މި އަހަރުގެ ފެބްރުއަރީ މަހު، ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު (އައިސިސް ހޫދު) ގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
އިއްޔެ ބަންދާ މެދު ގޮތެއް ނިންމަން ހޫދު ހާޒިރު ކުރި އިރު، އޭނާއާ ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފައިވާ ކަމަށް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ނެރުނު އަމުރުގައިވެ އެވެ.
އޭގައިވާ ގޮތުން، ހޫދުގެ ފޯނާއި ހާޑް ޑިސްކް ފަދަ އެއްޗެއްސަށް މައުލޫމާތުތައް ހުންނަ ތަކެތި އަޅާފައިވާއިރު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މައުލޫމާތު ވެސް ހުރެދާނެ ކަމަށް ހޫދު ވަނީ ބުނެފަ އެވެ. އެކަމަކު ޓެރަރިޒަމްގެ ވިސްނުމެއް ނެތް ކަމަށާއި އޭނާއަކީ މައުލޫމާތު ހޯދާ ހިތްވާ މީހެއް ކަމަށް ބުނެފައިވެ އެވެ.
މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހްމީ ވިދާޅުވީ ތުހުމަތުތަކަށް ހޫދު އިންކާރު ކުރި ނަމަވެސް އެއަށް ބާރު ލިބިދޭ ވަރުގެ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާތީ، ދައުލަތުން އެދިފައިވާ ގޮތަށް ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރައްވާ ކަމަށެވެ.
ހޫދަށް ކުރާ ދައުވާތައް
ފުރަތަމަ ދައުވާއަކީ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އެވެ. އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދައުވާ ކުރި ސަބަބަކީ ސޯޝަލް މީޑީއާގެ އެކި އެކައުންޓްތައް ބޭނުންކޮށް ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާ ދިނުމާއި މެރުމާއި، ތަންތަނަށް އުދުވާނީ ހަމަލާ ދޭން ގޮވާލާފައިވުމެވެ.

ދެވަނަ ދައުވާއަކީ، އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާ އެވެ. އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ދައުވާ ކުރި ސަބަބަކީ އައިއެސްއަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވުމެވެ.
ތިންވަނަ ދައުވާއަކީ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މި ދައުވާ ކުރި ސަބަބަކީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވުމެވެ.
ހަތަރުވަނަ ދައުވާއަކީ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މި ދައުވާ ކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ އޭނާ އައިއެސް ޖަމާއަތަށް ތާއީދު ކޮށްފައިވުމެވެ.
ފަސްވަނަ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ. އަސާސީ އަދަބަކީ އަހަރަކާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ދައުވާ ކުރި ސަބަބެއްގެ ގޮތުގައި ބުނީ، އައިއެސް ޖަމާއަތާއި އެ ޖަމާއަތުގެ އެކި ވިލާޔަތްތަކަށް ތާއީދު ކުރާ ކަން ދޭހަވާ ފަދަ ލިޔުންތަކާއި ފޮޓޯއާއި ވީޑިއޯ ގެންގުޅެފައިވުމެވެ.
ހޫދު މައްސަލައިގެ ފަސްފަހަތް
އުމުރުން 30 އަހަރުގެ ހޫދު ހައްޔަރު ކޮށްފައިވަނީ ވިލިމާލޭގައި ފުލުހުން ހިންގި އެންޓި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލައި އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދީފައިވާ ކަމަށް އޭނާއަށް ތުހުމަތު ކުރެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ހޫދު ހައްޔަރުކުރިއިރު، އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، އައިއެސް އަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުނެ އެވެ.
މި ނޫހަށް ޔަގީންވެފައިވާ ގޮތުގައި ހޫދަކީ، ވިލިމާލޭގައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއްގައި ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް ކުށް ސާބިތެއް ނުވި އެވެ.
ހޫދަކީ ކުރިން މާލޭގައި ޕިކަޕު ދުއްވަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ ފަހުން ޕިކަޕު ދުއްވުން ހުއްޓާލައި މަސައްކަތެއްނުކޮށް ހުރީ ކަމަށް، އޭނާ ދަންނަ މީހުން މި ނޫހަށް ކިޔައިދިނެވެ.












