މެންޗެސްޓާ (އޭޕްރީލް 21) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ނެދަލެންޑްސްގެ ގަދަބާރު އަޔަކްސްގައި ހުރި ކޯޗު އެރިކް ޓެން ހާގް ހަމަޖައްސައިފި އެވެ.
ޓެން ހާގް، 52، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި މި ސީޒަން ނިމުމުން ޔުނައިޓެޑާ ހަވާލުވާއިރު، އެ އެއްބަސްވުމުގެ ތެރެއިން ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު އޮވެ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމުގެ ފުރުސަތު ލިބުމަކީ ޓެން ހާގް ދެކޭ ގޮތުގައި އޭނާ އަށް ލިބުނު ފަހުރެކެވެ. ޓެން ހާގް ބުނީ ޔުނައިޓެޑްގައި ކާމިޔާބު ތާރީހެއް އޮތްކަން އެނގޭ ކަމަށާއި ބޭނުންވަނީ ސަޕޯޓަރުންގެ އިތުބާރާ އެކު ކުރިން ޔުނައިޓެޑް އޮތް ލެވަލަށް ޓީމު ގެންދިއުމަށް ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކޮށް، އެ މަގާމަށް ޖަރުމަނުގެ ރަލްފް ރަންގްނިކް ގެނައީ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ޓީމާ ހަވާލުވިއިރު، ރަންގްނިކްގެ ވިސްނުން ދާއިމީ ކޮންޓްރެކްޓަކާ ދިމާލަށް ހުއްޓެވެ. އެކަމަކު، ފަހުން އެހެން ކޯޗެއް ގެންނަން ނިންމީ އެވެ.
ރަންގްނިކް، މި ސީޒަން ނިމުމުން ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކަށް ބަދަލުވާނެ އެވެ. ޓެން ހާގް ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖެއްސުމުގެ މަޝްވަރާގައި ރަންގްނިކް ވެސް ބައިވެރިވި އެވެ.
ޓެން ހާގަކީ 2013 ވަަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން އަލެކްސް ފާގަސަން ވަކިވި ފަހުން ދާއިމީ ކޮންޓްރެކްޓެއްގައި ޔުނައިޓެޑަށް ކޯޗުކޮށްދޭނެ ފަސް ވަނަ ކޯޗެވެ. މީގެ ކުރިން ޔުނައިޓެޑުން ވަނީ ދާއިމީ ކޮންޓްރެކްޓެއްގައި ހުރި ކޯޗުން ކަމަށްވާ ޑޭވިޑް މޮއިސް، ލުއީ ވެން ހާލް، ހޯސޭ މޮރީނިއޯ އަދި ސޯލްޝެއާގެ ކޯޗުކަމުގައި ކުޅެފަ އެވެ.
ވަގުތީ ކޯޗެއްގެ ގޮތުގައި ޔުނައިޓެޑުން ވަނީ މައިކަލް ކެރިކް އާއި ރަންްގްނިކްގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ.
ޔުނައިޓެޑާ އެކު ޓެން ހާގަށް އޮންނާނެ އެންމެ ބޮޑު އެއް ޗެލެންޖަކީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމެވެ. މި ސީޒަނުގެ ގަދަ ހަތަރެއްގައި ޔުނައިޓެޑަށް ނިންމާނުލެވިއްޖެނަަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބި، ޓެން ހާގް މަސައްކަތް ފަށަން ޖެހޭނީ ވެސް ޕްރެޝަރު ބޮޑު ހާލަތެއްގަ އެވެ.
ޓެން ހާގްގެ ކެރިއަރުގެ އުސްއަލިތައް
ނެދަލެންޑްސްގެ ގޯ އަހެޑް އީގަލްސް ޓީމުން 2012 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓެން ހާގް، އެއް އަހަރު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރުމަށް ފަހު ދެން ދިޔައީ ބަޔާން މިއުނިކްގެ ދެ ވަނަ ޓީމަށް ކޯޗުކޮށްދޭށެެވެ.
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ބަޔާން މިއުނިކާ ހަވާލުވެހުރިއިރު، 2013-2015 އަށް ޓެން ހާގް ހުރީ ބަޔާންގެ ދެ ވަނަ ޓީމުގެ ކޯޗަކަށެވެ. ބަޔާންގެ ޔޫތު ޓީމުގައި ހޭދަކުރި ދެ އަހަރަށް ފަހު ޓީމެއްގެ ހެޑް ކޯޗެއްގެ މަގާމުގައި ހުންނަން ބޭނުންވާތީ، ޓެން ހާގް ވަނީ އަލުން ނެދަލެންޑްސް ލީގަށް ބަދަލުވެފަ އެވެ.
