މެޑްރިޑް (އޭޕްރީލް 20) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑުން 3-1 އިން އޮސަސޫސާ އަތުން މޮޅުވި މެޗުގައި ރެއާލްގެ ތަރި ކަރިމް ބެންޒެމާ އަތުން ދެ ޕެނަލްޓީ ނާކާމިޔާބުވެއްޖެ އެވެ.
މެޗުގެ ދެ ވަަނަ ހާފުގެ ހަތް މިނިޓް ތެރޭ ބެންޒެމާ ފޮނުވާލި ދެ ޕެނަލްޓީ ވެސް އޮސަސޫނާ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މަތަކޮށްފަ އެވެ. ދާދި ފަހުން، ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ ދަނޑުގައި އެ ޓީމު ކޮޅަށް ވެސް ބެންޒެމާ ފޮނުވާލި ތިން ޕެނަލްޓީގެ ތެެރެއިން އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ބެންޒެމާ ވަނީ މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 44 ގޯލު ޖަހައިފަ އެވެ.
ރެއާލުން ލީޑުނެގީ މެޗުގެ 12 ވަނަ މިނިޓްގައި ބެންޒެމާގެ ރޯލު ހިމެނޭ ގޮތަށް ކުރި އެޓޭކެއްގައި ޑޭވިޑް އަލަބާ ޖެހި ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން އޮސަސޫނާ އިން އެއްވަރުކުރި އެވެ. އޮސަސޫނާގެ ޗިމީ އަވީލާ ދިން ބޯޅައަކުން މި ގޯލު ޖެހީ އަންޓޭ ބުޑިމިއޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މާކޯ އަސެންސިއޯ ޖެހި ގޯލުންނެވެ. މިއީ ޑެނީ ސެބާޔޯސް ކުރި އެޓޭކެއްގެ ފައިދާނަގައި، އޭރިއާތެެރެއިން އަސެންސިއޯ ޖެހި ގޯލެކެވެ.

ރެއާލްގެ އަސެންސިއޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފް ކުޅުން ފަށައިގެން ލީޑުފުޅާކުރަން 52 އާއި 59 މިނިޓްގައި ލިބުނު ޕެނަލްޓީތައް ބެންޒެމާ އަށް ކާމިޔާބެއްނުވި އެވެ. އޭގެ ފައިދާނަގަން އޮސަސޫނާ އިން ކުރި މަސައްކަތް ނާކާމިޔާބުވިއިރު، އިތުރު ވަގުުތުގެ ހަ ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ލޫކަސް ވަޒްކޭޒް ވަނީ ރެއާލްގެ ތިން ވަނަ ގޯލު ޖަހައިދީ، މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެެވެ.
މިރޭގެ ނަތީޖާއާ އެކު ރެއާލް ވަނީ ލީގުގެ ކުރީގައި 17 ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ރެއާލަށް 33 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ބާކީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ވެސް އެ ޓީމަށް ލީގު ކަށަވަރުކުރެވޭނެ އެވެ.
ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ މިރޭ ގްރަނާޑާއާ 0-0 އިން އެއްވަރުވެފަ އެވެ. އެތުލެޓިކޯ އަށް 33 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ބާސެލޯނާ އޮތީ 31 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް ވަނީ 32 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.
ރެއާލުން މިރޭ ކުޅުނީ ތަޖުރިބާކާރު ލޫކަ މޮޑްރިޗް ނުލަ އެވެ. އެއީ އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީއާ ކުޅޭ މެޗުގެ ކުރިން ޓީމު ރޮޓޭޓްކުރުމުގެ ވިސްނުމުގައި ކަމަށް މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓި ވަނީ ބުނެފަ އެވެ.












