ބްލެކްބާން (އޭޕްރީލް 21) - އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މަޝްހޫރު ކްލަބް، ބްލެކްބާން ރޯވާސް އިން އެ ޓީމުގެ ދަނޑު އީވުޑް ޕާކުގައި، އެ ސިޓީ އަށް ނިސްބަތްވާ މުސްލިމުން ބޮޑު ޖަމާތެއްގައި އީދު ނަމާދު ކުރަން ފުރުސަތު ދޭން ނިންމައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން، 1995 ވަނަ އަހަރު ހޯދާފައިވާ ބްލެކްބާން ރޯވާސް އަކީ މި ގޮތަށް އީދު ނަމާދު ކުރަން އެ ކްލަބްގެ ދަނޑުގައި ހުޅުވާލަދިން ދިން ފުރަތަމަ އިނގިރޭސި ކްލަބް އެވެ. އެކަމަށްޓަކައި، އިނގިރޭސިވިލާތުގައި ދިރިއުޅޭ މުސްލިމް ކޮމިއުނީޓީ ތަކުން އަންނަނީ ބްލެކްބާނަށް ތައުރީފުކުރަމުންނެވެ.
ފާއިތުވި އަހަރުތަކުގައި ބްލެކްބާން ރޯވާސް އިން ވަނީ އެ ސަރަހައްދުގެ މުސްލިމުންނަށް ހާއްސަކޮށް ބާއްވާ އީދު ފެސްޓިވަލްގައި ވެސް އެކި ގޮތްގޮތުން ހަރަކާތްތެރިވެފަ އެވެ. އެކަން، މި އަހަރު ފުޅާކުރުމުގެ ގޮތުން ބްލެކްބާން ރޯވާސް އިން ނިންމީ އެ ޓީމުގެ ހޯމް ސްޓޭޑިއަމް، އީވުޑް ޕާކްގެ ޕިޗު މަތީގައި އީދު ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލުމަށެވެ.
މުސްލިމް އާއިލާތަަކަށް ހުޅުވާލައިގެން އީދު ނަމާދުގައި ބައިވެރިވުމުގެ ފުރުސަތު ބްލެކްބާން ރޯވާސް މެނޭޖްމަންޓުން ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ގުުޅުން ބަދަހިކުރުމަށް ކްލަބްގެ އެހީގައި ވެސް ކަންތައްތަކެއް ކޮށްދިނުމުގެ ބޭނުމުގަ އެވެ. އެ ގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ބޭނުންވާ މީހުން ރަޖިސްޓްރީވާން ވަނީ ހުޅުވައިލައިފަ އެވެ.
އީދު ނަމާދުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކަށް ކްލަބާއި ބްލެކްބާން ސަރަހައްދުގެ ޖަމިއްޔާތައް މެދުވެރިކޮށް ބަހުގެ އެހީގައި ދަތުރުފަރުގެ ހިދުމަތް ފޯރުކޮށްދޭން ވެސް ވަނީ ނިންމައިފަ އެވެ.