އެ ގޮތުން 2013 ވަނަ އަހަރު ނެދަލެންޑްސްގެ ޔޫޓްރެކްޓްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާއި ހެޑް ކޯޗުގެ ޒިންމާ އެކު އެކީގައި ނަގައި، ޓެން ހާގް ވަނީ އެ ޓީމަށް އެކަށީގެންވާ ކުރިއެރުމެއް ހޯދައިދީފަ އެވެ. ފުރަތަމަ ސީޒަނުގައި ލީގުގެ ފަސް ވަނައިގައި ނިންމިއިރު، ދެ ވަނަ ސީޒަނުގައި ގަދަ ހަތަރަކަށް އަރައި، ޔޫޓްރެކްޓަށް ޔޫރޮޕާ ލީގު ކޮލިފައިން އިން ފުރުސަތު ހޯދައިދިނެވެ.
ޓެން ހާގް، މިހާރު ކޯޗުކޮށްދެމުން އަންނަ އަޔަކްސްއާ ހަވާލުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އެ ޓީމު ގޮވައިގެން އަހަރުން އަހަރަށް ޓީމެއް އެކުލަވާލައި ކުރި ރަނގަޅު މަސައްކަތުން ޓެން ހާގް ވަނީ 2019 ވަނަ އަހަރު އަޔަކްސް އަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިދީފަ އެވެ. ޗެމްޕިިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެ ފަހަރު ސެމީން ފުރުސަތު ހޯދި، އަޔަކްސް އަށް ފައިނަލުން ފުރުސަތު ނުލިބުނީ ސެމީގެ ދެ ވަނަ ލެގުގެ ފަހު ވަގުތު ޓޮޓެންހަމުން ލަނޑު ޖެހުމުންނެވެ. އެ ފަހަރު އަޔަކްސް އިން ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދަތުރުކުރުމަކީ 1997 ވަނަ އަހަރަށް ފަހު އެ ޓީމަށް ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅު ނަތީޖާ އެވެ.
އަޔަކްސް ގޮވައިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ހަ މެޗުން މޮޅުވި ނަމަވެސް ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ހަނި ގޮތަކަށް ބެންފީކާ އަތުން ކެޓީ އެވެ. ޓެން ހާގް ވަނީ އަޔަކްސްއާ އެކު ނެދަލެންޑްސްގެ ލީގާއި ކަޕް ދެ ފަހަރު ހޯދައިފަ އެވެ.
އަޔަކްސްގައި ޓެން ހާގްގެ ރެކޯޑަކީ 210 ތިން މެޗުން 156 މޮޅު، 25 އެއްވަރު އަދި 29 ބައްޔެވެ. އަޔަކްސްއާ އެކު ޓެން ހާގް ވަނީ ނެދަލެންޑްސްގެ ލީގު ދެ ފަހަރު، ކަޕް ދެ ފަހަރު އަދި ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ޓެން ހާގަކީ ޔޫތު ކުޅުންތެރިން ޑިވެލޮޕްކޮށްގެން ގެނެސް ސީިނިއާ ފުޓްބޯޅަ އަށް ނެރެދިނުމުގައި ނަތީޖާ ނެރެފައިވާ ކޯޗެކެވެ. އެ ގޮތުން ޓެން ހާގް އަޔަކްސްގައި ކޮށްފައިވާ މަސައްކަތުގެ ތެރެއިން ސީނިއާ ފުޓްބޯޅަ އަށް ނެރުނު ދެ ކުޅުންތެރިއަކީ ފްރެންކީ ޑި ޔޯން އާއި މަތައިސް ޑި ލިޓް އެވެ.
ޔުނައިޓެޑުން ޓެން ހާގަށް އެންމެ ބޮޑަށް ޝައުގުވެރިވި ސަބަބަކީ ވެސް ޓީމެއް ޑިވެލޮޕްކުރުމުގައި އޭނާގެ ވިސްނުން ރަނގަޅުވުމުންނެވެ. އަދި ޓީމެއް ރަނގަޅު މިސްރާބަކަށް ގެންދަން ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ޓެން ހާގްގެ ރަނގަޅު ސްކައުޓިން ނެޓްވޯކެއް އޮތުމަކީ ވެސް ޔުނައިޓެޑަށް އޮތް ހިތްހަމަ ޖެހުމެކެވެ. ޔުނައިޓެޑުން ވަނީ ޓެން ހާގް ބެލުމުގެ ދަށުން ސްކައުޓިން ނެޓްވޯކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވެސް ފަށައިފަ އެވެ.












