ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގައި އިއްޔެ ހަވިރު ކުޅުނު މެޗުން ރައީސް އޮފީސް ބަލިކޮށް ޔޫތު މިނިސްޓްރީން ދެ ވަނަ މޮޅު ހޯދައިފި އެވެ.
އޮފީސް މުބާރާތުގައި ޔޫތު މިނިސްޓްރީ ކުޅުނު ފުރަތަމަ މެޗުން ވަނީ މުލިއާގޭ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އިއްޔެ ހަވީރު 27 ލަނޑުން ރައީސް އޮފީސް ބަލިކޮށް ޔޫތު މިނިސްޓްރީ އޮތީ އޮފީސް މުބާރާތުގެ ގްރޫޕް ބީގެ އެއް ވަނައިގަ އެވެ.
ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޔޫތު މިނިސްޓްރީން ނިންމީ ބެޓް ކުރުމަށެވެ. އެ ގޮތުން އަށް އޯވަރުގެ ތެރޭގައި ޔޫތު މިނިސްޓްރީން 142 ލަނޑު އެއްކުރިއިރު، އެ ޓީމުން ރަނގަޅަށް ކުޅުނެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ 14 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ސައިފުލް އިސްލާމް ވަނީ 12 ބޯޅަ އިން 33 ލަނޑު ހަދައިފަ އެވެ.

ރައީސް އޮފީހާއި ޔޫތު މިނިސްޓްރީގެ ޓީމު.
ޖަވާބުގައި ރައީސް އޮފީހުން ކުޅެން ނުކުމެ، އަށް އޯވަރު ހަމަވިއިރު، ހެދުނީ 115 ލަނޑެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުއްވި މި މެޗުގައި ރައީސް އޮފީސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11 ބޯޅައިން 34 ލަނޑު ހެދި މުންޝިދު މުހައްމަދާއި 16 ލަނޑު އެއްކުރި އަހުމަދު ފަޔާޒް އެވެ.
އިއްޔެ އެމްއެމްއޭ އިން ވަނީ ހަޔާ އެޑިއުކޭޝަން ހަތް ވިކެޓުން ބަލިކޮށް، ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެމްއެމްއޭ އިން ޓޮސް ދިމާވުމުން ނިންމީ އުކުމަށެވެ. ހަޔާ އެޑިއުކޭޝަނުން ކުޅެން އަރައި، އަށް އޯވަރުގެ ތެރޭގައި ހެދުނީ 98 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި އާދަމް އަބްދުﷲ އެވެ. ޖަވާބުގައި އެމްއެމްއޭ އިން ކުޅެން އަރައި، ކުޅުންތެރިއަކު ނުބައިނުވެ، 6.2 އޯވަރުގެ ތެރޭގައި 100 ލަނޑު ހަދައި، މެޗުން މޮޅުވި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ބޯޅަ އަށް 35 ލަނޑު ހެދި އަހުމަދު ޝިހާދު އަބްދުލް ހަމީދު އެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ.












