އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއިއެކު މަޝްވަރާކޮށްފި އެވެ.
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާނުން ވާދަކުރާނެ އެވެ.
މުބާރާތް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާއިރު، މުބާރާތުގެ ރަސްމީ ލޯގޯ ވެސް މިހާރުވަނީ ލޯންޗުކޮށްފަ އެވެ. އަދި މީގެ އިތުރުން މުބާރާތުގައި ވާދަކުރާ ގައުމީ ޓީމް ވެސް މިހާރުވަނީ ފައިނަލްކޮށްފަ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބާއްވާ މުބާރާތް ފޯރިގަދަ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އާއި ޔޫތު މިނިސްޓްރީން އަންނަނީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ބައްދަލުކޮށް މަޝްވަރާ ކުރަމުންނެވެ.
އެ ގޮތުން މިހާތަނަށް މޯލްޑިވިއަން، އެޗްޑީސީ އަދި ސްޓެލްކޯގެ އިސްވެރިންނާއި ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުންތަކުގައި ޓީޓީއޭއެމްގެ އިސްވެރިންގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެވުން ތަކުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން ސަޕޯޓަރުން އިތުރުކޮށް މުބާރާތް ޕްރޮމޯޓުކުރަން ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
މި މުބާރާތަކީ ގައުމުތަކުގެ ޓޭބަލް ޓެނިސްގެ މުސްތަގުބަލު ބިނާކުރަން އިސް ރޯލެއް އަދާކުރާ މުބާރާތަކަށްވާތީ މި މުބާރާތުން ރަނގަޅު ނަތީޖާ އެއް ނެރުމަށް ޓީޓީއެމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރަހައްދީ ޖޫނިއާ ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން މާލޭގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާ އެކު ޓްރެއިނިން މެޗުތަކެއް ކުޅެން ފަށައިފަ އެވެ.
މިއީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022ގެ ހާއްސަ މެހެމާނަކަށް ރާއްޖެ އައި، ޓޭބަލް ޓެނިސްގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން ކްރޮއޭޝިއާގެ ޒޯރާން ޕްރިމޯރަކްއާ އެކު ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ކުރި މަޝްވަރާގެ އަލީގައި ހަމަޖެހިގެން ދިޔަ ޓްރެއިނިން މެޗުތަކެކެވެ.












