުންޏެވެ.
ޑޯޓްމަންޑް އިން 2014 ވަނަ އަހަރު ބަޔާނަށް ބަދަލުވި ލެވަންޑޯސްކީ ،33، ބަޔާނަށް މިހާތަނަށް ކުޅުނު 372 މެޗުން 342 ލަނޑު ޖަހައިފަ އެވެ.
ލެވަންޑޯސްކީގެ ކޮންޓުރެކްޓް އާކުރުން ބޭނުންވާ ކަމަށް ބަޔާންގެ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. ބަޔާންގެ ސީއީއޯ އޮލިވާ ހާން ބުނީ އެ ކްލަބުން ލެވަންޑޯސްކީ އެ ކްލަބުގައި ބަހައްޓަން ބޭނުންވިޔަސް، "މުސްތަގްބަލާމެދު އޭނާ ދަނީ ވިސްނަމުން،" ކަމަށެވެ.
ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ އާއި ފޯވަޑް ތޯމަސް މުލާގެ ކޮންޓުރެކްޓް ވެސް އަންނަ އަހަރު ހަމަވާނެ އެވެ. ބަޔާންގެ ކޮންޓުރެކްޓް އާކުރަން ބޭނުންވާ ކަމަށް އެ ކުޅުންތެރިން ވެސް ވަނީ ބުނެފަ އެވެ. -- އޭއެފްޕީ












