ގދ. ތިނަދޫއަށް ޒިޔާރަތްކޮށް އެ ސަރަހައްދުގެ މަސްވެރިންނާ އެކު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުން ހޫނުވެ، ބައިވެރިވި މަސްވެރިން ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅައި އެވެ.
މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ ފަސް މެންބަރަކު މިވަގު ގދ. އަތޮޅުގައި ތިއްބެވެއިރު ސަރުކާރު ކުންފުނި ކޫއްޑޫ އާއި މަސްވެރިން ހިމެނޭ ގޮތަށް މަސްވެރިކަމާ ގުޅޭ ހުރިހާ ދާއިރާއެއްގެ މީހުންނާ ދަނީ ބައްދަލު ކުރަމުންނެވެ.
ދިވެހި މަސްވެރިން އެންމެ ގިނަ އެއް ސަރަހައްދު ކަމުގައިވާ ގއ. އަދި ގދ. އަތޮޅުގެ މަސްވެރިންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި މަސްވެރިން ބުނީ އެ އިންޑަސްޓްރީއަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށާއި އަމިއްލަ ކުންފުނި ހަދައިގެން ވިޔަފާރި ކުރެވޭނެ ގޮތެއް ބޭނުންވާ ކަމަށެވެ.
"އެފްޕީއައިޑީ، މިފްކޯ، އަޅުގަނޑުގެ އުމުރު މި ދިޔައީ، ބަނގުރޫޓު ވެފައި އޮތް ވާހަކަ ނޫން ވާހަކައެއް އަޅުގަނޑުމެން އަޑެއް ނާހަން،" ބައްދަލުވުމުގައި ބައިވެރިވި އަންހެނަކު ބުންޏެވެ.
އެ ބައްދަލުވުމުގައި މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ފަދަ ކުންފުނިތަކުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކޮށްފައިވާ ބައެއް މީހުން ބައިވެރިވި އެވެ.

އިގްތިސާދީ ކޮމެޓީގެ ފަރާތުން ގދ. އަތޮޅުގައި މި ވަގުތު ތިއްބެވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީގެ އިތުރަށް، ކޮމިޓީގެ މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނާޒިލްއާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މަސްވެރިން ވަނީ އިގްތިސާދީ ކޮމެޓީގެ މެމްބަރުން ދެއްކި ބައެއް ވާހަކަތަކަށް ރުޅިވެރިކަމާއެކު ރައްދު ދީފަ އެވެ.
"ތި ބޭފުޅުން އައިސް މިފްކޯގެ ކެޕޭސިޓީ ބޮޑު ކުރާ ވާހަކަ ދެއްކީމާ މި ތަނުގައި ހުރި ނުކިޔަވާ މީހާ ވެސް ތި ވާހަކަތައް ގަބޫލެއް ނުކުރާނެ،" މަސްވެރިޔަކު ބުންޏެވެ.
މި މެންބަރުން ވަނީ ކޫއްޑޫއަށް ވަޑައިގެން އެ ތަނުގެ އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ރޭ ތިނަދޫގައި ތިއްބެވިއިރު، މިއަދު މެންދުރު ފަހު މި ފަސް މެންބަރުން ވަނީ ގދ. އަތޮޅު ފަރެސްމާތޮޑާއަށް ވަޑައިގެންފަ އެވެ.
މިފްކޯއިން ކުރިއަށް ގެންދާ މަޝްރޫއުތައް
މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށާއި، ފިނިކޮށްފައި މަސް ބެހެއްޓޭ ޖާގަ އިތުރުކުރުމަށް މަޝްރޫއުތަކެއް ވެސް އެ ކުންފުނިން ވަނީ ފަށައިފަ އެވެ.
ކޫއްޑޫ ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާ މައްސަލަ ހައްލު ކުރަން ވެގެން ފަޅުގެ ޖާގަ ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. މި މަޝްރޫއުގެ ދަށުން ކޫއްޑޫގެ ކޯލްޑް ސްޓޯރަށް އިތުރުކުރެވޭ 4،000 ޓަނާއެކު ޖުމްލަ 6،000 ޓަނަށް ޖާގަ އިތުރު ކުރަން އޮތީ ހަމަޖެހިފަ އެވެ.
ފެލިވަރުގައި މުޅިން އަލަށް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3،500 ޓަނުގެ ކާގޯ ވެސަލް ކައިރި ކުރެވޭ ފެންވަރަށް ތަރައްގީ ކުރުމާއި، މަސްކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެ އެއް ވެސް ގާއިމް ކުރެ އެވެ.
ނިމިގެންދިޔަ 2021 ވަނަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރެވެ. އެގޮތުން މިދިޔަ އަހަރު މަސްވެރިންގެ އަތުން 58،350 ޓަނުގެ މަސް މަސް މިފްކޯއަށް ގަތެވެ. 2020 ވަނަ އަހަރު 49،000 ޓަނުގެ މަސް ގަނެފައިވާއިރު، އޭގެ ކުރީ އަހަރު ގަނެފައިވަނީ 48،000 ޓަނުގެ މަހެވެ.












