ކުނި އަންދައިގެން ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ގޮތަށް ޑިޒައިންކޮށްފައިވާ ޕްލާންޓެއް އައްޑޫގައި ގާއިމް ކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ބޭނުމަކަށް ދިވެހިރާއްޖެ ގެނެސްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އައްޑުއަށް ގެނައި "ވޭސްޓް ޓު އެނާޖީ" ޕްލާންޓަކީ ރާއްޖޭން ބޭރުގައި ޑިޒައިންކޮށް އުފައްދައިގެން ގެނައި ޕްލާންޓެއް ކަމަށެވެ.
ހަކަތަ އުފައްދާ ޕްލާންޓު ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ ޕްލާންޓުން 50 ޓަނުގެ ކުނި އަންދައިގެން ދުވާލަކު 1.4 މެގަވަޓް ކަރަންޓު އުފައްދޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
އެ ޕްލާންޓުން އުފައްދާ ކަރަންޓުގެ ތެރެއިން އެއް މެގަވަޓް އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑްއަށް ފީޑް ކުރެވޭނެ އެވެ. އަދި 500 ކިލޯވަޓް ބޭނުން ކުރާނީ އައްޑޫގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ބޭނުންތަކަށެވެ.
އެ މަސައްކަތް ކުރިއަށްދާ މިންވަރު އޮޅުންފިލުވުމަށާއި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުން ކޮންޓްރެކްޓަރާއި އެ މަސައްކަތާ ގުޅުން ހުރި ފެނަކައިގެ މުވައްޒަފުންނާ މިއަދު މިނިސްޓްރީގެ ވަފުދަކުން ވަނީ އައްޑޫގައި ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ވޭސްޓް ޑިޕާޓްމަންޓް، އެނާޖީ ޑިޕާޓްމަންޓް، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.











