މުމްބާއީ (އޭޕްރީލް 22) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ މަޝްހޫރު ކްރިކެޓް ތަރި މަހިންދުރަ ސިންގް ދޯނީ ދެއްކި ތަފާތު ކުޅުމާ އެކު ޗެންނާއީ ސުޕަ ކިންގްސް އަތުން ހަތް ވިކެޓުން ބަލިވެ، މުމްބާއީ އިންޑިއަންސް އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ސީޒަނުގައި ދޯނީ ވަނީ ޗެންނާއި ޓީމުގެ ކެޕްޓަންކަން ރަވިންދުރަ ޖަދޭޖާއާ ހަވާލުކޮށްފަ އެވެ. އެކަމަކު، ޓީމު ލީޑުކުރުމުގައި ދޯނީ އަންނަނީ ޖަދޭޖާ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފަސް ފަހަރު އައިޕީއެލް ތަށި އުފުލާލާފައިވާ މުމްބާއީ އޮތީ ލީގު ތާވަލުގެ އެންމެ ފުލުގަ އެވެ. ހަތް މެޗު ކުޅުނުއިރު، މުބާރާތުގައި މި ފަހަރު މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ މުމްބާއީ އެވެ. ރޭ މުމްބާއީ އަތުން ޗެންނާއީ މޮޅުވުމުގައި އުމުރުން 40 އަހަރުގެ ދޯނީ ވަނީ މޮޅަށް ކުޅެފަ އެވެ. ނުބައިނުވެ، 13 ބޯޅައިން 28 ލަނޑު ހެދިއިރު، ހަތަރު ފަހަރު ހަތަރަކަށް އަދި އެއް ފަހަރު ވަނީ ހަޔަކަށް ޖަހައިފަ އެވެ.
މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީ އިން ނިންމީ ފީލްޑް ކުރުމަށެވެ. ބެޓް ކުރަން އަރައި، މުމްބާއީ އަށް ފަށަން ޖެހުނީ ވެސް އުނދަގޫ ފައްތަރެއްގަ އެވެ. ފުރަތަމަ އޯވަރުގައި މުމްބާއީގެ ކެޕްޓަން ރޯހިތު ޝަރްމާ އާއި އިޝާން ކިޝަން ނުބައިކޮށްލީ، ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އުކުންތެރިޔާ، މުކޭޝް ޗޯދަރީ އެވެ. ތިން އޯވަރުގައި ޗޯދަރީ އުކިއިރު، ތިން ވިކެޓް ނެގި އެވެ.
ހަތް ކުޅުންތެރިން ނުބައިވެގެން މުމްބާއީ އިން 155 ލަނޑު އެއްކުރި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 43 ބޯޅައިން 51 ލަނޑު ހެދި ތިލަކް ވަރްމާ އެވެ. އަދި ސޫރްޔަކުމާރް ޔާދަވް ވަނީ 21 ބޯޅައިން 31 ލަނޑު އެއްކޮށްފަ އެވެ.
ޖަވާބުގައި ޗެންނާއީ އިން ކުޅެން އަރައި، ހަތް ކުޅުންތެރިން ނުބައިވެގެން، 156 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.
އިނިންގްސް ފެށުމުގައި ޗެންނާއީ އަށް ވެސް ދިޔައީ ގޯސްކޮށެވެ. އެ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރުތުރާޖް ގައިކްވާޑް ވަނީ ލަނޑެއް ނުހެދި ފުރަތަމަ ބޯޅައިން ނުބައިވެފަ އެވެ.
ޗެންނާއީގެ ރޮބިން އުތާޕާ (25 ބޯޅައިން 30 ލަނޑު)، އަމްބަތީ ރަޔޫޑޫ (35 ބޯޅައިން 40 ލަނޑު) ހަދައި، ޗެންނާއީ މެޗުގައި ބޭއްވިއިރު، ފަހު ވަގުތު އަރައި، ދޯނީ މެޗުގެ އޮއެވަރު ބަދަލުކޮށްލައި، ޗެންނާއީ އަށް މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިދިނީ އެވެ.
ޖުމްލަ 10 ޓީމު ވާދަކުރާ އައިޕީއެލްގެ އެއް ވަނައިގައި އޮތީ ގުޖުރާތު ޓައިޓަންސް އެވެ. ދެ ވަނައިގައި އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ވެސް ވަނީ ގުޖުރާތާ އެއްވަރަށް 10 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، ގުޖުރާތަށް ކުރި ލިބެނީ ބެންގަލޫރަށް ވުރެ ނެޓް ރަން ރޭޓު ރަނގަޅުވުމުންނެވެ.
ނުވަ ވަނައިގައި އޮތް ޗެންނާއީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މުމްބާއީ އަށް އަދި ޕޮއިންޓެއް ވެސް ނުލިބެ އެވެ. މިއީ އައިޕީއެލްގެ ތާރީހުގައި މުމްބާއީގެ އެންމެ ރެކޯޑް ދަށް ފަހަރެވެ.












